ގަލްފު ސަރަހައްދަށް އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލާސަން ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސައުދީ ރަސްގެފާނު ސަލްމާނާއި ބުދަދުވަހު ބައްދަލު ކުރައްވާނެކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ހޫނުވެފައިވާ ގަލްފުގެ މަސްރަހު ހައްލު ކުރެއްވުމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލާސަން ގަލްފު ސަރަހައްދަށް ދަތުރުފުޅު ކުރައްވަމުން ގެންދަވާއިރު ޓިލާސަން ވަނީ ޤަތަރަށް ވަޑައިގެން ޤަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދް އަލް ސާނީ އާއި އަދި ޤަތަރުގެ ފޮރިން މިނިސްޓަރާއިވެސް ބައްދަލު ކުރައްވާފައެވެ.
ޤަތަރުގެ މައްސަލަ އާއި ބެހޭގޮތުން އަންގާރަ ދުވަހު ޓިލާސަން ވިދާޅުވީ "ޤަތަރުން ކަންކަމުގައި ގެންގުޅޭ މަގާމު ވަރަށް ސާފުކަމަށް ގަބޫލުފުޅުކުރައްވާ ކަމަށާއި އެއީ ވަރަށް ގަބޫލު ކުރެވޭ ކަންތައްތަކެއް" ކަމަށެވެ.
ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލާސަން އާއި ޤަތަރުގެ ފޮރިން މިނިސްޓަރު އަލް ސާނީ ވަނީ ޓެރަރިޒަމާއި ދެކޮަޅަށް މަސައްކަތް ކުރުމާއި އަދި އެއަށް ފައިސާ ޚަރަދު ކުރުން ހުއްޓުވުމާއި ގުޅޭ އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފައެވެ. މި އެގްރީމެންޓާއި ގުޅޭގޮތުން ސައުދީ، މިސްރު، ބަހްރައިން އަދި ޔޫއޭއީ އިން ވަނީ އެއްބަސްކުރުމަކުން އަދި "ނުފުދޭ" ކަަމަށް ބުނެފައެވެ.
ބުދަ ދުވަހު ޓިލާސަން ސައުދީއަށް ވަޑައިގަންނަވާއިރު ޓިލާސަން ވަނީ ގަލްފަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކުވައިތަށްވެސް ވަޑައިގެންފައެވެ.
ސައޫދީ އަރަބިއްޔާ އާއި ގުޅިފައިވާ ގައުމުތަކުން މިދިޔަ ޖޫން މަހުގެ 5 ވަނަ ދުވަހުން ފެށިގެން ވަނީ ޤަތަރާއެކު އޮންނަ ގުޅުންތައް ކަނޑާލާފައެވެ. އެކަން އެގޮތައް ކޮށްފައި ވަނީ ޓެރަރިސްޓުންނަށް ޤަތަރުން އެހީވާ ކަމަށް ބުނެއެވެ. ޤަތަރުން އެކަން ދޮގު ކުރެއެވެ. އެކަމާ ގުޅިގެން ޖޫން 22 ވަނަ ދުވަހު ގަލްފުގެ ޤައުމުތަކުން ވަނީ 13 ނުކުތާއެއްގެ މައްޗަށް ހިމެނޭ ޑިމާންޑްތަކެއް އެޤައުމުތަކުން ޤަތަރަށް ހުށަހަޅާފައެވެ. އޭގެ ތެރޭގައި އަލްޖަޒީރާ ހުއްޓާލުންވެސް ހިމެނެއެވެ. ޤަތަރުން ވަނީ އެކަން ބަލައި ނުގެންފައެވެ.