ހިޔާ ފްލެޓުތަކުގެ ޓަވަރެއްގައި ފާރު ތަޅާލުމަށްފަހު އެއްކޮށްލި ދެ އެޕާޓްމަންޓް އަތުނުލާން ނިންމި ނަމަވެސް ޖޫރިމަނާއަށް ލުޔެއް ނުދޭނެ ކަމަށް އަރބަންކޯއިން ބުނެފިއެވެ.
އެއްބަސްވުމާ ޚިލާފުވެ، ދެ އެޕާޓްމަންޓް އެއްކޮލުމުން އަރބަންކޯއިން ވަނީ އެ އެޕާޓްމަންޓުތައް ކުރިން ހުރި ގޮތަށް ރުޖޫއަކުރުމަށް އަންގައި ދެ އެޕާޓްމަންޓުގެ ވެރިން ޖޫރިމަނާ ކޮށްފައެވެ. އެގޮތުން ކޮންމެ އެޕާޓްމަންޓެއް 100،000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ. އެ ފައިސާ ދައްކައި ފަސް ދުވަހުގެ ތެރޭގައި އެޕާޓްމަންޓް ހުރި ގޮތަށް ރުޖޫއަކުރުމަށް މުއްދަތު ދިން ނަމަވެސް އެ މުއްދަތުގެ ތެރޭގައި އެކަން ނުކުރުމުން އެޕާޓްމަންޓުތައް އަތުލަން ނިންމިއެވެ.
އަރބަންކޯއިން މި އެޕާޓްމަންޓުތަކުގެ އެއްބަސްވުން ބާތިލުކޮށް އެތަން ހުސްކުރުމަށް ވެސް ވެރިފަރާތްތަކަށް އެންގިއެވެ. އެކަމާ ގުޅިގެން އެޕާޓްމަންޓުގެ ވެރިފަރާތުން ވަނީ ވަގުތީ އަމުރަކަށް އެދި ކޯޓަށް ވެސް މައްސަލަ ހުށަހަޅައިފައެވެ. ނަމަވެސް ކޯޓުން ވަނީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ނިންމާފައެވެ.
މި މައްސަލައާ ގުޅިގެން އަރބަންކޯއިން ބުނީ ޖޫރިމަނާ ދައްކައި، އެޕާޓްމަންޓް ކުރިން ހުރި ގޮތަށް ބަދަލު ކުރުމަށް ދިން މުއްދަތު އިތުރު ކޮށްދޭން އެ ތަނުގެ ވެރިފަރާތުން މިހާރު އެ ކުންފުނީގައި އެދިފައިވާ ކަމަށެވެ. އެހެންވެ، އެ ހުށަހެޅުމުގައި ވާ ސަބަބުތަކަށް ބެލުމަށްފަހު އިތުރު ހަތް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށާއި އެ މުއްދަތުގެ ތެރޭގައި މަސައްކަތް ފަށާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ދެ އެޕާޓްމަންޓް ކުރިން ހުރި ގޮތަށް ބަދަލު ކުރުމަށް މަސައްކަތް ފަށާފައިވާތީ އެތަންތަން އަތުނުލުމަށް މިހާރު ނިންމާފައިވާކަން ހާމަކޮށް އަރބަންކޯއިން ބުނީ އެޕާޓްމަންޓް އަތުނުލި ނަމަވެސް ކޮށްފައިވާ ޖޫރިމަނާއަށް ލުޔެއް ނުދޭނެ ކަމަށެވެ. އަދި އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަނީ އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.