ދައުލަތުގެ އާމްދަނީ 14 ބިލިއަން ރުފިޔާއިން މައްޗަށް އަރައިފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ ވަނީ 14.5 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިދިޔަ އަހަރުގެ ޖޫން 8 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 11.9 ބިލިއަން ރުފިޔާއެވެ.
ފިނޭންސް މިނިސްޓްރީން ހާމަކުރާ ގޮތުގައި މިއަހަރުގެ މިހާތަނަށް ޓެކުހުން ލިބުނު އާމްދަނީ ވަނީ 11 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޓެކުހުން ލިބުނީ 8.7 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ.
މިއަހަރު އާންމު މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް ނުވަތަ ޖީއެސްޓީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 1.8 ބިލިއަން ރުފިޔާއެވެ. އަދި ފަތުރުވެރިކަމުގެ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކުހުގެ ގޮތުގައި 4.6 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ.
މިއަހަރު ބިޒްނަސް ޕްރޮޕަރޓީ ޓެކްސްގެ ގޮތުގައި 2.3 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ. އަދި ގްރީން ޓެކްސްގެ ގޮތުގައި 479.1 މިލިއަން ރުފިޔާ ދައުލަތަސް ލިބިފައިވާކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ގްރީން ޓެކްސްގެ ގޮތުގައި 480.1 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ. މީގެ އިތުރުން އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި 463.4 މިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިބިފައެވެ.
ޓެކްސް ނޫން އެހެނިހެން ގޮތްގޮތުން މިހާތަނަށް 3.3 ބިލިއަން ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ވަނީ ލިބިފައެވެ.
މީގެ ތެރޭގައި އެއަރޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި ލިބުނު 479.8 މިލިއަން ރުފިޔާއާއި، ރެޖިސްޓްރޭޝަން އަދި ލައިސަންސް ފީގެ ގޮތުގައި ލިބުނު 342.7 މިލިއަން ރުފިޔާއާއި، ރިސޯޓުތަކުގެ ކުލީގެ ގޮތުގައި ލިބުނު 532 މިލިއަން ރުފިޔާ ހިމެނެއެވެ.
ޖޫރިމަނާގެ ގޮތުގައި 68.8 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ. އަދި ކެޕިޓަލް ރިސިޕްޓްގެ ގޮތުގައި 3.1 މިލިއަން ރުފިޔާ ލިބިފައިވާއިރު، ގްރާންޓުގެ ގޮތުުގައި 191.4 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ.