ކ. މާލެ
|
18 ޖޫން 2023 | އާދީއްތަ 14:30
މައުލޫމާތު ހޯދައި، އެ މައުލޫމާތު ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމަށް މުއައްސަސާތަކުގެ އެއްބާރުން ނުހަނު ބޭނުންވޭ
މައުލޫމާތު ހޯދައި، އެ މައުލޫމާތު ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމަށް މުއައްސަސާތަކުގެ އެއްބާރުން ނުހަނު ބޭނުންވޭ
ރާއްޖެއެމްވީ
މައުލޫމާތު ހިއްސާކުރުން
އަވަހަށް މައުލޫމާތު ހިއްސާކުރުން މުހިންމު
 
މުއައްސަސާތަކުން މައުލޫމާތު ހޯދަން އުނދަގޫ

ނޫސްވެރިކަމުގެ މިދާއިރާގައި މި ފާއިތުވެދިޔަ އަހަރުތަކުގައި އެންމެ ބޮޑަށް ފާހަގަވި އެއްކަމަކީ މުއައްސަސާތަކުން މައުލޫމާތު ހޯދަން އުނދަގޫވުމެވެ. ރައްޔިތުންނާއި ހަމައަށް ކަމެއް ހިނގައިދިޔަ ގޮތް ގެނެސްދިނުމަށް ނުހަނު ދަތިތަކާއި މިކަމުގެ ސަބަބުން ދިމާވެއެވެ. މައުލޫމާތު ހޯދުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ތަނެއްގައި ހިނގި ހާދިސާއަކާއި ގުޅިގެން ވިޔަސް ހިންގަމުންދާ ޕްރޮޖެކްޓެއްގެ މައުލޫމާތު ހޯދަން ވިޔަސް ކަމެއް ހިނގައިދިޔަ ގޮތް އިތުރަށް ސާފުކުރަން ބޭނުންވިޔަސް އެ މައުލޫމާތު ވަގުތުން ވަގުތަށް ހޯދުމަކީ ވަރަށް ދަތިކަމެކެވެ. އެހާމެ އުނދަގޫ ކަމެކެވެ. ސަރުކާރުގެ މުއައްސަސާތަކުން މައުލޫމާތު ހޯދުމަކީ ވަރަށް ބޮޑު ވޭނެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

ކަމަކާއި ގުޅިގެން މައުލޫމާތު ހޯދަން ގުޅާލުމުން ފޯނަށް ޖަވާބު ނުދޭ ފަހަރު ގިނައެވެ. މިސްޑް ކޯލް ފެނިގެން އަނބުރާ ނުގުޅާ ފަހަރު ވެސް ގިނައެވެ. އަދި ފޯނު ނަގައިފިނަމަ "މި ބަލަނީ، މި ޗެކްކޮށްލަނީ، އަޅުގަނޑު ޗުއްޓީގައި" މިފަދަ ޖަވާބުތައް ކަންފަތުގައި ނުޖެހޭ ފަހަރެއް ނުދާނެއެވެ. މި ބަލަނީއޭ ބުނުމަށްފަހު އޭގެ ދެ ހަފުތާ ފަހުން ވެސް އެކަމުގެ އެންމެ އެދެވޭ ޖަވާބެއް ނުލިބެއެވެ.

ސަރުކާރުގެ މުއައްސާސަތަކުގައި ވެސް ވަކިން މީޑިއާ ސެކްޝަންތައް ހުރެއެވެ. އެ ސެކްޝަނަކުން މައުލޫމާތު ފޯރުކޮށްދޭން ވަކި މީހަކު ވެސް ކަނޑައަޅާފައިވެއެވެ. އެހެންނަމަވެސް މައުލޫމާތެއް ހޯދަން ވެއްޖެނަމަ އެކަކަށް ގުޅާ އަނެކަކަށް ގުޅާ، އެކަމުގެ މައުލޫމާތު ނުލިބިގެން އުޅެން ޖެހެއެވެ.

ބޮޑެތި މައްސަލަތަކުގައި ވެސް ފުލުހުންގެ ފަރާތުން ވެސް މައުލޫމާތު ހޯދުން މިވަނީ އުނދަގޫކަމަށްވެފައެވެ. 3 ދިވެހިން ރަހީނުކުރި މައްސަލައާ ގުޅިގެން ވެސް މިހާތަނަށް މާބޮޑު މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. އެންމެ ފަހުން އެކަމުގައި ފުލުހުން ހިއްސާ ކުރި މައުލޫމާތުތަކަށް ބަލާއިރު ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ވާހަކައެވެ. ފުލުހުން ބުނީ ރަހީނުކޮށްފައި ވަނީ ދިވެހި 3 ފިރިހެނުން ކަމަށާއި އެ ތިން މީހުން ވެސް މިހާރު ސަލާމަތްކޮށްފައިވާ ކަމަށެވެ. އަދި އެ މީހުންނަށް އެކިވަރުގެ އަނިޔާތައް ކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. އެހެންނަމަވެސް އެ ހާދިސާގައި ކަން ހިނގާދިޔަ ގޮތެއް ހާމައެއް ނުކުރެއެވެ. އެންމެ ކުޑަމިނުން ފުލުހުން ހައްޔަރު ކުރި މީހުންގެ ވަނަވަރު ވެސް ހާމައެއް ނުކުރެއެވެ. އެހެންނަމަވެސް ބައެއް އެހެން މައްސަލަތަކުގައި ވެސް މީހުންގެ ވަނަވަރު ހާމަކޮށްފައި އެބަހުއްޓެވެ.

އެއާޕޯޓުން "މަސްތުވާތަކެތި" ގެއްލުނުކަމަށް ބުނާ މައްސަލައިގައި ވެސް އެއްއަހަރު ވެގެން ދިޔައިރު ފުލުހުންގެ ފަރާތުން މިމައްސަލައިގެ މައުލޫމާތު ހިއްސާކޮށްފައެއް ނުވެއެވެ. އޭރު ބަނަމުންދިޔައީ މައްސަލަ ތަހުޤީޤު ކުރަމުންދާތީ މައުލޫމާތު ހާމަކުރެވެން ނެތް ކަމަށެވެ. ފަހުން އެ މައްސަލަ އެހެން އޮވެ ހިނދިގެން ދިޔައީއެވެ. މިފަދައިން އެތައް ގިނަ މައްސަލައެއްގެ މައުލޫމާތު މިއަދާ ހަމައަށް އައިރުވެސް ފުލުހުން ހިއްސާ ކޮށްފައެއް ނުވެއެވެ.

ރައްޔިތުންނަށް މައުލޫމާތު ހޯދައި ދިނުމާއި ހަލުވި މިނެއްގައި ކަންތައްތަކުގެ މައުލޫމާތު ފޯރުކޮށްދިނުމަށް މިހެންވުމުން ހުރަސްތަކެއް އެޅިގެން އެބަދެއެވެ. މައުލޫމާތު ހޯދައި، އެ މައުލޫމާތު ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމަށް މުއައްސަސާތަކުގެ ވެރިންނާއި މީޑިއާ ސެކްޝަންތަކުގެ މީހުންގެ އެއްބާރުލުން ނުހަނު ބޭނުންވެއެވެ. ޒަމާން ތަރައްގީވެ، ދުނިޔެ ކުރިއަރާ ދާއިރު ގިނަ ޚިދުމަތްތައް ވެސް އޮންލައިންކޮށް ދެވޭ ޒަމާނެއްގައި މައުލޫމާތު ހޯދުމަކީ މިހާ އުނދަގޫ ކަމަށް ވެގެނެއް ނުވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
50%
0%
50%
ކޮމެންޓް