މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗު އިވާން ވެންކޯވް ކޮލޭވް އެ ޓީމު ދޫކޮށްލައިފިއެވެ.
މާޒިޔާގެ ކޯޗަކަށް އިވާން ހަމަޖެއްސީ މިހާރު ކުރިއަށްދާ ސީޒަނަށް ތައްޔާރުވުމުގެ ތެރެއިންނެވެ. އިވާންއާއެކު ސީޒަނަށް ކުރިމަތިލި މާޒިޔާއިން ވަނީ މިހާތަނަށް ސީޒަންގެ ދެ ތަށި ކާމިޔާބުކޮށްފައެވެ. އެއީ ޗެރިޓީ ޝީލްޑާއި ޕްރެޒިޑެންޓްސް ކަޕެވެ. ދެ ތަށިވެސް މާޒިޔާއިން ކާމިޔާބުކޮށްފައިވަނީ ވާދަވެރި ކުލަބުކަމަށްވާ އީގަލްސް ބަލިކުރުމަށްފަހުއެވެ. މިވަގުތަށް ދިވެހި ޕްރިމިއަރ ލީގު ބްރޭކަށް މެދުކަނޑާލާފައިވާއިރު، ލީގު ތާވަލްގެ އެއްވަނާގައި އޮތީވެސް މާޒިޔާއެވެ. އިވާންއާއެކު މި ސީޒަނުގައި މާޒިޔާ ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. އެއީ ޕްރެޒިޑެންޓްސް ކަޕްގައި ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗުންނެވެ.
މާޒިޔާއިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ދެ ފަރާތް އެއްބަސްވާ ގޮތުގެ މަތިން އިވާން ޓީމު ދޫކޮށްލާފައިވާކަމަށެވެ. މީގެ އިތުރުން މާޒިޔާއަށް އިވާން ކޮށްދީފައިވާ ޚިދުމަތަށްޓަކައި ކުލަބުގެ ޗެއަރމަނާއި ބޯޑު މެމްބަރުން ޝުކުރު އަދާކުރާ ކަަމަށްވެސް ވަނީ ބުނެފައެވެ. އެ ކުލަބުން ބުނީ އިވާން ދައްކައިދީފައިވަނީ ޕްރޮފެޝަނަލިޒަމާއި މަސައްކަތަށް އޮތް ލޯބި ކަމަށާއި، އަބަދުވެސް އެކަން ފާހަގަކުރާނެ ކަމަށެވެ.
މީގެ އިތުރުން މާޒިޔާއިން ބުނީ މިހާރު މަސައްކަތް ކުރަމުން އަންނަނީ އައު ކޯޗެއް ހޯދުމަށް ކަމަށެވެ. ބެލެވޭގޮތުގައި ދެންވެސް މާޒިޔާއިން ގެންނާނީ ބިދޭސީ ކޯޗެކެވެ.