ކ. މާލެ
|
18 ޖޫން 2023 | އާދީއްތަ 09:36
ބްރެޒިލްގެ ގައުމީ ޓީމުގެ ކުޅުންތެރިން ކަޅު ޖާޒީގައި
ބްރެޒިލްގެ ގައުމީ ޓީމުގެ ކުޅުންތެރިން ކަޅު ޖާޒީގައި
ގޫގުލް
ބްރެޒިލް
ފުރަތަމަ ހާފު ކަޅު ޖާޒީގައި، ދެ ވަނަ ހާފު ރީނދޫ ޖާޒީގައި!
މި މެޗުން ބްރެޒިލް މޮޅުވީ 4-1އިން

ބްރެޒިލް އަކީ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ކާމިޔާބު ގައުމެވެ. ފަސް ފަހަރު ވޯލްޑްކަޕް ކާމިޔާބު ކުރި އެ ނޫން ގައުމެއް ނެތެވެ. ނަމަވެސް ރޭ އެކުވެރިކަމުގެ މެޗެއްގައި ގިނީއާ ދެކޮޅަށް ބްރެޒިލް ހާއްސަވީ އެގައުމުގެ ފުޓްބޯޅައިގެ ކާމިޔާބީއަކާ ހެދިނޫނެވެ. ކަޅު ޖާޒީގައި މެޗު ކުޅުމުންނެވެ.

1950ގެ ފަހުން ބްރެޒިލްގެ ޖާޒީގެ ކުލައަކީ ރީނދޫ ކުލަ އެވެ. ގައުމުން ބޭރުގައި ކުޅޭނަމަ ދެ ވަނަ ކުލައެއްގެ ގޮތުގައި ބޭނުން ކުރަމުން އައީ ނޫކުލަ އެވެ. މިއީ ބްރެޒިލްގެ ދިދާގައިވާ ހަތަރު ކުލައިގެ ތެރެއިން ދެ ކުލަ އެވެ.

ނަމަވެސް ގިނީއާ ދެކޮޅަށް ސްޕޭނުގައި ރޭ ބްރެޒިލް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ބޭނުންކުރީ ކަޅު ޖާޒީ އެވެ. ކަޅު ކުލައަކީ އަކީ ފަހަކަށް އައިސް ބްރެޒިލްގެ ކީޕަރުންގެ ކުލަ އެވެ. އެކަމަކު ކީޕަރު ޖާޒީ ކުޅުންތެރިން ބޭނުންކުރާގޮތަށް ތައްޔާރުކޮށްގެން މި މެޗަށް ނުކުތީ ހާއްސަ، މަތިވެރި މަގްސަދެއްގަ އެވެ. އެއީ ނަސްލީ ގޮތުން ކުޅުންތެރިންނާ ދިމާކުރުން ހުއްޓުވުމަށް ބާރު އެޅުމުގެ ގޮތުންނެވެ.

ބްރެޒިލް އާއި ގިނީ ކުޅުނު މެޗުގައި ވިނީޝިއަސް ކަޅު ޖާޒީގައި - ގޫގުލް

މެޗުގައި ކަޅު ޖާޒީ އިހްތިޔާރުކުރަން ޖެހުނު ސަބަބަކީ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ވިނީޝިއަސް ޖޫނިއާއަށް ރެއާލް މެޑްރިޑާއި ވެލެންސިއާ ކުޅުނު މެޗުގައި ނަސްލީގޮތުން ދިމާކުރުމުގެ ކަންތައްތަކެއް ހިނގައިދިއުމެވެ. މިކަން ހުއްޓުވަން ބްރެޒިލްގެ ފެޑަރޭޝަނުން ބޭނުންވީ ސްޕޭނުގެ ފަސްގަނޑުގައި ރެއާލް މެޑްރިޑުގެ ދަނޑުގައި މިކެމްޕޭން ފެށުމެވެ.

ބްރެޒިލްގެ ފުޓްބޯޅް ފެޑަރޭޝަނުގެ ރައީސް އެޑްނާލްޑޯ ރޮޑްރިގޭޒް ވިދާޅުވީ "ވީނީޝިއަސްއާއެކު ބްރެޒިލްގެ ގައުމީ ޓީމު އޮތްކަން ސްޕޭނާއި ދުނިޔެއަށް ދައްކާލަން ބޭނުންވީ،" ކަމަށެވެ.

އަހަރުމެން ނަސްލީ ތަފާތު ކުރުމާ ދެކޮޅު ހަދަން. އަހަރުމެން ކުޅުންތެރިންގެ ދިފާއުގައި އަހަރުމެން ތެދުވާނަން. އެކަން މި މެޗުގައި ފެނިގެން މިދިޔައީ. އަހަރުމެންނަކީ ނަސްލީގޮތުން ކުޅުންތެރިންނާ ދިމާކޮށްފިނަމަ އެކުލަބެއްގެ ޕޮއިންޓް އުނިކުރަން ފެށި ފުރަތަމަ އަދި ހަމައެކަނި ފެޑަރޭޝަން. މިހެންވެ އަހަރުމެންގެ ކުޅުންތެރިންނާ ނަސްލީގޮތުން ދިމާކޮށް ހެދުން ބަލައި ނުގަންނަން. މިކަން (ކަޅު) ޖާޒީ ލާން ނިންމީ މިހެންވެ
އެޑްނާލްޑޯ
ބްރެޒިލް އާއި ގިނީ ކުޅުނު މެޗުގެ ފަހުހާފުގައި ބްރެޒިލް ކުޅުންތެރިން ރީނދޫ ޖާޒީގައި - ގޫގުލް

ގިނީ އަތުން 4-1އިން ބްރެޒިލް މޮޅުވި މި މެޗުގައި އެ ގައުމުން ކަޅު ޖާޒީ ބޭނުންކުރީ ފުރަތަމަ ހާފުގަ އެވެ. ދެ ވަނަ ހާފުގައި ކުޅުނީ ބްރެޒިލްގެ ރަސްމީ ރީނދޫ ޖާޒީގަ އެވެ. މެޗުގައި ގޯލް ޖެހީ ޖޮއެލިންޓަން އާއި ރޮޑްރީގޯ އަދި އެޑާ މިލިޓާއޯ އާއި ވިނީޝިއަސް ޖޫނިއާ އެވެ. ގިނީގެ ލަނޑު ޖެހީ ގުއިރާސީ އެވެ.

ބްރެޒިލްގެ ތާރީހުގައި ވެސް ކަޅު ކުލައިގެ ޖާޒީގައި ކުޅުނު ފުރަތަމަ މެޗަކީ މިއީ އެވެ.

- ކޮމެންޓް