މަދަނީ އިޖުރާއަތުގެ ދަށުން ޣައިރު ޙާޟިރުގައި ކުރާ ޙުކުމް މުރާޖަޢާއަށް ހުށައެޅުމުން، ޤާނޫނުގައި ބަޔާންވެގެންނުވި ނަމަވެސް، އަދި އެއްވެސް ފަރާތަކުން ކޯޓުގައި އެދިފައިނުވި ނަމަވެސް، މުރާޖަޢާގައި ވަކި ގޮތެއް ނިމެންދެން އެ ކޯޓުން ކުރި ޣައިރު ޙާޟިރުގެ ޙުކުމަށް ޢަމަލުކުރަން އެހިނދަށް މަޑުޖެހޭނެކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމްކޮށްފިއެވެ.
ބުރާސްފަތި ދުވަހު ހައިކޯޓުން އެގޮތަށް ޙުކުމް ކޮށްފައިވަނީ އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ސަދަން އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ ދެކޮޅަށް ހުށައެޅި އިސްތިއުނާފީ މައްސަލައެއްގައެވެ.
މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، 62 ބިދޭސީން ގެނައުމަށް ޑިޕޮސިޓްގެ ގޮތުގައި ފަސްލައްކަ ހަތަރުހާސް ރުފިޔާ އެ ކުންފުނިން ދައުލަތުގެ ކަމާބެހޭ ފަރާތުގައި ބަހައްޓާފައި ވަނިކޮށް، ރަޖިސްޓްރަރ އޮފް ކޮމްޕެނީސް އަށް ލިބިދޭ އިޚްތިޔާރުގެ ދަށުން ގިނަ އަދަދެއްގެ ކުންފުނި އުވާލުމުގެ ތެރޭގައި އެ ކުންފުނި އުވާލުމަށް ވަނީ ކަނޑައަޅާފައެވެ.
ކުންފުނިން އުވާލުމަށް ކަނޑައެޅިއިރު، އެ ފައިސާ އެ ކުންފުންޏަށް ޙަވާލުކޮށްފައިނުވާތީ އެ ފައިސާ އެ ކުންފުންޏާ ޙަވާލުކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ މައްޗަށް އަމުރުކޮށްދިނުން އެދި މިނިސްޓްރީއާ ދެކޮޅަށް އެ ކުންފުނިން ވަނީ ސިވިލް ކޯޓުގައި ދައުވާ އުފުލާފައެވެ.
އެ މައްސަލައިގައި ދިފާޢު ހުށަހެޅުމަށް ދެވުނު މުއްދަތުގައި ދައުލަތުން ދިފާޢު ހުށަހަޅާފައިނުވާތީ، ކޯޓުން ވަނީ ޣައިރު ހާޒިރުގައި މައްސަލަ ނިންމައި، އެ ފައިސާ ކުންފުންޏަށް ދިނުމަށް ޙުކުމްކޮށްފައެވެ.
ނަމަވެސް އެ ޙުކުމް މުރާޖަޢާ ކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ފަރާތުން ސިވިލް ކޯޓަށް ހުށައެޅިއެވެ. އަދި އެ ގަޒިއްޔާގެ ތެރެއިން މިނިސްޓްރީން ވަނީ ޣައިރު ޙާޟިރުގައި ކުރި ޙުކުމަށް ޢަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށްވެސް އެދިފައެވެ.
މިނިސްޓްރީގެ އެ ހުށައެޅުމާއި ގުޅިގެން އެފަދައިން ޙުކުމް ތަންފީޛް ފަސްކުރުމުގެ އަމުރު ނެރުމުގެ ބާރަކީ އެ ކޯޓަށް ލިބިގެންވާ ބާރެއް ނޫންކަމަށް ކަނޑައަޅައި ސިވިލް ކޯޓުން ގޮތް ނިންމިއެވެ.
ސިވިލް ކޯޓުން ނިންމި ނިންމުމުގައި ބުނެފައިވަނީ ޣައިރު ޙާޟިރުގައި ކުރާ ޙުކުމް މުރާޖައާ ކުރުމުގައި ކޯޓަށް ލިބިދޭ ބާރުތަކުގެ ތެރޭގައި ޙުކުމް ތަންފީޛްކުރުން ފަސްކުރުމަށް އަމުރުކުރުން ހިމެނޭކަމަށް މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންވެގެން ނުވާ ކަމަށެވެ.
ވުމާއެކު، ދައުލަތުން އެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
ދައުލަތުގެ އިސްތިއުނާފުގައި ބުނެފައިވަނީ ޣައިރު ޙާޟިރުގައި ކުރާ ޙުކުމް ބަދަލުކުރުން ނުވަތަ ބާޠިލްކުރުމުގެ އިޚްތިޔާރު ދަށު ކޯޓަށް ލިބިދީފައި އޮތް އިރު، އެފަދައިން ޙުކުމް މުރާޖަޢާ ކުރާ މަރުޙަލާގެ ތެރޭގައި އެ ޙުކުމަށް ޢަމަލުކުރުން ފަސްކުރުމަށް އަމުރު ކުރުމުގެ ބާރު އެކޯޓަކަށް ލިބިގެންވާކަމަށް ޤާނޫނުގެ މަޤްސަދަށް ބަލައި މާނަކުރާއިރު މާނަކުރެވޭކަމަށެވެ.
އެހެންކަމުން އެ ބާރު ލިބިގެން ނުވާކަމަށް ދަށު ކޯޓުން ކަނޑައެޅީ ރަނގަޅަށް ނޫން ކަމަށާއި އެ ނިންމުން ބާޠިލްކޮށް، ތަހުވީލު ކޮށްދިނުން އެދޭ ކަމަށް ދައުލަތުން ބުނެއެވެ.
ހައިކޯޓުގައި މި މައްސަލަ ބެއްލެވި 3 ފަނޑިޔާރުންގެ އިއްތިފާޤުން ވަނީ ސިވިލް ކޯޓުގެ ޙުކުމް ބާތިލުކޮށްފައެވެ.
އޭގެ އިތުރުން، ސިވިލް ކޯޓުން ނިންމި ނިންމުން މުރާޖައާ ކޮށްދިނުން އެދި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ސިވިލް ކޯޓަށް ހުށައަޅާފައިވާއިރު، އެ މައްސަލައިގައި ޙުކުމް ތަންފީޒުކުރުން ފަސްކޮށް ދިނުން އެދި ދައުލަތުން ހުށަހަޅާފައިވާ ހުށަހެޅުމާމެދު ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލަށް ރިޢާޔަތްކޮށް ގޮތެއް ކަނޑައެޅުމަށްޓަކައި ސިވިލް ކޯޓަށް ތަހުވީލު ކުރުމަށްވެސް ހައިކޯޓުން ވަނީ ޙުކުމް ކުރައްވާފައެވެ.
ހައިކޯޓުން ކުރި ޙުކުމުގައި ބުނެފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ޢައިރު ޙާޟިރުގައި ކުރާ ޙުކުމް މުރާޖަޢާއަށް ހުށަހެޅި، މުރާޖަޢާ އެ ކޯޓެއްގައި ކުރިއަށް ދާނަމަ، ޤާނޫނުގައި ބަޔާންވެގެންނުވި ނަމަވެސް، އަދި އެއްވެސް ފަރާތަކުން ކޯޓުގައި އެދިފައިނުވި ނަމަވެސް، މުރާޖަޢާގައި ވަކި ގޮތެއް ނިމެންދެން އެ ކޯޓުން ކުރި ޣައިރު ޙާޟިރުގެ ޙުކުމަށް ޢަމަލުކުރަން އެހިނދަށް އޮންނަންވާނީ މަޑުޖެހިފައިކަމަށެވެ.
އަދި ޣައިރު ޙާޟިރުގައިކުރި ޙުކުމުގެ މުރާޖަޢާ ކުރި އަށް ދާނަމަ، ޙުކުމަށް ޢަމަލުކުރަންޖެހޭ ފަރާތްތަކަށާއި އެހެން ފަރާތްތަކުގެ ސަމާލުކަމަށްޓަކައި އެ ޙުކުމަށް ޢަމަލުކުރުން ފަސްކުރުމުގެ އަމުރެއް ދަށުކޯޓުން ނެރެވިދާނެ ކަމަށްވެސް ވަނީ ޙުކުމްކޮށްފައެވެ.