ކ. މާލެ
|
13 ޖުލައި 2017 | ބުރާސްފަތި 00:40
ޒެނިތް އަދި ޓީރެކްސް ބައްދަލުކުރި މެޗުގެ ތެރެއިން
ޒެނިތް އަދި ޓީރެކްސް ބައްދަލުކުރި މެޗުގެ ތެރެއިން
އެފްއޭއެމް
ވިމެންސް ފުޓްސަލް ޗެލެންޖް
ވިމެންސް ފުޓްސަލް ޗެލެންޖް: އަވަ އެފްޓީ އާއި ޓީރެކްސް އަށް މޮޅެއް
އަވައެފްޓީ މޮޅުވީ އިކުއެޓޯރިއަލްއާ ވާދަކޮށް 0-12 ގެ ތަފާތުބޮޑު ނަތީޖާއަކުން
ޓީރެކްސް މޮޅުވީ ޒެނިތްއާ ވާދަކޮށް 0-2 ގެ ނަތީޖާއަކުން

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ފުރަތަމަ ވިމެންސް ފުޓްސަލް މުބާރާތުގައި އަވަ އެފްޓީ އާއި ޓީރެކްސް މޮޅެއް ހޯދައިފި އެވެ.

މި މަހުގެ 9 އިން 20 އަށް، ޖުމްލަ 9 ޓީމާއިއެކު ފަށާފައިވާ މި މުބާރާތަކީ، އަންހެންނަށް އަމާޒުކޮށްގެމް އެފްއޭއެމްއިން ބާއްވާ ފުޓްސަލް މުބާރާތެކެވެ. މިއީ މިގޮތަށް ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތެވެ.

މުބާރާތުގައި ބުދަ ދުވަހުގެ ރޭ ކުޅުނު ފުރަތަމަ މެޗުން އަވައެފްޓީ މޮޅުވީ އިކުއެޓޯރިއަލްއާ ވާދަކޮށް 0-12 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. މެޗުގައި އަވަ އެފްޓީގެ ފަދުވާ ޒާހިރު ފަސް ލަނޑު ކާމިޔާބުކޮށްފައިވާއިރު، މަރިޔަމް މުހައްމަދު ވަނީ ތިން ލަނޑު ޖަހާ ހެޓްރިކް ފުރިހަމަކޮށްފައެވެ.

 މީގެއިތުރުން މަރިޔަމް ޒައިނާ އަދި ފާތިމަތު އައިމާ އަލީ ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ. އަދި މެޗުގައި އިކުއެޓޯރިއަލްގެ ނަޖްފާ ޝަހީމް ރާޒީ އަތުން ވަނީ ބައިކޮޅަށް ލަނޑެއް ވަދެފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އަވައެފްޓީގެ ފަދުވާ ޒާހިރު އެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު ދެވަނަ މެޗު ޒެނިތްއާ ވާދަކޮށް ޓީރެކްސް މޮޅުވީ 0-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ޓީރެކްސް އިން ކާމިޔާބުކުރި ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ އަރޫޝާ އަހުމަދު އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީވެސް އަރޫޝާއެވެ.

ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ގުރޫޕު 1 ގައި 5 ޓީމު ވާދަކުރާއިރު ގުރޫޕް 2 ގައި 4 ޓީމު ވާދަކުރެއެވެ. ގުރޫޕް 1 ގައި ހިމެނެނީ ދިވެހި ސިފައިންގެ ކުލަބާއި، އެމްޕީއެލް އާއި، ޕޮލިސް ކުލަބުގެ އިތުރުން، ސްޓެލްކޯ ރެކްރިއޭޝަން ކްލަބް އަދި އެމްއެންޔޫ އެސްސީ އެވެ. ގުރޫޕް 2 ގައި ހިމެނެނީ ޒެނިތް ސްޕޯޓްސް ކުލަބާއި، އިކުއަޓޯރިއަލް އާއި، ޓީރެކްސް ސްޕޯޓްސް އެކަޑަމީ އަދި އަވާ އެފްޓީއެވެ.

ވިމެންސް ފުޓްސަލް ކުރިއެރުވުމަށް ހާއްސަ އިސްކަމެއް ދީގެން އެފްއޭއެމުން ކުރިއަށްގެންދާ މި މުބާރާތުގައި، ގައުމީ އަންހެން ފުޓުބޯޅަ ޓީމަށް ނިސްބަތްވާ އެއްވެސް ކުޅުންތެރިއަކަށް ނުކުޅެވޭނެއެވެ. މީގެ އިތުރުން ބިދޭސީ އެއްވެސް ކުޅުންތެރިއަކަށްވެސް މި މުބާރާތުގައި ނުކުޅެވޭނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަޒުމޫން އަހުމަދު
- ކޮމެންޓް