އެމެރިކާގެ ލަސްވެގާސްގައި މަރުކަޒު ވެގެން ހުންނަ މަޝްހޫރު އިންވެސްޓަރު، ޖޭ ބްލޫމްއަށް، އޭނާގެ ކުންފުނީގެ ސަބްމަރސިބަލްގެ ދެތިން ޓިކެޓް ވިއްކާލުމަށް، ކަނޑު އަޑީގެ ފުން ސަރަޙައްދުތަކުގެ ދަތުރުތަކަށް ޚާއްޞަ ކުންފުނި – 'އޯޝަންގޭޓް'ގެ ކޯފައުންޑަރެއް ކަމަށް ވާ ސްޓޮކްޓަން ރަޝް މަސައްކަތް ކުރާތާ އަހަރެއްހާ ދުވަސްވެދާނެއެވެ. ބްލޫމްއާއި އޭނާގެ ފިރިހެން ދަރިފުޅަށް ވިއްލާވޭތޯ ރަޝް މަސައްކަތް ކުރަމުން ދިޔަ ސަބްމަރސިބަލް ޓިކެޓްތަކަކީ ބަދު ނަސީބުން ފުރިގެން ވި ގޮތަކަށް ނިމިގެން ދިޔަ 'ޓައިޓަން'ގެ ހިތްދަތި ދަތުރުގެ ޓިކެޓްތަކެކެވެ. ޤަރުނަކަށް ވުރެ ކުރިން، އުތުރު އެޓްލާންޓިކް ކަނޑުގެ އެކަހެރި ސަރަޙައްދުން ގަނޑުފެންގަނޑެއްގައި ޖެހި، ދެބުރިވެގެން އަޑިއަށް ދިޔަ މަޝްހޫރު މަނަވަރު – 'ޓައިޓޭނިކް'ގެ މަންޒަރުތައް ހަމަލޮލުން ބަލާލުމުގެ ފުރުޞަތު ދޭ ދަތުރުގެ ޓިކެޓްތަކެވެ.
ޖޫން 23 ވީ ހުކުރު ދުވަހު، ބްލޫމް، މީޑިއާއަށް އިންޓަރވިއު ދެމުން ދިޔައީ ނުހަނު ޝަޢުޤުވެރިކަމާއެކީގައެވެ. ބްލޫމްގެ 20 އަހަރުގެ ފިރިހެން ދަރިފުޅު، ޝޯންއަކީ އޭނާ އެންމެ ކުޑައިރުއްސުރެވެސް އިނގިރޭސި ފަސެންޖަރލައިނަރ ނުވަތަ ޓައިޓޭނިކްގެ ހާދިޘާއާއި ވާހަކަތަކަށް އާދަޔާ ޚިލާފު ޝަޢުޤުވެރިކަމެއް ދެމުން އައި ކުއްޖެކެވެ. ނަމަވެސް ޓައިޓަން ސަބްމަރސިބަލްގައި ޓައިޓޭނިކް ބަލާލަން ދިއުމަށް ކުރަންޖެހޭ ދަތުރުގެ ވާހަކަތައް ބަލާ، ހޯދާ، ދިރާސަ ކުރަމުން ދިޔަ ވަރަކަށް ބްލޫމްގެ ހިތުގައި ނުތަނަވަސްކަން އުފެދެމުން ދިޔައެވެ. ސަބްމަރސިބަލްގެ ސަލާމަތާއި ރައްކާތެރިކަމުގެ ހާލަތާ މެދު ކަންބޮޑުވަމުން ދިޔައެވެ.
ހިތަށް ވެރިވަމުން ދިޔަ ނުތަނަވަސްކަމުގެ ސަބަބުން އެންމެ ފަހުން ބްލޫމް ނިންމީ ޓައިޓަން ދަތުރު ދޫކޮށްލުމަށެވެ. ޓައިޓޭނިކް ބަލާލުމަށް މި މޫސުމުގައި ކުރާ އެންމެ ފަހު ދަތުރުން ޖާގައެއް ދިނުމަށް ރަޝް ހުށަހެޅުމަށް، ބްލޫމްގެ ދެބަފައިން، އިޚުތިރާމާއެކު އިންކާރު ކުރިއެވެ. އުޒުރެއް ކަމަށް ބުނީ، އެދެބަފައިންގެ ތާވަލު ހަމަޖެހިފައި އޮތް ގޮތުން ފުށުއެރުންތަކެއް ހުރީ ކަމަށެވެ. މައުލޫމާތު ލިބޭ ގޮތުގައި ބްލޫމްގެ ދެބަފައިންނަށް ޓިކެޓް ހުށަހަޅާފައި ވަނީވެސް އެހެން މީހުންނަށް ވުރެ ހެޔޮ އަގެއްގައެވެ. ބޮލަކަށް 150000 ޑޮލަރުގެ ރޭޓުންނެވެ.
މިކަން ފެށުނީ މީގެ އަހަރެއްހާ ދުވަސް ކުރިން. ސްޓޮކްޓަންއަށް އަހަރެން ތަޢާރަފުވެ، ޓައިޓޭނިކް ބަލާލަން ދިއުމުގެ ވާހަކަތައް ދެކެވެން ފެށި. ކޮންމެއަކަސް ވަރަށް ޝަޢުޤުވެރި ވާހަކަތަކެއް އަޑު އިވުނީ. އޭނަ ބުނި ގޮތުން ވިއްޔާ ޓައިޓޭނިކް ފެތިފަ އޮތް ސަރަޙައްދަށް މިހާތަނަށް ޑައިވް ކޮށްފަ ތިބި މީހުންގެ ޢަދަދު 200 އަށްވެސް ނާރާ. ޓައިޓޭނިކް ބަލާލަން ދިޔަ މީހުންނަށް ވުރެ ޖައްޗަށް ދިޔަ މީހުންވެސް ގިނަ. އެހެންވީމަވެސް ވަރަށް ކޮށްލާ ހިތްވާ ކަމަކަށްތާ ވާނީ ދޯ. ދެން ހުރީ އަހަރެންގެ ފިރިހެން ދަރިފުޅު. އެއީ އެންމެ ކުޑައިރުވެސް ޓައިޓޭނިކްގެ ވާހަކަތަކަށް ވަރަށް ޝަޢުޤުވެރިވި ކުއްޖެއް. ޓައިޓޭނިކާ ގުޅޭ ހުރިހާ ތަފާސް ހިސާބުތަކެއް އެނގޭނެ. އެ މައުލޫމާތުތައް ގިރައިގެން ބޮއެގެން ހުރި ކަހަލަ. އެހެންވެސް ސްޓޮކްޓަން ގާތު އަހަރެން ބުނިން، ދަތުރުގަ ބައިވެރިވާ ޝަޢުޤު އެބަ ހުއްޓޭ. މިދިޔަ އަހަރެއްހާ ދުވަހު ދެކެވުނީ އެވާހަކަތައް. ފޯނާއި ވަޓްސްއެޕާއި އީމެއިލްގެ އިތުރުން، ދެމީހުން ބައްދަލުވެގެންވެސް އެވާހަކަ ދެކެވެމުން ދިޔައީ. ދަރިފުޅާ އެވާހަކަތައް ހިއްސާ ކުރީމަ، އޭނަވެސް އެންމެ ފުރަތަމަ ވަރަށް އެކްސައިޓް ވެގެން އުޅުނީޖޭ ބްލޫމް؛ ޓައިޓަން ދަތުރަށް އިންކާރު ކުރި އިންވެސްޓަރ
ބްލޫމް ދެން ބުނި ވާހަކައަކީ، އެ ވާހަކަ އަޑުއަހާ މީހެއްގެ ގައިން ހީބިހި ނަގުވާ ފަދަ ވާހަކައެކެވެ. ބްލޫމްގެ ދެބަފައިން ދަތުރަށް އިންކާރު ކުރުމުން، އެ ފުރުޞަތު ދިނީ ޕާކިސްތާނުގެ މަހުޖަނެއް ކަމަށް ވާ ދާވޫދުގެ ދެބަފައިންނަށެވެ.
ޓައިޓަން ސަބްމަރސިބަލްގެ ބައިތަކެއް، ކަނޑު އަޑީގެ ސަތަހައިން ފެނިއްޖެ ކަމަށް ޖޫން 22 ވަނަ ދުވަހު އެމެރިކާގެ ކޯސްޓް ގާޑުން ޢިއުލާން ކުރުމާއެކހެން ބްލޫމް ވަނީ އޭނާއާއި ރަޝްއާ ދެމެދު މިއަހަރުގެ ކުރީކޮޅު ބަދަލު ކުރި ޓެކްސްޓް މެސެޖުތަކެއް، އޭނާގެ ފޭސްބުކް އެކައުންޓްގައި ހިއްސާކޮށްފައެވެ. އެ މެސެޖުތަކުގައި ރަޝް ވަނީ، ޓައިޓަންގެ ދަތުރަކީ ނުރައްކާތެރި ދަތުރެއް ކަމަށް ކުރެވޭ ހީތަށް ދޮގުކޮށްފައެވެ.
ދެން މި ވީ ގޮތަކީ، ދަރިފުޅާއި އޭނަގެ ރައްޓެއްސަކާ ދެމީހުން ދިރާސާތައް ކުރަން ފެށީ. ގޯސްކޮށް ދިމާވެދާނެ ކަންކަން ބަލާ، ވަރަށް ގިނަ ކަންބޮޑުވުންތައް ފާޅު ކުރި. އަހަރެންވެސް ބައެއް ދިރާސާތައް ކޮށް، ގޫގަލް މެދުވެރިކޮށް މަޢުލޫމާތު ހޯދަން ފެށީ. ކަންބޮޑުވުންތަކެއް އުފެދިގެން، ސްޓޮކްޓަންގެ ސަމާލުކަމަށްވެސް އެކަންކަން ގެނައިން. އޭނަ ހުރީ އެ ހުރިހާ ވާހަކަތަކެއް ޤަބޫލު ކުރާ ކަހަލަ ގޮތަކަށް ނޫން. އެނގެއެއްނު މި ބުނަން އުޅޭ އެއްޗެއް. އޭނައަށް ހީވެފަ އޮތީ، އެކަން މި ކުރަނީ އެންމެ ޒަމާނީ، އެންމެ ވަރުގަދަ އާލާތްތައް ބޭނުން ކޮށްގެންނޭ. މިހާރުވެސް ޓެސްޓުކޮށްފަ ހުރި ވަސީލަތްތަކެއް ބޭނުންކޮށްގެންނޭ. ދަރިފުޅާ އެއްވަރަށް އަހަރެންވެސް ހުރީ ކަންބޮޑުވެފަ. ވިޔަފާރީގެ މަޤްޞަދަށް ސަބްމަރސިބަލްގަ ސްޓޮކްޓަން ބޭނުން ކުރަމުން ދިޔައީ، ފަރުދީ ފެންވަރުގަ ބޭނުން ކުރާ ކޮލިޓީގެ ސާމާނު. އެކަން އޭނަ ކުރަމުން ދިޔައީ މުޅި ދުނިޔޭގައިވެސް އޮތް އެންމެ ހައްސާސް އެއް މާޙައުލުގަޖޭ ބްލޫމް؛ ޓައިޓަން ދަތުރަށް އިންކާރު ކުރި އިންވެސްޓަރ
ޝޯން ބުނި ގޮތުގައި ދަތުރާ ބެހޭ ދިރާސާތައް ބައްޕައާ ހިއްސާ ކުރުމުން ރަޝް ވަނީ އޭނާއަށް ގުޅާ، އެ މީހުންނަށް ލިބިފައި އޮތީ ނުރަނގަޅު މައުލޫމާތު ކަމަށް ބުނެފައެވެ.
އަހަރެން ގުޅީ، އެންމެ ފުރަތަމަ ޓައިޓޭނިކް ހޯދި ރޮބަރޓް ބޯލަރޑްއަށް. އަހަރެންގެ ހިތުގަ އުފެދުމުން ދިޔަ ސުވާލުތަކަށް ސްޓޮކްޓަން އަތުން ޖަވާބެއް ހޯދާދެން އަހަރެން އެދުނީ ބޯލަރޑް ގާތުން. ދެން ސްޓޮކްޓަން އަހަންނަށް ގުޅާ ބުނީ، މަށާއި މަގޭ އެކުވެރިޔާއަށް ނުބައި މައުލޫމާތުތަކެއް ލިބިފަ އޮތް ވާހަކަ. އެނގޭތަ، އަހަރެން އަސްލުގަވެސް ހަމަ ހިތަށް އެރި، ނުބައި މައުލުމާތުތަކެކޭ ލިބިގެން މިއުޅެނީ. އެކަމަކު، އެއީ ފުރާނަ ނުރައްކަލަށް ހުށަހައިގެން ކުރަން ހެޔޮ ވާ ވަރުގެ ކަމެއް ނޫން. ޖޭމްސް ކެމެރަން މެން ގޮތަށް ބޮޑެތި ސަބްމެރީޏްތަކާއި އެތައް ޓަނެއްގެ އާލާތްތަކާއި ފަންޑިންގް އޮވެގެން އަހަރަމެން ކުރާ ކަމެއް ނޫންވިއްޔާ. އަހަރަމެން ދާން މިއުޅުނީ ސްޓޮކްޓަންގެ ކުޑަކުޑަ ސަބްމަރސިބަލްއެއްގަ. 5 މީހުންނާއެކީ. ކަނޑުގެ އެންމެ ފުނަށް. އަހަންނަކަށް އެކަން ދެކޮޅެއް ނުޖެއްސުނު. އަހަރަމެން ދެއްކިން، ސަބްމަރސިބަލް އެތެރެއަށް ގޮވާފާނެ ވާހަކަވެސް. އަހަރަމެން ބުނިން، ދަތުރުގެ މެދަކާ ހިސާބުން ސަބްމަރސިބަލް އެތެރެއަށް ނުގޮވާނެ ގޮތީ ނެތް ގޮތެކޭ. ދެން މި އިވުނީ ޓައިޓަން ގެއްލިގެން އުޅޭ ވާހަކަ. އަހަރަމެންގެ ފުރަތަމަ ނަޒަރިއްޔާއަކަށްވެސް ވީ ހަމަ ސަބްމަރސިބަލް އެތެރެއަށް ގޮވުންޝޯން ބްލޫމް؛ ޓައިޓަން ދަތުރަށް އިންކާރު ކުރި އިންވެސްޓަރ ގެ ދަރިފުޅު
5 މީހުންނާއެކު ދަތުރު ކުރަމުން ދިޔަ ޓައިޓަން ސަބްއަށް ވީ ނުވީއެއް ނޭނގި ގެއްލުނު ޚަބަރާއެކު ބައިނަލްއަޤުވާމީ މީޑިއާގެ ފަލަ ސުރުޚީތަކަށް އެ ވާހަކަ އެރިއެވެ. މަހުޖަނު ފަތުރުވެރިންތަކެއް ގޮވައިގެން ދަތުރު ކުރަމުން ދިޔަ ސަބްމަރސިބަލް ހޯދުމަށް، ބައިނަލްއަޤުވާމީ ފެންވަރުގެ ސަރޗް އޮޕަރޭޝަންތައް ހިންގަން ފެށިއިރު، މީގެ ހަމަ ކުޑަ ދުވަސްކޮޅެއް ކުރިން، ނިކަމެތި ރެފިއުޖީންތަކެއް ގޮވައިގެން ދަތުރު ކުރަމުން ދިޔަ މަސް ބޯޓެއް، ގްރީސްގެ ރަށް ބޭރަށް ބަންޑުން ޖަހާލާ، އެތައް ބައެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.
ގްރީސްގެ ރަށްބޭރަށް ފެތުރު މަސްބޯޓުން ދަތުރު ކުރި މީހުންގެ ވާހަކަތަކަށް މީޑިއާއިން ދިން ސަމާލުކަމަށް ވުރެ މާ ބޮޑު ސަމާލުކަމެއް، ޓައިޓަން ސަބްމަރސިބަލްއަށް ދެމުން ދާ ކަން، އެމެރިކާގެ ކުރީގެ ރައީސް ބަރާކް އޮބާމާވެސް ވަނީ ފާހަގަ ކުރައްވާފައެވެ.
ޚަބަރު އަޅުވާލިއަސް، ލެޕްޓޮޕް ހުޅުވާލިއަސް، ސޯޝަލް މީޑިއާއަށް ވަދެލިއަސް، ހަމަ ކޮންމެ ފަހަރަކު މި ފެންނަނީ ޓައިޓަން ދަތުރު ދިޔަ ދެބަފައިންގެ ފޮޓޯ. އެތަނުގަ އޮތީ އަހަރަމެން ދެބަފައިންގެ ތަސްވީރަށް ވުމުގެ ފުރުޞަތު އޮތް. ބަލަހައްޓައިގެން އިން ސްކްރީންއިން ފެންނަން އޮތް ފޮޓޯއަކީ، އަހަރަމެންގެ ތަސްވީރަކަށް ވުމުގެ ފުރުޞަތު އޮތް. ކޮންމެ ޚަބަރެއްގަ އޮތީ އަހަރަމެންގެ ވާހަކައަށް ވުމުގެ ފުރުޞަތު އޮތް. ވަރަށް ބިރުވެރި އިޙުސާސެއް ކުރެވެނީޖޭ ބްލޫމް؛ ޓައިޓަން ދަތުރަށް އިންކާރު ކުރި އިންވެސްޓަރ
ޓައިޓޭނިކް ބަލާލުމަށް ފަތުރުވެރިން ގޮވައިގެން ފިނި ޓައިޓަންގެ ބައިތައް ހޯދީ، ކަނޑު އަޑިއަށް ފީނުމުގެ ޤާބިލުކަން ލިބިފައިވާ ރޮބޮޓް އުޅަނދެއް ބޭނުން ކޮށްގެންނެވެ. ކެނެޑާގެ ބޯޓަކުން ދޫކޮށްލި ރޮބޮޓް އުޅަނދުން ޓައިޓަންގެ ބައިތައް ހޯދީ، މީގެ ޤަރުނެއް ކުރިން ފެތުނު ޓައިޓޭނިކް މަނަވަރުގެ ކޮޅުފަސްކޮޅާ އެންމެ 488 މީޓަރު ދުރުން، ކަނޑުގެ ސަތަހާގައި ފެތުރިފައި ވަނިކޮށެވެ. އެއީ ކަނޑުގެ ލޮނުގަނޑުގެ މަތީ ފަށަލައިން ބަލާ ކަމުގައި ވާނަމަ 2.5 މޭލު ނުވަތަ 4 ކިލޯމީޓަރު ފުނެވެ.
22 ފޫޓުގެ ސަބްމަރސިބަލްއިން ދަތުރު ކުރި 5 މީހުންގެ ތެރޭގައި ހިމެނެނީ ޢުމުރުން 58 އަހަރުގެ އިނގިރޭސި ބިލިއަނަރު އަދި އެކްސްޕްލޯރަރ ހަމީޝް ހާޑިންގް، ފަރަންސޭސި އޯޝަނަގްރާފަރ އަދި ޓައިޓަންގެ ތަޖުރިބާކާރެއް ކަމަށް ވާ ޢުމުރުން 77 އަހަރުގެ ޕޯލް-އޮންރީ ނާޖިއޯލެޓް، އާއި ޕާކިސްތާނަށް އުފަން، ޢުމުރުން 48 އަހަރުގެ ވިޔަފާރިވެރިޔާ ޝާހްޒާދާ ދާވޫދުއާއި އޭނާގެ 19 އަހަރުގެ ފިރިހެން ދަރިފުޅު، ސުލައިމާން ދާވޫދްއެވެ. ސުލައިމާނުގެ ދެބަފައިންނަކީވެސް އިނގިރޭސި ރަށްވެހިކަން ހޯދާފައި ވާ 2 މީހުންނެވެ. 5 ވަނަ މީހަކީ ސަބްމަރސިބަލް ޕައިލެޓެއްގެ ގޮތުގައި އިން އޯޝަންގޭޓްގެ ޗީފް އެގްޒެކެޓިވް އަދި ބާނީ ސްޓޮކްޓަން ރަޝްއެވެ. އޭނާއަކީ އެމެރިކާގެ ރައްޔިތެކެވެ.
ޓައިޓަންއާ ޙަވާލުވެގެން ކަނޑުމަތީގައި އޮތް އުޅަނދާ ގުޅުން ކެނޑުނީ، ޓައިޓޭނިކް ފެތިފައި އޮތް ސަރަޙައްދަށް ފީނުމަށް ކުރަން ޖެހޭ 2 ގަޑިއިރުގެ ދަތުރު ފެށިތާ 1 ގަޑިއިރާ 45 މިނެޓް ފަހުން، ޖޫން 11 ވަނަ ދުވަހުއެވެ.