ނަޝީދުގެ ސަބަބުން މުޅި މަޖިލީހުގެ ޙައްޤަށާއި އިމްތިޔާޒަށް އުނިކަން އައިސްފައިވާކަމަށް ބުނެ އިމްތިޔާޒުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅައިފިއެވެ.
ހޯމަ ދުވަހުގެ ޖަލްސާގައި އިމްތިޔާޒުގެ މައްސަލަ ހުށައެޅުއްވީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފުއެވެ.
އެއީ ރައްޔިތުންގެ މަޖިލީހުގެ ނާއިބްރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވޭތީ، އެކަމުގެ ސަބަބުން މަޖިލީހުގެ މަސައްކަތްތައް ހުއްޓެމުންދާތީ ހުށަހެޅުއްވި މައްސަލައެކެވެ.
އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރި ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އިންކާރު ކުރައްވައި، މަޖިލީހުގެ އިމްތިޔާޒާ ތަކުރާރުކޮށް ޚިލާފުވެވަޑައިގެންފައިވާކަމަށް ޝަރީފް ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވިއެވެ.
އެކަމުގެ ސަބަބުން އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވި، މުޅި މަޖިލީހުގެ ޙައްޤަށާއި އިމްތިޔާޒަށް އުނިކަން އައިސްފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، މަޖިލިސް ހުއްޓުވާލައި، ޤާނޫނުގެ ބާރު ކަނޑުވާލުމަކީ މި ޤައުމުގައި ހިންގޭނެ އެންމެ ބޮޑު އެއް ހިޔާނަތް ކަމަށެވެ.
ޝަރީފް ވަނީ މި މައްސަލަތައް ނިންމެންދެން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށް އެދިވަޑައިގަންނަވާފައެވެ.
މަޖިލިސް ހިސާރުކޮށް، މަޖިލީހާއި ޤާނޫނު އަސާސީގެ ބާރު ކަނޑުވާލައި، މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ވާހަކަ މި ދައްކަނީމަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު
މި މައްސަލައިގައި ބަހުސް ކުރުމަށް ފެންނަކަމަށް 37 މެންބަރަކު ވޯޓު ދެއްވާފައިވާއިރު، ނުފެންނަކަމަށް 13 މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ.
މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް އެޖެންޑާ ކުރި ޖަލްސާގެ ރިޔާސަތު ބަލަހައްޓަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުޒުރުވެރިވެވަޑައިގަތުމުން، މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމާ މެދު ގޮތެއް ނިމެންދެން މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲގެ މައްސަލަ މިވަގުތު ކުރިއަށް ގެންދެވެން ނެތް ކަމަށް އިޢުލާންކުރެއްވުމަށް ފަހު މަޖިލީހުގެ ޖަލްސާ އެ ދުވަހު ޖެހުނީ ނިންމާލަންށެވެ.
މަޖިލީހުގެ ޤަވާއިދުގެ 205 ވަނަ މާއްދާގެ (ބ)ގައި ބަޔާންކުރާ ގޮތުގެ މަތިން މަޖިލީހުގެ ނާއިބު ރައީސް ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ރައީސްއެވެ.
އަދި އިތުބާރު ނެތްކަމުގެ މައްސަލަ އެއް ހުށަހެޅިފައި އޮތްކަމުގައި ވީ ނަމަވެސް މި ޖަލްސާގެ ރިޔާސަތުގައި އަދި އެހެން ޖަލްސާއެއްގެ ރިޔާސަތުގައި ވެސް މަޖިލީހުގެ ރައީސަށް ނުބެލެހެއްޓޭނެ ކަމަށް ބުނެފައެއް ނެތެވެ. އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމުން މަޖިލީހުގެ ރިޔާސަތު ނުބަލަހައްޓަވަން ނިންމަވާފައި ވަނީ މަޖިލީހުގެ ރައީސް ނަޝީދު އަމިއްލަފުޅަށެވެ.
މަޖިލީހުގެ ރައީސް ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވަޑައިގަންނަވާ ކަމަށް ވިދާޅުވެ އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ދެކޮޅު ހެއްދެވުމަކީ ޤާނޫނުގެ ބާރު ކަނޑުވާލުން ކަމަށް މަޖިލީހުގެ ބައެއް މެންބަރުންނާއި ޤާނޫނީ ދާއިރާގައި މަސައްކަތްކުރާ ބައެއް ބޭފުޅުން ޤަބޫލުކުރައްވައެވެ.
އެއީ ގަސްތުގައި މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ނުގެންދިއުމަށް ކުރައްވާ ކަމެއް ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވެއެވެ.
މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިޔުޝާ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދަންނަވާފައިވެސް ވެއެވެ.
އެހެންނަމަވެސް، އީވާ މަގާމުން ވަކިކުރުމަށް މަޖިލީހުގެ 50 މެންބަރުން ސޮއިކުރައްވައި ހުށަހެޅުއްވި އެ ގަރާރަށް ދީފައިވާ 14 ދުވަހުގެ ނޯޓިސް، 11 ޖޫންގައި ވަނީ ހަމަވެފައެވެ.