ޤައުމުގެ ކުރިއެރުމަށް ވިސްނާއިރު ކިތަންމެ ވަސީލަތް މަދު ޤައުމަކަށްވެސް އެންމެން ގުޅިގެން މަސައްކަތްކޮށްފިކަމުގައި ވަނީނަމަ ކާމިޔާބު ލިބޭނެކަމަށާއި، ޤައުމުގެ ތަރައްގީއާއި ޤައުމަށް ފައިދާހުރި ކަންކަމުގައި ހުރިހާ ރައްޔިތުން އެއްބައިވަންތަކަން އިސްކުރުމަކީ މުހިންމުކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ 26 ވަނަ އަހަރީ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ހޯމަ ދުވަހުގެ ރޭ ކްރޮސްރޯޑްސްގައި ބޭއްވެވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ސްޓެލްކޯ އަކީ މުހިންމު އަސާސީ ޚިދުމަތެއް ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްކަން ފާހަކުރައްވައި، ވޭތުވެތިޔަ އަހަރަތަކުގައި ރާއްޖޭގެ ކަރަންޓުގެ ޚިދުމަތަށް ވަރަށް ގިނަ ހެޔޮ ބަދަލުތަކެއް ގެނެސްދީފައިވާ ކުންފުންޏެއް ކަމަށް ވިދާޅުވެފައެވެ. އެގޮތުން މާލެ އާއި މާލެ ކައިރީ ސަރަހައްދުތަކުގެ ރަށްތަކުގައި ޒަމާނާ އެއްގޮތަށް ކަރަންޓާއި ނަރުދަމާގެ ޚިދުމަތް ސްޓެލްކޯއިން ފުޅާ ކުރަމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނައިބު ރައީސް ވަނީ ރައްޔިތުންނާ ހަމަޔަށް ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ކުންފުންޏެއްގައި ނުވަތަ އޮފީހެއްގައި މަސައްކަތްކުރާ މުވައްޒަފުންނަކީ އެކުވެރި، އެކަކު އަނެކަކަށް އެހީތެރިވާ ބަޔަކަށްވުމަކީ މުހިންމުކަމެއްކަން ފާހަގަކުރައްވާފައެވެ. އަދި މަސައްކަތުގެ މާހައުލުގައި އުނގެނުމުގެ މުހިންމުކަން ހާމަކުރައްވައި، އެކަކަށް އެނގޭ އެއްޗެއް އަނެކާއަށް އުނގަންނައިދީ ދަސްކޮށްދިނުމަށް އިސްކަންދިނުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް އިސްކަން ދެއްވާކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ އެގޮތުން، އިންޖީނުގެތަކަށް ބަލާލިކަމުގައިވިޔަސް އަތޮޅުތެރޭގެ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ހާމަވެގެންދާކަމަށެވެ. އަދި ލާމަރުކަޒީކޮށް ރާއްޖޭގެ އަތޮޅުތަކާއި ރަށްތަކުގެ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދެއްވުމަށް މިއަދުގެ ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ސްޓެލްކޯގެ އައުޓްސްޓޭންޑިން ސަރވިސް އެވޯޑް ލިބިވަޑައިގެންނެވި އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ލަތީފަށް ހާއްސަ އެވޯޑެއް ހަވާލުކޮށްދެއްވާފައެވެ. މި ޖަލްސާގައި ސްޓެލްކޯއިން ވަނީ އެ ކުންފުނީގައި ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި މުވައްޒަފުންގެ އަގުވަޒަންކޮށްފައެވެ.