ކ. މާލެ
|
12 ޖުލައި 2017 | ބުދަ 15:02
މާޒިޔާގެ ކޯޗު މަރްޖާން ސެކުލޮވްސްކީ
މާޒިޔާގެ ކޯޗު މަރްޖާން ސެކުލޮވްސްކީ
ރާއްޖެއެމްވީ
ސެކުލޮވްސްކީ
ގްރީން މެޗަށް ނިކުންނަނީ ވަރަށް ބޮޑު ގޮންޖެހުންތަކާއެކު: ސެކުލޮވްސްކީ
މާޒިޔާ ފިޔަވައި އެހެން ކްލަބްތަކުން އެހެންތަނަކުން ސަޕޯޓު ހޯދާ
ރަނގަޅު ސްކޮޑެއް އެކުލަވާލާ ކާމިޔާބުކުރަން މާޒިޔާ މަސައްކަތްކުރާނެ

މާލޭ ލީގުގައި ގްރީން ސްޓްރީޓާ ދެކޮޅަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ނިކުންނަނީ ވަރަށް ބޮޑު ގޮންޖެހުންތަކާއެކު ކަމަށް މާޒިޔާގެ ކޯޗު މަރްޖާން ސެކުލޮވްސްކީ ބުނެފި އެވެ.

މެޗުގެ ކުރިން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ސެކުލޮވްސްކީ ބުނީ ޓީމުގައި ސަސްޕެންޝަނުގެ މައްސަލަތައް އަދި އަނިޔާގެ މައްސަލަތައްވެސް އެބަހުރި ކަމަށާއި، އަދި މުހިންމު ކުޅުންތެރިޔަކު ޓީމު ދޫކޮށް ގޮސްފައިވާ ކަމަށެވެ.

ސެކުލޮވްސްކީ ބުނީ ބިދޭސީ ސެންޓްރަލް ޑިފެންޑަރު ޓީމު ދޫކޮށްލުމުން ދެވަނަ ސެންޓްރަލް ޑިފެންޑަރުގެ ޗޮއިސްގެ ބޭނުން ހިފި ކަމަށާއި، އެހެންނަމަވެސް އެ ކުޅުންތެރިޔާއަށް މާޒިޔާ މެޗުގައި ދެއްކި ރީނދޫ ކާޑާއެކު ސަސްޕެންޑުވެފައިވާ ކަމަށެވެ. އެގޮތުން ގްރީން މެޗަށް ނިކުންނަން ޖެހޭނީ ތިންވަނަ ޗޮއިސްއާއެކު ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

މީގެއިތުރުން އޭނާ ބުނީ އަސަދުﷲ އަށް ވެސް ދެ ރީނދޫ ކާޑު ހަމަވެގެން ސަސްޕެންޑުކުރެވިފައިވާ ކަމަށާއި، އެ މަގާމަށްވެސް ދެވަނަ އޮޕްޝަންއެއް ނެރެން ޖެހިފައިވާ ކަމަށެވެ.

މާލޭ ލީގުގައި މާޒިޔާ ކުޅޭ ކޮންމެ މެޗެއްގައި ތިން ރީނދޫ ކާޑު ނުވަތަ ހަތަރު ރީނދޫ ކާޑު ދައްކާ ކަމަށް ފާހަގަކުރަމުން ސެކުލޮވްސްކީ ބުނީ އެހެން ޓީމުތަކާ މާޒިޔާ ތަފާތު ކަމަށެވެ. އެގޮތުން އޭނާ ބުނީ އޭނާ ދެކޭ ގޮތުގައި މާޒިޔާ ފިޔަވައި އެހެން ކްލަބްތަކުން ކޮންމެވެސް އެހެންތަނަކުން ސަޕޯޓު ހޯދާ ކަމަށާއި، މާޒިޔާ މި ހާލަތަށް ވެއްޓޭނީ އެއްވެސް ސަޕޯޓެއް ނުހޯދާތީ ކަމަށެވެ.

އެހެންނަމަވެސް ސެކުލޮވްސްކީ ބުނީ މިހުރިހާ ގޮންޖެހުންތަކާއެކުވެސް ގްރީންއާ ދެކޮޅަށް ކުޅޭ މެޗު ރަނގަޅު ސްކޮޑެއް އެކުލަވާލާ ކާމިޔާބުކުރަން މާޒިޔާ އިން މަސައްކަތްކުރާނެ ކަމަށާއި، ކުޅުންތެރިންނަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ.

ގްރީންއާ ބެހޭގޮތުން ސެކުލޮވްސްކީ ބުނީ އެޓީމަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށާއި، ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން އަދި ކުރިން ފުރަތަމަ ޑިވިޝަންގެ ބޮޑެތި ކްލަބްތަކަށް ކުޅެފައިވާ ކަމަށެވެ. އެގޮތުން އެ ކުޅުންތެރިންނަކީ ތަޖުރިބާ ހުރި ކުޅުންތެރިން ކަމަށް އޭނާ ވަނީ ބުނެފައެވެ.

ގްރީން އަކީ ޅަ ޓީމެއް ކަމަށް އެޓީމުން ސިފަކުރި ނަމަވެސް އޭނާ ދެކޭ ގޮތުގައި އެޓީމަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށާއި، އެޓީމާ ދެކޮޅަށް ރަނގަޅު ކުޅުމެއް މާޒިޔާ އިން ދައްކަން ޖެހޭ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް