ބައިނަލްއަޤްވާމީ ރަހުމަތްތެރި ކަމުގެ މެޗުގައި ގިނީ އަތުން ބްރެޒިލް މޮޅުވި މެޗު, ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް ޚާއްޞަ ކޮށްފިއެވެ.
ހޮނިހިރުދުވަހުގެރޭ 4-1 ން ގިނީ ބަލިކުރި މެޗުގެ ފުރަތަމަ ހާފް ބްރެޒިލްއިން ކުޅުނީ މުޅިން ކަޅު ޖަރޒީއެއްގައެވެ. އެއީ ނަސްލީ ތަފާތުކުރުންތަކާ ދެކޮޅު ހެދުމުގެ ގޮތުންނެވެ. އެކަމަކު ދެވަނަ ހާފްގައި ބޭނުންކުރީ ރަސްމީ ރީނދޫ ޖަރޒީއެވެ. މެޗުގެ ކުރިން ދެޓީމްވެސް އެކަން އަންގައިދޭ ބެނާގެ ފަހަތުގައި ހުއްޓި ފޮޓޯ ނެގިއެވެ. ބެނާގައި ލިޔެފައިވަނީ ނަސްލީ ތަފާތުކުރުންތަކާއެކު ފުޓްބޯޅައެއް ނޯންނާނެ ކަމަށެވެ. ނަސްލީ ތަފާތުކުރުންތަކުގެ ވާހަކައިގެ އަޑު މިފަހުން މާބޮޑަށް ގަދަވީ ލަލީގާގައި ވެލެންސިޔާއާ ދެކޮޅަށް ކުޅުނު މެޗުގައި ރެއާލް މެޑްރިޑްގެ ބްރެޒިލް ފޯވާޑް ވިނީޝިއުސް ޖޫނިއަރ އާ ދިމާކޮށްލުމުނެވެ. އެމައްސަލަ ބްރެޒިލް ފެޑެރޭޝަނުން ވަނީ ކޯޓަށްވެސް ހުށަހަޅާފައެވެ.
ގިނީ އަތުން ބްރެޒިލް މޮޅުވި މެޗުގައި ފުރަތަމަ ލަނޑު ޖެހީ މިދިޔަ ސީޒަންގައި އެންމެ ސަޕްރައިޒިންގ ނަތީޖާތަކެއް ނެރުނު ނިއުކާސަލް ޔުނައިޓެޑްގެ މިޑްފީލްޑަރ ޖޮއެލިންޓަންއެވެ. މިއީ އޭނާ ބްރެޒިލްއަށް ކުޅުނު ފުރަތަމަ މެޗެވެ. މެޗުގައި ދެން ލަނޑު ޖެހީ ރެއާލް މެޑްރިޑްގެ ތިން ކުޅުންތެރިން ކަމަށްވާ ރޮޑްރީގޯއާއި, ޑިފެންޑަރ އެޑާ މިލިޓާއޯއާއި, ވިނީޝިއުސް ޖޫނިއަރއެވެ. ވިނީޝިއުސް ލަނޑު ޖެހީ ޕެނަލްޓީއަކުންނެެވެ.