ކ. މާލެ
|
22 ޖޫން 2023 | ބުރާސްފަތި 21:51
މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނި ގާފިލާގެ ލީމް އަޙުމަދު ލަތީފް
މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނި ގާފިލާގެ ލީމް އަޙުމަދު ލަތީފް
އެފްޑީއެސް
އެފްޑީއެސް ސްޕޯޓްސް ފެސްޓިވަލް
އެފްޑީއެސް ސްޕޯޓްސް ފެސްޓިވަލް: އިންފިނިޓީ ބަލިކޮށް ގާފިލާ އެއް ވަނަ އަށް
ގާފިލާ އިން އެއް ވަނައިގައި އޮތީ ކުޅުނު ދެ މެޗުން ފަސް ޕޮއިންޓު ހޯދައިގެން

ފީއަލީ ޑިވެލޮޕްމަންޓް ސޮސައިޓީ (އެފްޑީއެސް) އިން އިންތިޒާމުކޮށްގެން ބާއްވާ އަންހެން ވޮލީ ބޯޅަ މުބާރާތުގެ އިންފިނިޓީގެ މައްޗަށް ކުރި ހޯދައިގެން ގާފިލާ ތާވަލްގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

ބުރާސްފަތި ދުވަހުގެ ހަވީރު ކުޅުނު މެޗު ގާފިލާ އިން ވަނީ ފަސޭހަ ކަމާއެކު ސީދާ ތިން ސެޓުން ކާމިޔާބު ކޮށްފަ އެވެ. އެ މެޗަށް ކުރިމަތިލީއިރު ވެސް ގާފިލާ އަށް ފައިދާ ނެގެން އޮތެވެ. އެ ޓީމު ކުޅުނު ފުރަތަމަ މެޗުން މޮޅުވީ ފަސް ސެޓު ކުޅެގެންނެވެ. އިންފިނިޓީ ކުޅުނު ފުރަތަމަ މެޗުން ވެސް ވަނީ ބަލިވެފަ އެވެ. މެޗުގެ ސެޓުތައް ގާފިލާ އިން ހޮދީ 25-20، 25-21 އަދި 25-26 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ގާފިލާގެ ލީމް އަޙުމަދު ލަތީފް އެވެ.

މުބާރާތުގައި ގާފިލާ އަށް ދެން އޮންނާނީ ފަހު މެޗުގައި މަންތިރިއާ ދެކޮޅަށް ކުޅޭ މެޗެވެ. ހުކުރު ދުވަހުގެ ހަވީރު އޮންނާނީ އިންފިނިޓީ އާއި ހަވަރު ބައްދަލު ކުރާ މެޗެވެ. އެ މެޗުގައި އިންފިނިޓީ ބަލިކޮށް ހަވަރަށް ވެސް އެއް ވަނަ ހޯދުމުގެ ފުރުސަތު އޮންނާނެ އެވެ. މިވަގުތު ކުޅުނު ދެ މެޗުން ފަސްް ޕޮއިންޓާއެކު އެއް ވަނައިގައި އޮތީ ގާފިލާ އެވެ. ހަވަރު އަދި މަންތިރި އަށް ލިބެނީ ދެ މެޗުން ހަތަރު ޕޮއިންޓެވެ. ޕޮއިންޓެއް ނުލިބި ފުލުގައި އޮތީ އިންފިނިޓީ އެވެ.

މިއީ އެފްޑީއެސް އިން އެ ޖަމިއްޔާގެ އަންހެން މެންބަރުންނަށް އަމާޒުކޮށްގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މުބާރާތެވެ. މިއަހަރުގެ ޢަޟްޙާ އީދާ ދިމާކޮށް، ފިރިހެން ވޮލީ މުބާރާތެއް ބޭއްވުމަށް ވެސް އެ ޖަމިއްޔާ އިން އަންނަނީ ތައްޔާރުވަމުންނެވެ.

- ކޮމެންޓް