"އަރބަންކޯ ފުޑްކާނިވަލް 2023" އަށް މިހާތަށް 13000 މީހުން ޒިޔާރަތްކޮށްފިއެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގައި ފަށާފައިވާ މި ފުޑް ކާނިވަލަކީ މިމަހުގެ 20ން 24ށް ކުރިއަށްދާ ކާނިވަލެއް ކަމަށް ވާއިރު މި ކާނިވަލް ކުރިއަށްދިޔައީ ކޮންމެ ދުވަހެއްގެ ހަވީރު 4:00ން ރޭގަނޑު 12:00ށެވެ. މިރެއަކީ މި ފެސްޓިވަލްގެ ފަހުރެއެވެ.
އެ ކާނިވަލަކީ ވަރަށް ކާމިޔާބު ކާނިވަލެއް ކަމަށް ކާނިވަލް އިންތިޒާމްކުރާ ފަރާތުން ވަނީ ބުނެފައެވެ. މި ކާނިވަލަށް 15000 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކުރާނެ ކަމަށް ބެލެވެއެވެ.
މީގެ އިތުރުން ޔޫތް މިނިސްޓަރ އަހުމަދު މަހްލޫފް މި ކާނިވަލާއި ގުޅޭގޮތުން ވިދާޅުވީ ކާބޯތަކެއްޗަށް ހާއްސަކޮށްގެން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޑް ކާނިވަލް، "އަރބަންކޯ މޯލްޑިވްސް ފުޑް ކާނިވަލް 2023" އަކީ ނަމޫނާ އެއް ކަމަށާއި އެފަދަ އިތުރު ހަރަކާތްތައް ކުރިއަށް އޮތްތަނުގައި ފެނިގެން ދިއުމަކީ އުންމީދެއްކަމަށެވެ. ރާއްޖެޓީވީ އަށް ދެއްވި ބަސްތީގަތުމެއްގައި މަހްލޫފް ވިދާޅުވީ ޔޫތް މިނިސްޓްރީން އިސްނަގައިގެން މަސައްކަތްތެރިންނަށް ފަހި ފުރުސަތުތައް ހޯދާދިނުމަށް އަބަދުވެސް މަސައްކަތް ކުރައްވާ ކަމަށެވެ. އެގޮތުން ފަންނާނުންނަށް އިތުރު ފުރުސަތުތައް ހޯދާދިނުމަށާއި، މަސައްކަތްތެރިންގެ ހުނަރު އާއްމުންނާއި ހަމައަށް ގެނެސްދިނުމަށް އެ މިނިސްޓްރީން ވަރަށް ޚާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. އަދި އަމިއްލަ ފަރާތްތަކުން މިފަދަ ފެސްޓިވަލްތައް އިންތިޒާމްކުރުމަކީ އުފާކުރައްވާ ކަމެއް ކަަމަށް ވިދާޅުވިއެވެ.
ތިންކް އެސޯސިއޭޓްސްގެ ފަރާތުން ފަށާފައިވާ މި ހާއްސަ ކާނިވަލަކީ، މަޖާ އުފާވެރި މާހައުލެއްގައި ގިނަ ހަރަކާތްތަކެއް ހިމެނޭ ގޮތަށް ކުރިއަށް ގެންދާ ހަރަކާތެކެވެ. ހުރިހާ އުމުރު ފުރަޔަކަށްވެސް ބައިވެރިވެވޭގޮތައް ކުރިއަށް ގެންދާ މި ހަރަކާތުގެ ބައިވެރިން ބުނާގޮތުން މިއީ ހުނަރުތައް ދައްކާލުމަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެކެވެ. މި ފެސްޓިވަލްގައި ހުރި ކާބޯތަކެތީގެ ތެރޭގައި ވަރަށް ގިނަ ދިވެހި އުފެއްދުންތައް ވެސް ހިމެނެއެވެ. ރާއްޖެ އެމްވީ އާއި ވާހަކަދެއްކި ބައެއް ފުޑްސްޓޯލްތަކުގެ ބައިވެރިންނާއި އަތްތެރި މަސައްކަތްތަކާއި، ފަންނުވެރިން ބުނީ މިއީ ވަރަށް ރަނގަޅު ތަޖުރިބާ އެއް ކަމަށެވެ.
މި ކާނިވަލްގެ މީޑިއާ ޕާޓްނަރަކީ ރާއްޖެޓީވީއެވެ. މި ކާނިވަލްގެ ޓައިޓްލް ސްޕޮންސަރަކީ އަރބަންކޯއެވެ. އަރބަންކޯއާއި ރާއްޖެޓީވީގެ އިތުރުން ސިމްޑީއާއި ބީއެޗްއެމްއާއި އެސްޓީއޯއާއި އިވެންޓް މޯލްޑިވްސް، އަދި ދިރާގަކީވެސް މި އިވެންޓުގެ ޕާޓްނަރުންނެވެ.