ބޭންކް އޮފް މޯލްޑިވްސް އިން އައިޖީއެމްއެޗް ގެ ބޭރުގައި ބަހައްޓާފައިވާ އޭޓީއެމް ސެންޓަރގައި ހުރި އޭޓީއެމްތަކުގެ ތެރެއިން އެއް އޭޓީއެމް އަށް ގެއްލުންވެފައިވާ މައްސަލަ ހުކުރު ދުވަހުގެރޭ ފަތިހު ފުލުހުންނަށް ވަނީ ރިޕޯޓްކޮށްފައެވެ.
މި ހާދިސާގައި، ބީއެމްއެލްގެ އޭޓީއެމް އަށް ގެއްލުންވެފައިވީ ނަމަވެސް އެއްވެސް ފައިސާއެއް ގެއްލިފައި ނުވަތަ ވަގަށް ގެންގޮސްފައި ނުވެއެވެ.
އޭޓީއެމްގެ ސެކިއުރިޓީ 24 ގަޑިއިރު ބީއެމްއެލް އިން ބަލަމުންދާއިރު އޭޓީއެމްގެ ހިދުމަތަކީ ރައްކާތެރި އަދި ރައްޔިތުންގެ ފަސޭހައަށް ގާއިމްކޮށްފައިވާ ހިދުމަތެއްކަމަށް ބީއެމްއެލްއިން ބުނެއެވެ.
ބީއެމްއެލްއިން ބުނެފައިވާ ގޮތުގައި އޭޓީއެމްއަށް ގެއްލުންވެފައިވަނީ ވަރަށް ކުޑަކޮށެވެ.
އަދި ވެފައިވާ ގެއްލުމަކީ ކަސްޓަމަރަކު ގަސްތުގައި އޭޓީއެމްއަށް ގެއްލުމެއް ދިނުމަށް ކޮށްފައިވާ ކަމެއް ނޫންކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ.
މިކަމާ ގުޅިގެން އޭޓީއެމްގެ ހިދުމަތް މެދުކެނޑިފައެއް ނުވެއެވެ.
 
                        
                
    
 
                     
                             
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
