އެމެރިކާގެ ވޮޝިންގްޓަންގައި ގާއިމުކުރި ރާއްޖޭ އެމްބަސީ ހުޅުވައިފިއެވެ.
މި ރަސްމިއްޔާތުގައި އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ އެސިސްޓެންޓް ސެކްރެޓަރީ ޑޮނަލްޑް ލޫ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރާއްޖޭގެ އެމްބަސީއެއް ހުޅުވިގެން ދިއުމާއި ގުޅިގެން ލޫ ވަނީ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް ގުޅުމަށް އިޝާރާތް ކުރައްވައި ވާހަކަދައްކަވާފައެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ރާއްޖެއާއި އެމެރިކާގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައިވެއެވެ.
މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އެމެރިކާގައި ތިއްބަވާ ރާއްޖޭގެ ޑިޕްލޮމެޓުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްބަސީ ހުޅުއްވުމަށް ފޮރިން މިނިސްޓަރު ޝާހިދު އެގައުމަށް ވަޑައިގެންފައި ވާއިރު، މި ދަތުރުފުޅުގައި ޔޫއެސް ސަރުކާރުގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެންއާ ވެސް ވަނީ ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައެވެ. މިނިސްޓަރު ޝާހިދާއި ސެކްރެޓަރީ ބްލިންކެންގެ މަޝްވަރާތަކުގައި ގިނަ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި އިންޑޯ ޕެސިފިކް ސަރަހައްދުގައި ސުލްހައާއި ރައްކާތެރިކަން އިތުރުކުރުމަށް ވަރަށް ބޮޑަށް އަލިއަޅުވާލާފައިވެއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ވަނީ އެމެރިކާގެ ޔުނިވާސިޓީތަކުގައި ކިޔަވަން ދިވެހިންނަށް މަތީ ތައުލީމުގެ ފުރުސަތު އިތުރުކުރުމަށް އެދިވަޑައިގެން، ކިޔެވުމުގެ އެކި ދާއިރާތަކުން އެކަޑަމިކް އެކްސްޗޭންޖްތަކާއި، ސްކޮލަރޝިޕްތަކާއި، އެއްބާރުލުން ދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން މިނިސްޓަރު ޝާހިދު ވަނީ އެމެރިކާއަށް ދަތުރުކުރާ ދިވެހިންނަށް ވިސާ މާފުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ، މިއީ މީހުންނާއި މީހުންނާ ގުޅުން ބަދަހިކުރުމުގެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ.
މިފަދަ ގުޅުންތައް އިތުރުކުރުމުގެ މުހިންމުކަން ސެކްރެޓަރީ ބްލިންކެން ގަބޫލުކުރައްވައި، ރައްޖޭގެ ރައްޔިތުންނަށް ވިސާގެ އުސޫލުތައް ސްޓްރީމްލައިން ކުރުމުގެ ފުރުސަތުތައް އެމެރިކާއިން ހޯދާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
ރާއްޖެއާ އެމެރިކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފައިވަނީ 1966 ވަނަ އަހަރުއެވެ.