ޔުއެފާ ނޭޝަންސް ލީގުގެ ފުރަތަމަ ސެމީ ފައިނަލްގައި ނެދަލެންޑްސްގެ މައްޗަށް ކުރި ހޯދައިގެން ކްރޮއޭޝިއާ މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.
ނެދަލެންޑްސްގެ ޑީ ކުއިޕް ސްޓޭޑިއަމްގައި ބުދަ ދުވަހުގެ ރޭ ކުޅުނު މެޗު ކްރޮއޭޝިއާ އިން ކާމިޔާބު ކުރީ 4-2 އިންނެވެ. އެއީ މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު ދެ ޓީމު ވެސް 2-2 އިން އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގައި ކުރި ހޯދައިގެންނެވެ. މެޗު ފަށައިގެން ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް ނެދަލެންޑްސް އިންނެވެ. މެޗުގެ 34 ވަނަ މިނެޓުގައި ނެދަލެންޑްސް އަށް ލީޑު ނަގައިދިނީ ޑޮންޔެލް މާލެން އެވެ. ނަަމަވެސް ދެ ވަނަ ހާފު ފަށައިގެން ކުރީ ކޮޅު ކްރޮއޭޝިއާ އިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. 55 ވަނަ މިނެޓުގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ލިބުނު ޕެނަލްޓީއަކުން އަންްދްރޭ ކްރަމަރިޗް އެވެ. އޭގެ ފަހުން 72 ވަނަ މިނެޓުގައި މާރިއޯ ޕަސާލިޗް ވަނީ ކްރޮއޭޝިއާގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ނަގައިދީފަ އެވެ. ނަމަވެސް މެޗުގެ އިތުރު ވަގުތުގައި ނޯއާ ލަންގް ވަނީ ނެދަލެންޑްސް އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.
އިތުރު ވަގުތު ފަށައިގެން ކްރޮއޭޝިއާ އިން ދެ ވަނަ ފަހަރަށް ލީޑު ނެގި އެވެ. 98 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ބްރޫނޯ ޕެޓްކޮވިޗް އެވެ. އޭގެ ފަހުން 116 ވަނަ މިނެޓުގައި ކްރޮއޭޝިއާގެ ހަތަރު ވަނަ ލަނޑު ޖެހީ ކެޕްޓަން ލޫކާ މޮޑްރިޗް އެވެ. އެއީ ލިބުނު ޕެނަލްޓީއަކުންނެވެ.
މުބާރާތުގެ ފައިނަލަށް ކްރޮއޭޝިއާ އިން ދަތުރުކޮށްފައިވާ އިރު، ފައިނަލްގައި ވާދަކުރާނެ ދެ ވަނަ ޓީމު ޔަގީން ވާނީ ސްޕެއިން އަދި އިޓަލީ ކުޅޭ ދެ ވަނަ ސެމީ މެޗުންނެވެ. ކްރޮއޭޝިއާ އިން ވަނީ މިދިޔަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕް މުބާރާތުގެ ތިން ވަނަ ހޯދައިފަ އެވެ. އޭގެ ކުރިން 2018 ވަނަ އަހަރު ރަޝިޔާގައި ބޭއްވި މުބާރާތުގެ ފައިނަލްގައި ވަނީ ވާދަކޮށްފަ އެވެ.