ކ. މާލެ
|
17 ޖޫން 2023 | ހޮނިހިރު 21:11
50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން
50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން
50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
ޢާއިލާ މެންބަރުންނާ އެކުވެރިން ސަލާމަތުން، ދިރި ތިއްބާ ފެނޭތޯ ޢާއިލާތަކުން ކުރަމުންދާ ޢުއްމީދަށް ކުޑަ ނަމަވެސް ފަނޑުކަމެއް ނާދޭ
ބަނޑުން ޖަހާލި ބޯޓުން ސަލާމަތްވި މީހުން ބައިތިއްބާފައި ތިބި ކޭމްޕު ސަރަޙައްދުގައި އެކި ކޮޅުކޮޅަށް މީހުން އުޅެމުން ދިޔަ

އެއީ ޖޫން 14 މީ ބުދަ ދުވަހެވެ. ލީބިޔާއިން ފުރައިގެން ވިލާތުގެ އިއްތިހާދުގެ ސަރަޙައްދަށް ވަނުމަށް، މެޑިޓަރޭނިއަން ކަނޑުގެ ސަރަޙައްދުން ދަތުރު ކުރަމުން ދިޔަ ރެފިއުޖީ ބޯޓު، ގްރީސްގެ ރަށްބޭރަށް ފެތުނެވެ. ހަނގުރާމައާއި އަނިޔާވެރިކަމުން ސަލާމަތްވެ، އުޖާލާ ދިރިއުޅުމެއް ހޯދުމުގެ ފޮނި ޢުއްމީދުގައި، ނަމާން ދަތުރަކަށް ފުރި ޢާއިލާ މެންބަރުންނާ އެކުވެރިން ސަލާމަތުން، ދިރި ތިއްބާ ފެނޭތޯ ޢާއިލާތަކުން ކުރަމުންދާ ޢުއްމީދަށް ކުޑަ ނަމަވެސް ފަނޑުކަމެއް ނާދެއެވެ.

ބަނޑުން ޖަހާލި ބޯޓުން ސަލާމަތްވި މީހުން ބައިތިއްބާފައި ތިބި ކޭމްޕު ސަރަޙައްދުގައި އެކި ކޮޅުކޮޅަށް މީހުން އުޅެމުން ދިޔައެވެ. އޭގެ ތެރެއިން އެކަކީ ޕާކިސްތާނަށް އުފަން އާދިލް ޙުސައިންއެވެ. އާދިލްއަކީ ގްރީސްގައި ދިރިއުޅެމުންދާ މީހެކެވެ. ޢުމުރުން 43 އަހަރުގެ ބޭބެ، މަތުލޫބާ އެންމެ ފަހުން ވާހަކަދެއްކީ މީގެ ކުރީ ހަފުތާގެ ހުކުރު ދުވަހުއެވެ. އެ ދުވަހު ބޭބެ ބުނި ވާހަކައަކީ، އެ ރޭގެ ވަޤުތެއްގައި ލީބިޔާއިން ފުރާ ވާހަކައެވެ.

އަހަރެން މިތަނަށް އައިސް މިއުޅެނީ، އަހަރެންގެ ބޭބެގެ އެކުވެރިއެއް ހޯދަން. އޭނަ އެބަ އުޅޭ މިތާ. އަހަރެންގެ ބޭބެ ވީތަނެއް ނޭނގެ. މަށަކަށް ނޭނގެ ބޭބެއަށް ވީ ގޮތެއްވެސް. ބޭބެ ވީ ގެއްލިފަ. ބޭބެ ލީބިޔާއިން ފުރީ މިދިޔަ ހުކުރު ދުވަހު. 3 ދުވަސް މިވީ، އަދިވެސް ބޭބެއެއް ނުފެނޭ. އެއްވެސް މީހަކު މަށަކަށް ކިޔައެއް ނުދޭ ވީ ގޮތެއް. ދެން އަހަރަމެން މިއައީ މިތަނަށް. އެމީހުން ބުނީ މޯބައިލް ނަމްބަރު ދޭށެ. ގުޅާނަމޭ. އަހަރެންގެ ބޭބެގެ އެކުވެރިޔަކު އެބަ އުޅޭ މިތާ. އޭނަ ގާތު އަހަރެން އަހާލަން ބޭނުން ވަނީ ބޭބެ ކޮބައިތޯ.
އާދިލް ޙުސައިން؛ ޕާކިސްތާނަށް އުފަން މީހެއް

ލީބިޔާ މަގުން އިޓަލީވިލާތަށް ހިޖުރަ ކުރުމަށްޓަކައި، ޕާކިސްތާނުގައި ހުރެ، އޭނާގެ ބޭބެ، 7000 އެއްހާ ޔޫރޯ ދެއްކި ކަމަށް ޙުސައިން ކިޔައިދިނެވެ. މަތުލޫބަކީ މީގެ ކުރިން ގްރީސްގައިވެސް ދިރިއުޅެފައިވާ މީހެކެވެ. 12 އަހަރެއްހާ ދުވަސް ވަންދެން އޭނާ ގްރީސްގައި ދިރިއުޅުނެވެ. ނަމަވެސް އޭނާ ގްރީސްގައި އޭރު ދިރިއުޅެމުން ދިޔައީ ޤަވައިދާ ޚިލާފަށް ކަމުން، ޕާކިސްތާނަށް އެނބުރި ދިއުމަށް މަތުލޫބަށް އޭރު މަޖުބޫރު ވީއެވެ.

މިދަތުރަށް، ޕާކިސްތާނު ކޮޅުން ބޭބެ ދެއްކި 7000 އެއްހާ ޔޫރޯ. މީގެ ކުރިން 12 ވަރަކަށް 14 ވަރަކަށް އަހަރު ވަންދެން ބޭބެ އުޅުނީ ގްރީސްގަ. އެކަމަކު، ލިޔެކިޔުންތަކެއް ނެތް. އެހެންވެ، ބޭބެ ޕާކިސްތާނަށް ބަދަލުވީ. އެކޮޅުގަ ދެ އަހަރެއްހާ ދުވަހު ބޭބެ އުޅުނު. ކާނެ އެއްޗެއް ނުލިބި، މަސައްކަތެއް ނެތިފަ ބޭބެ ހުރީ. އެހެންވެ، އަނެއްކާވެސް، ޕާކިސްތާން ދޫކޮށް، އިޓަލީވިލާތަށް ބޭބެ ފުރީ. ގްރީސްއަށް އަންނާކަށް ބޭބެ ބޭނުމެއް ނުވޭ. އެމީހުން ލިޔެކިޔުން ހަމަޖައްސާ ނުދޭތީ. އެހެންވެ، ބޭބެގެ ދަތުރުގެ މިޞްރު އޮތީ އިޓަލީވިލާތަށް.
އާދިލް ޙުސައިން؛ ޕާކިސްތާނަށް އުފަން މީހެއް

ޕާކިސްތާނުގައި ދިރިއުޅުން ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ. ކުރާނެ މަސައްކަތެއްވެސް ނުލިބުނު ކަމަށާއި، އެހެން ކަމުން، އިޓަލީވިލާތަށް ދިރިއުޅުން ބަދަލު ކުރުމަށް ބޭބެ ނިންމީ ކަމަށް، ޙުސައިން ކިޔައިދިނެވެ. ދިރިއުޅުމަށް އަލިކަމަށް ހޯދުމުގެ ޢުއްމީދީ، އެހެން ނަމަވެސް ނަމާން ދަތުރަކަށް ފުރި ބޭބެގެ ހިލަމެއް އަދިވެސް ވެފައި ނުވާ އިރު، ޙުސައިން ޢުއްމީދު ކަނޑައެއް ނުލައެވެ.

ޙުސައިންއަކީ ގްރީސްގެ ރަށްބޭރަށް ފެތުރު ބޯޓުން ދަތުރު ކުރަމުން ދިޔަ މީހުންގެ ތެރެއިން އަދިވެސް ވީނުވީއެއް އެނގިފައި ނުވާ މީހުން ހޯދުމުގެ މަސައްކަތުގައި އުޅޭ ޢާއިލާތަކުން އެއް ޢާއިލާގެ މެންބަރެވެ. ހާދިޘާއިން ސަލާމަތްވި 104 މީހަކަށް، ގްރީސްގައި މިހާރު ފަރުވާ ދެމުން ދާ އިރު، ބޯޓު ފެތުނު ހާދިޘާގައި މަރުވި މީހުންގެ ޢަދަދު، 70 އަށް ވުރެ މައްޗަށް އަރައެވެ.

ބޯޓަށް އެރި ގޮތަށް އަރާ ބޭބެ ގުޅި. ބޭބެ ބުނި، 50 އަކަށް މީހުންގެ ޖާގައިގެ ބޯޓަކަށް 750 މީހުން އަރުވައިފިއޭ. ބޭބެ ބުނި، 100 ޕަސެންޓް ޔަޤީނޭ މި ބޯޓު ފެތޭނެކަން. އަހަރެން ބުނި ހަމަ މިހާރު ތި ބޯޓުން ފައިބާށޭވެސް. އެކަމަކު، ބޭބެ ނުފައިބާ. ބޭބެ ބުނީ، އެ ބޯޓުން ފައިބަން، ގޭންގުން ހުއްދަ ނުދޭ ވާހަކަ. އެ ގޭންގު މެންބަރުން އުޅުނީ ބަޑިއާއި ވަޅިއާ އެއްޗިހި ހިފައިގެން، ބޯޓަށް މަޖުބޫރުން މީހުން އަރުވަމުން.
އާދިލް ޙުސައިން؛ ޕާކިސްތާނަށް އުފަން މީހެއް

ގްރީސްގެ ކަމާ ބެހޭ ފަރާތްތަކުން ހުކުރު ދުވަހު ވަނީ މީހުން ސަލާމަތްކޮށް، ގެއްލިފައިވާ މީހުން ހޯދުމަށް ވަރުގަދަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ. ނަމަވެސް، އިތުރު ބަޔަކު ދިރިތިއްބާ ފެނިދާނެ ކަމުގެ ޢުއްމީދު މިހާރު ދަނީ ފަނޑުވަމުންނެވެ. ފެތުނު މަސްބޯޓުގައި 400 އާއި 700 އާ ދެމެދު ޢަދަދެއްގެ މީހުން ދަތުރު ކުރަމުން ދިޔަ ކަމަށް މަޢުލޫމާތު ލިބެއެވެ. މެދުއިރުމައްޗާއި އެފްރިކާ އަދި އޭޝިއާ ސަރަޙައްދުގެ ޤައުމުތައް ދޫކޮށް، ވިލާތުގެ އިއްތިޙާދުގެ ޤައުމުތަކަށް އެތެރެވުމަށް މަސައްކަތް ކުރާ ހިޖުރަވެރިންގެ މެދުގައި ގްރީސްއަކީ މަޤުބޫލު ރާސްތާއެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
29%
43%
0%
29%
0%
ކޮމެންޓް