އަނެއްކާވެސް ފަތުރުވެރިއަކަށް މިޔަރެއް ހަމަލާދިން ވާހަކައެވެ. ސޯޝަލް މީޑިއާގައި ބުނާގޮތުން ބުރާސްފަތި ދުވަހު ހިނގި މި ހާދިސާގައި ފީނަން އުޅުނު އަންހެން ފަތުރުވެރިއެއްގެ އަތުގައި މިޔަރު ދަތް އެޅުމުން އޭނާ އަވަސް ފަރުވާއަށް މާލެއަށް ގެނައި މަންޒަރު ފެނެއެވެ. އޭނާއަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ. މި ވީޑިއޯތަކާއެކު އަނެއްކާވެސް ސޯޝަލް މީޑިއާގައި ފަށާފައިވަނީ މިޔަރުތަކަށް ކާން ދޭ ވާހަކައެވެ. މިއީ ކަމާބެހޭ އިދާރާތަކާއި ތަޖުރިބާކާރުންވެސް އެތައް ފަހަރެއްގެ މަތިން މަނާކުރަމުން އަންނަ ކަމެކެވެ.
އާއްމުކޮށް މިޔަރަށް ކާންދީ އުޅެނީ ރިސޯޓުތަކާއި ގެސްޓްހައުސްތަކުން ފަތުރުވެރިންނަށް އެ މަންޒަރުތައް ދައްކާލުމުގެ ބޭނުމުގައެވެ. މިޔަރުތައް ދައްކާލުމުގެ ބޭނުމުގައެވެ. އެތަކެއްޗާއެކު ފޮޓޯއެއް ނެގުމުގެ ފުރުސަތު ފަހިކޮށްދިނުމަށެވެ. ނަމަވެސް މި އަމަލުތަކުގެ ސަބަބުން ފަތުރުވެރިންނަށް މިޔަރު ހަމަލާދިނުމުގެ އެތައް ހާދިސާއެއް މިއަދާ ހަމައަށް ވެސް ވަނީ ހިނގާފައެވެ. އެހެންކަމުން އަދިވެސް މިޔަރުތަކަށް ކާން ދިނުން ހުއްޓާނުލަނީ އެކަމުގެ ނުރައްކާ ހަމަ ނޭނގިގެންބާއޭ ސުވާލު އުފެދެއެވެ.
މިޔަރަށް ކާން ނުދިނުމަށް ތަޖުރިބާކާރުން ބުނަނީ ސަބަބުތަކެއް އޮވެގެންނެވެ. އެއީ މިޔަރަކީ އޭގެ ޒާތުގައި ވެސް އޭގެ ކާނާ އަމިއްލައަށް ހޯދާ މަހަކަށްވެފައި މީހުން ވަކި ވަގުތު ތަކެއްގައި އެއަށް ކާން ދޭން ފެށުމުން ކާނާ ހޯދުމަށް އަމިއްލައަށް ކުރާ މަސައްކަތް ހުއްޓާލާތީއެވެ. އެގޮތުން، ރިސޯޓުތަކާއި ރަށްތަކުގައި ވެސް އާދަކޮށް ވަކި ގަޑިއަކަށް ވަކި ސަރަހައްދަކަށް ކާއެއްޗެހި އަޅައި، މިޔަރަށް ކާންދޭނަމަ މިޔަރުތައް އެ ވަގުތަކާ ދިމާކޮށް އެ ސަރަހައްދަށް ކާން ދާން އާދަކުރެއެވެ. މިއީ ފަތުރުވެރިންނަށް މި މަންޒަރުތައް ދައްކާލަން ބޭނުންވާ ފަރާތްތަކަށް ފައިދާވާ ކަމަކަށްވީ ނަމަވެސް މިއީ އެހެން ގޮތްގޮތުން ބަލާއިރު ގެއްލުން ވާ ކަމެކެވެ.
މިޔަރުތަކަށް ކާން ދޭތީ އެ ވަގުތުތަކުގައި ކާން ދޭ ސަރަހައްދުތަކުގައި އުޅޭ އިންސާނުންނަކީ ވެސް ކާނާ ކަމަށް މިޔަރުތަކަށް ހީވެއެވެ. އެހެންވެ ދަތް އެޅުން ފަދަ ހާދިސާތައް ހިނގުމަކީ އެކަށިގެންވާ ކަމެކެވެ.
މިފަދަ ހަމަލާއަކާއެކު ސޯޝަލް މީޑިއާގައި ސަރުކާރާއި ކަމާބެހޭ އިދާރާތައް ކުށްވެރިކުރުމަކީ ވެސް އާއްމުކަމެކެވެ. ސަރުކާރުން އަޅަން ޖެހޭ ފިޔަވަޅުތައް ނާޅާ ކަމަށް ބުނެ ފާޑުކިޔުމާއި ޓޫރިޒަމް މިނިސްޓްރީއަށް ފާޑުކިޔައެވެ. އެކަމަކު މިފަދަ ހާދިސާތައް ދިމާވާތީ ދޭތެރެ ދޭތެރެއިން ޓޫރިޒަމް މިނިސްޓްރީ މެދުވެރިކޮށް ސަރުކާރުން، މިޔަރުތަކަށް ކާން ނުދިނުމަށް ޓޫރިސްޓް ފެސިލިޓީތަކަށް އަންގައެވެ. ނަމަވެސް އެ އެންގުމަށް އަމަލު ކުރާ މަންޒަރު ނުފެނެއެވެ. މިޔަރަށް ކާންދިނުން ނުވަތަ ޝާކް ފީޑިންއަކީ ރެކްރިއޭޝަނަލް ޑައިވިން ގަވައިދުގެ ދަށުން ވެސް މަނާ ކަމެކެވެ.
ފަތުރުވެެރިން ރާއްޖެ ޒިޔާރަތް ކުރަނީ ރާއްޖޭގެ ކަނޑުގެ ދިރުންތަކުގެ ފުރިހަމަކަންވެސް ބަލާލުމަށެވެ. ނަމަވެސް އެކަމުން އިތުރު ފައިދާއެއް ހޯދުމަށް ފަތުރުވެރިންގެ ފުރާނަ ނުރައްކަލަށް ހުށަހެޅުމަކީ ވެސް އެތަނަކަށް ނުވަތަ މުޅި ރާއްޖޭގެ ފަތުރުވެރިކަމަށް ވެސް އޭގެ އަސަރު ކޮށްފާނެ ކަމެކެވެ. މި އަމަލުތައް އިތުރުވާނަމަ، މިފަދަ ހަމަލާތައް އިތުރުވެ މިޔަރާއި ރާއްޖެއާމެދު ވެސް މީހުން ދެކޭގޮތް ބަދަލުވެގެންދާނެއެވެ. މީގެ ގެއްލުން ލިބޭނީ ވެސް ފަތުރުވެެރިންނާއެކު މަސައްކަތް ކުރާ ތަންތަނަށެވެ.