ކ. މާލެ
|
19 ޖޫން 2023 | ހޯމަ 13:06
ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް
ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް
ރައްޔިތުންގެ މަޖިލިސް
މެންބަރުންގެ ފާޑު ކިޔުން މަޖިލީހުގެ ރައީސްއަށް
ވޯޓަށް ފިއްލަވައިގެން އުޅުއްވި ނަމަވެސް މެންބަރުންގެ އިތުބާރު އޮތް ކަމަކަށް ނުވާނެ: ރޮޒެއިނާ
މަޖިލިސް ކުރިއަށްދަނީ ގަވާއިދާ އެއްގޮތަށް ނޫން
މަޖިލިސް ކުރިއަށް ގެންދަނީ ރިޔާސަތުގައި އިންނަވާ ބޭފުޅަކު ބޭނުންވާ ގޮތަކަށް
މިއީ ވަރަށް ހަޑިހުތުރު ޖަރީމާއެއް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ނައިބު ރައީސް އީވާ އަބްދުﷲ ފިއްލަވައިގެން އުޅުއްވި ނަމަވެސް މެންބަރުންގެ އިތުބާރު އޮތްކަމަކަށް ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ކުރިއަށް ދިޔަ ޖަލްސާގައި ވާހަކަދައްކަވަމުން މެންބަރު ރޮޒެއިނާ ވިދާޅުވީ މަޖިލިސް ކުރިއަށްދަނީ ގަވާއިދާ އެއްގޮތަށް ނޫން ކަމަށާއި، ގަވާއިދަށް ހުރުމަތްތެރިކޮށް ނުހިތާ ކަމަށެވެ. މަޖިލިސް ކުރިއަށް ގެންދަނީ ރިޔާސަތުގައި އިންނަވާ ބޭފުޅަކު ބޭނުންގޮތަކަށް ކަމަށެވެ. ރިޔާސަތުގައި އިންނަވަން ޖެހޭ ބޭފުޅުން ރިޔާސަތުން ފިއްލަވައިގެން އުޅޭކަން ފާހަގަކުރައްވައި ރޮޒެއިނާ ވިދާޅުވީ ވޯޓަށް ފިއްލަވައިގެން އުޅުމަކުން މަޖިލީހުގެ މެންބަރުންގެ އިތުބާރު އޮތް ކަމަކަށްނުވާނެ ކަމަށެވެ.

މިއީ ވަރަށް ހަޑިހުތުރު ޖަރީމާއެއް ކަމަށް ސިފަކުރައްވައި ރޮޒެއިނާ ވަނީ ފިއްލަވައިގެން އުޅޭ ބޭފުޅުންނަށް ފުރުސަތު ދިނުމުގެ ގޮތުން މަޖިލީހުގެ ތަޅުމަށް ވައްދަވަންޖެހެނީ ސިފައިންނާއި ފުލުހުން މެދުވެރިކޮށްގެން ގަދަކަމުންތޯ ސުވާލު އުފައްދަވާފައެވެ. އަދި ވިދާޅުވީ މަޖިލީހުގައި އެބޭފުޅުން ވާހަކަދައްކަވަން ބޭނުންވާނަމަ މަޖިލީހަށް ހާޒިރުވާނެ ކަމަށެވެ.

ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފަށް އިޝާރަތް ކުރައްވައި ރޮޒެއިނާ ވިދާޅުވީ ގަވާއިދުގައިވާ ގޮތުން މިއީ ރިޔާސަތުގައި އިންނެވޭނެ ފަހު ދުވަސް ކަމަށާއި، ރިޔާސަތުގައި އިންނެވޭނީ ތިން ދުވަސް ތިން ޖަލްސާ ވިދިވިދިގެން ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދާނެ ގޮތް ތަފްސީލް ކޮށްދިނުމަށް ވެސް ރޮޒެއިނާ އެދިވަޑައިގެންނެވިއެވެ.

އަޅުގަނޑުމެންނަށް މިފެންނަނީ މަޖިލީހުގެ ނައިބު ރައީސްއާއި ރައީސްއާއި ދެބޭފުޅުން ވެސް ވޯޓަށް ފިއްލަވައިގެން ވޯޓު ނެގުނަށް ނުދޭންވެގެން. އެއްބޭފުޅަކު އަނެއް ބޭފުޅެއްގެ ހިމާޔަތުގައި މަޖިލީހުގެ އިންތިޔާޒަށް އަރުއްވައި ވަޑައިގެން މަޖިލީހުގެ ގަވާއިދުގައި ކަނޑައެޅިގެން އެބޭފުޅުންނާއި ހަވާލުކޮށްފައިވާ މަސްއޫލިއްޔަތު ފިއްލަވައިގެން ގޭތެރޭގައި މަޖިލީހުގެ ރިޔާސަތު ބޭއްވުމަށްޓަކައި ހިންގަމުން ގެންދަވާ ވަރަށް ހަޑިހުތުރު ޖަރީމާއެއް.
އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް

އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާޢު ވިދާޅުވީ ބެޖެޓް ބަހުސްއެއް ކަމުގައި ވިޔަސް އެހެން ބަހުސްއެއް ކަމުގައި ވިޔަސް ފުރުސަތަކަށް އެދިފައި އޮންނަ މެންބަރެއް ހިނގަމުންދާ ކަމެއް ނިމޭއިރުގައި މަޖިލީހުގެ ތަޅުމުގައި ނެތް ކަމަށްވާނަމަ އެފުރުސަތު އެހިސާބުން ގެއްލުނީ ކަމަށް ބަލާ ކަމަށެވެ. އެމީހަކަށް ފުރުސަތު ދޭންކަމަށް ވިދާޅުވެ، މައްސަލަ ނުބާއްވާ ކަމަށް ޝިފާޒު ވިދާޅުވިއެވެ.

މިރައްޔިތުން މަޖިލީހުގައި ވަރަށް ގިނަ މުހިންމު މަސައްކަތްތައް އެބަހުރި. އޭގެ ތެރެއިން އަޅުގަނޑުމެން އެމްޑީޕީން ނިންމަން ބޭނުންވާ އެންމެ މުހިންމު މަސައްކަތަކީ އެޖެންޑާ އަދި ވަގަށް ކޮށްގެން ނަމަވެސް މިކުރާ މަސައްކަތް. އެއީ ލޯފަން ކުދިންނަށް ވޯޓު ލުމުގެ ހައްގު ހޯދައިދިނުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ގާނޫނަށް ގެންނަން ޖެހޭ ބަދަލު ގެނައުން. ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ ޅއަށް ޖެހިލާއިރު. މިގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ ޅ ވަރަށް ސާފުކޮށް އެބަބުރޭ ރައްޔިތުން މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިމަތިވީމަ ރިޔާސަތުން ކަންކުރަންވާ ގޮތް. މިގާނޫނު އަސާސީ ބާރު ލިބިގެން މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާ ލިޔެފައި އެ އޮތީ ރައްޔިތުން މަޖިލިސް ރައީސް އަދި ނައިބު ރައީސް އިތުބާރު ނެތްކަމުގެ މައްސަލައެއް މި ރައްޔިތުން މަޖިލީހަށް ހުށަހެޅިއްޖެއްޔާކަން ކުރަންވީ ގޮތް. އެކަން ކުރަންވީ ގޮތް ލިޔެފައި އޮތީ ކަޅާއި ހުދުން ދިވެހި އަކުރުން ތާނަ އަކުރުން. އޭގެން އެއްވެސް މާއްދާއަކުން އެއްވެސް މިންވަރަކަށް މަޖިލިސް މަސައްކަތް ހުއްޓުވާލެވޭނެ އެއްވެސް ގޮތެއް ނެތް.
އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާޢު

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ އަދި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުޣުނީ ވެސް ވަނީ މަޖިލިސް ކުރިއަށް ދަނީ ގަވާއިދާ ހިލާފަށް ކަން ފާހަގަކުރައްވައި ވާހަކަދައްކަވާފައެވެ.

މެންބަރުން ވިދާޅުވީ އެޖެންޑާ ފުރިހަމަ ނުކޮށް އެހެން އެޖެންޑާގެ އެހެން އެޖެންޑާއަށް ނުދެވޭނެ ކަމަށެވެ. އަދި އެގޮތަށް މަސައްކަތްތައް ކުރިއަށް ގެންދާނަމަ މަޖިލިސް މެދުކަނޑާލުމަށް ވެސް ގޮވާލައްވާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް