ކ. މާލެ
|
23 ޖޫން 2023 | ހުކުރު 06:18
ނުކުޅެދުންތެރިކަން ހުންނަ ބައެއް ކުދިން
ނުކުޅެދުންތެރިކަން ހުންނަ ބައެއް ކުދިން
ރައީސް އޮފީސް
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ މައުލޫމާތު
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ މައުލޫމާތު އަދާހަމަކުރުމަށް އެދެފި
މިއަހަރުގެ އޮކްޓޯބަރ މަހުގެ ނިޔަލަށް މައުލޫމާތު އަދާހަމަކުރާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކަށް ޖޫން އިން ފެށިގެން ފައިސާގެ އެހީ ހަމަޖައްސައިދޭނެ
އިތުރު އެލަވަންސް އަށް ޝަރުތުހަމަވާކަމަށް ފާހަގަކުރެވޭ އައު ފަރާތްތަކަށް ޖުލައި ގައި ޖަމާކުރެވޭ އެލަވަންސާއެކު ޖޫންގެ އެލަވަންސް ޖަމާކުރެވޭނެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީއަށް ގެނައި ބަދަލާއި ގުޅިގެން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އަށް ލިބޭ މައުލޫމާތަށް ރިޢާޔަތްކޮށް އެލަވަންސްތަކަށް ޝަރުތުހަމަވާ އިތުރު ފަރާތްތައް ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެ އެޖެންސީން ބުނެފިއެވެ.

އެކަމާއި ގުޅިގެން އެންސްޕާ އިން ކުރި އިއުލާނެއްގައި ބުނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެންޑީއާރު ޕޯޓަލް މެދުވެރިކޮށް އެލަވަންސް ތަކާއި ގުޅޭގޮތުން މައުލޫމާތު އަދާހަމަ ކުރުމުގެ އިންތިޒާމު ހަމަޖެހިފައިވާކަމަށެވެ. އަދި ރަށްރަށުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން އެލަވަންސަށް ޝަރުތުހަމަވާ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ކައުންސިލްތަކާއި ގުޅިގެން ދަނީ ކުރަމުންކަމަށް އެ އެޖެންސީން ބުނެއެވެ.

އެންސްޕާއަށް މައުލޫމާތު ކަށަވަރުކުރެވޭ ފަރާތްތަކުގެ ތެރެއިން އިތުރު އެލަވަންސް އަށް ޝަރުތުހަމަވާކަމަށް ފާހަގަކުރެވޭ އައު ފަރާތްތަކަށް ޖުލައިމަހު ޖަމާކުރެވޭ އެލަވަންސާއެކު ޖޫންމަހުގެ އެލަވަންސް ޖަމާކުރެވޭނެކަމަށްވެސް އެއެޖެންސީން ބުނެއެވެ. އަދި ދަފްތަރުގައި ރަޖިސްޓްރީވެ މާލީ އެހީ ލިބެމުންދާ ފަރާތްތަކުގެ ތެރެއިން މިއަހަރުގެ އޮކްޓޯބަރ މަހުގެ ނިޔަލަށް މައުލޫމާތު އަދާހަމަކުރާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކަށް ޖޫންމަހުން ފެށިގެން ފައިސާގެ އެހީ ހަމަޖައްސައިދޭނެކަމަށްވެސް އެންސްޕާއިން ބުނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެވޭ މާލީ އިނާޔަތް ވަނީ ޖޫން 15ން ފެށިގެން ބޮޑުކޮށްފައެވެ. މިހާރު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެނީ 2000 ރުފިޔާއެވެ. އާސަންދަ ކުުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އައްޒާމް ވަޖީހު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިހާރު ދެމުންދާ އެލަވަންސް 2،000 ރުފިޔާއިން 3،000 ރުފިޔާއަށް ބޮޑުކުރަން ނިންމަވާފައިވާކަމަށެވެ. އަދި އިތުރު 3 އިނާޔަތެއް ދޭން ނިންމާފައިވާކަމަށް ވިދާޅުވިއެވެ.

Advertisement

އެގޮތުން ނުކުޅެދުންތެރިކަން ހުރުމުގެ ސަބަބުން އަމިއްލައަށް ނޫޅެވޭ ފަރާތްތަކަށް އިތުރު 2،000 ރުފިޔާގެ އެލަވަންސެއް ދޭން ވަނީ ނިންމާފައެވެ. އަދި ސެލްފް ކެއަރ އެލަވަންސް ނުވަތަ ހުރި ނުކުޅެދުންތެރިކަމުގެ ސަބަބުން އަސާސީ ބޭނުންތަކަށް އާންމުކޮށް ބޭނުންކުރަންޖެހޭ އިތުރު ތަކެތި ހޯދުމަށް އެހީތެރިވެދިނުމަށް 1،000 ރުފިޔާ އިތުރަށް ދިނުމަށް ވަނީ ނިންމާފައެވެ. މި ދެ އެލަވަންސް ލިބޭނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން އުމުރުން 65 އަހަރުން ދަށުގެ ފަރާތްތަތަކަށެވެ.

މީގެ އިތުރުން އާއިލާގައި ހިމެނޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އަދަދު އިތުރުނަމަ އިތުރު 1،000 ރުފިޔާގެ އެލަވަންސެއް ދޭނެއެވެ. މި އެލަވަންސް ދޭނީ އެއް ގޭބީސީގައި އެއް ގެއެއްގައި ނުކުޅެދުންތެރިކަން ހުންނަ 3 ނުވަތަ އެއަށްވުރެ ގިނަ މީހުން ހިމެނޭނަމަ 65 އަހަރުން ދަށުގެ މީހުންނަށެވެ.

މި ބަދަލާއެކު ދަފްތަރުކޮށްފައިވާ ހުރިހާ ފަރާތްތަކަށް މިހާރުލިބޭ 2،000 ރުފިޔާގެ އިނާޔަތަށް 50 އިންސައްތައިގެ އިތުރުވުމެއް އާދެއެވެ. މިއަހަރުގެ މެއި މަހުގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ގޮތުގައި 11،371 މީހުން ވަނީ ދަފްތަރުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ގަޑިއިރު ކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް