ރެކޯޑު ހެދުމަށް އޭގެ ފަހަތުން ނޫޅޭ ކަމަށާއި، ރެކޯޑު އަންނަނީ އޭނާގެ ފަހަތުން ކަމަށް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.
ރޮނާލްޑޯ މިހެން ބުނީ އަންނަ އަހަރު ޖަރުމަނުގައި އޮންނަ ޔޫރޯ މުބާރާތުގެ ކޮލިފައިންގައި އައިސްލެންޑާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ. އެމެޗާއެކު ރޮނާލްޑޯ ޤައުމީ ޓީމަށް ކުޅެދީފައިވާ މެޗުގެ އަދަދު 200 އަށް އަރާނެ އެވެ. ރޮނާލްޑޯ ބުނީ، ޤައުމީ ޓީމުގެ ބައެއް ރެކޯޑުތައް އޭނާގެ އަތުގައި އޮންނަ ކަމަށެވެ. އޭނާ އަކީ ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާކަން ފާހަގަކޮށް ރޮނާާލްޑޯ ބުނީ، އިތުރު އެހެން ރެކޯޑުތައް ވެސް އޭނާ އަތުގައި އެބައޮތް ކަމަށެވެ. ނަމަވެސް ރޮނާލްޑޯ ފާހަގަ ކުރި ގޮތުގައި އޭނާ ރެކޯޑުގެ ފަހަތަކުން ނޫޅެ އެވެ. ރެކޯޑު އަންނަނީ އޭނާގެ ފަހަތުންނެވެ. އެކަމާ ވަރަށް އުފާވާކަން ފާހަގަ ކުރަމުން އޭނާ ބުނީ، އެންމެ މަތީ ފަންތީގައި ޤައުމީ ޓީމަށް ކުޅުމަށް ހިތްވަރު ލިބެނީ އެހިސާބުން ކަމަށެވެ.
މީގެ އިތުރުން ރޮނާލްޑޯ ބުނީ ޤައުމީ ޓީމުން އޭނާ އަށް ލިބިފައިވާ ޖާގަ ދޫކޮށްލަން ބޭނުން ނުވާ ކަމަށެވެ. އަދި ވެސް އޭނާ އަކީ ޤައުމީ ޓީމަށް ބޭނުންތެރި މީހެއްގެ ގޮތުގައި އިހުސާސް ކުރެވޭ ކަމަށާއި، ޓީމުގެ އެހެން ކުޅުންތެރިންގެ ފަރާތުން އޭނާ އަށް ލިބެނީ ހިތްވަރު ކަމަށެވެ. ރޮނާލްޑޯ ބުނީ އަބަދު ވެސް ބޭނުންވަނީ ޓީމުގެ އެންމެހައި ކުޅުންތެރިންނާއެކު، އެއް ޓީމެއްގެ ގޮތުގައި ކުރިއަށް ދިޔުމަށެވެ.
ތެދު ތެދަށް ބުނަންޏާ، އަހަރެން ނޫޅެން އެއްވެސް ރެކޯޑެއްގެ ފަހަތުންނެއް، ރެކޯޑު އަންނަނީ އަހަރެންގެ ފަހަތުން. އެކަމާ ވަރަށް އުފާ ވެސް ވޭ އަހަރެން. އަދި އެންމެ މަތީ ފަންތީގައި ޤައުމީ ޓީމަށް ކުޅުމަށް އަހަރެންނަށް ހިތްވަރު ލިބެނީ އެ ހިސާބުން.ކްރިސްޓިއާނޯ ރޮނާލްޑޯ / ޕޯޗުގަލްގެ ކެޕްޓަން
މީގެ އިތުރުން ރޮނާލްޑޯ ބުނީ ޕޯޗުގަލްގެ ކޯޗު އަދި އެ ޤައުމުގެ ފުޓުބޯޅަ ފެޑަރޭޝަންގެ ރައީސް އަބަދުމެ އޭނާ އަށް ދެމުން އަންނަ ހިތްވަރަށް ޝުކުރު އަދާ ކުރާ ކަމަށެވެ. އަދި ޤައުމީ ޓީމަށް 200 މެޗު ހަމަވުމުން، އެކަމުން ދައްކައިދެނީ ޤައުމީ ޓީމަށް އޭނާގެ ހިތުގައި އޮތް ލޯބި ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް ޤައުމީ ޓީމަށް ޚިދުމަތް ކުރުމުގައި ދެމި ހުންނަން ބޭނުންވާ ކަމަށެވެ.
ރޮނާލްޑޯ ވަނީ މިހާތަނަށް ޕޯޗުގަލް ޤައުމީ ޓީމަށް 199 މެޗު ކުޅެދީފަ އެވެ. ޤައުމީ ޓީމަށް އޭނާ ވަނީ 122 ލަނޑު ޖަހައިދީފަ އެވެ. ޕޯޗުގަލާއެކު އޭނާ ވަނީ ޔޫރޯ މުބާރާތަކާއި، ޔުއެފާ ނޭޝަންސް ލީގެއް ކާމިޔާބުކޮށްފަ އެވެ.