ރާއްޖޭގައި މިހާރު ކުރިއަށްދާ ފައިވް ނޭޝަންސް ބާސްކެޓު މުބާރާތުގައި ކުޅުނު ދެ ވަނަ މެޗުގައި ބޫޓާން އަތުން ވެސް ރާއްޖެ ބަލިވެއްޖެ އެވެ.
ރާއްޖެ އިން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ބަލިވެފައި ވަނީ ބަންގްލަދޭޝް އަތުންނެވެ. ފުރަތަމަ މެޗުގައި ވެސް ބަންގްލަދޭޝްއާ ވާދަކޮސް 10 ޕޮއިންޓުގެ ފަރަގުން ބަލިވީއިރު، ބޫޓާން އަތުން ވެސް ބަލިވީ 10 ޕޮއިންޓުގެ ފަރަގަކުންނެވެ. ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި ކުޅުނު މެޗު ބޫޓާން އިން ކާމިޔާބު ކުރީ 60-50 އިންނެވެ.
މެޗުގެ ފުރަތަމަ ކުއާޓަރު ފަށައިގެން ވެސް ލީޑު ކޮށްގެން ކުޅެމުން ދިޔައީ ބޫޓާން އެވެ. ފުރަތަމަ ކުއާޓާރު ނިމުނުއިރު ބޫޓާން ކުރީގައި އޮތީ 15-7 އިންނެވެ. މިކުއާޓަރާ ޚިލާފަށް ދެ ވަނަ ކުއާޓަރު ނިމުނުއިރު ބޫޓާން އިން ވަނީ ލީޑު ބޮޑުކޮށްފަ އެވެ. އެގޮތުން ދެ ވަނަ ކުއާޓާރު ނިމުނީ 36-17 އިން ބޫޓާން ލީޑުގައި އޮވެގެންނެވެ. އެގޮތުގައި އޮވެ ބޫޓާން އިން ތިން ވަނަ ކުއާޓަރު ނިންމާލީ 47-29 އިންނެވެ. މެޗުގައި ބޫޓާންގެ ކުޅުންތެރިންގެ ފަރާތުން ޑިފެންސްގައި މޮޅު ކުޅުމެއް ފެނުނުއިރު، ރާއްޖެ އަށް ވަނީ ސްކޯ ކުރުމުގައި އުނދަގޫތަކާ ކުރިމަތިވެފަ އެވެ. ފަހު ކުއާޓަރު ބޫޓާން އިން ނިންމާލީ 60-50 އިންނެވެ.
މުބާރާތުގައި ކުޅުނު ދެ މެޗުން ވެސް ބަލިވުމުން، ރާއްޖެ އަށް ތިން ވަނަ މެޗުގައި ނަތީޖާ ނެރުމަށް މަޖުބޫރުވާނެ އެވެ. ރާއްޖޭގެ ތިން ވަނަ މެޗުގައި ހުކުރު ދުވަހުގެ ރޭ ނިކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ.