ކ. މާލެ
|
14 ޖޫން 2023 | ބުދަ 18:03
ކުދި ވެލާތަކެއް
ކުދި ވެލާތަކެއް
މުހައްމަދު ފަޒީން
ވެލާކަހަނބު ހިމާޔަތްކުރުން
ވެލާކަހަނބާއި މަޑިއަކީ އަދިވެސް ހިމާޔަތް ކޮށްފައިވާ ބާވަތްތަކެއް، ނުރަނގަޅު މައުލޫމާތު ނުފަތުރާ: އީޕީއޭ
 
ގާނޫނާއި ހިލާފަށް އަމަލުކުރާ މީހުންނާއި މެދު ފިޔަވަޅު އެޅޭނެ
 
ހުއްދަނެތި ދިރާސާކުރުމާއި އެ ތަކެތި އާލާކުރުމުގެ މަސައްކަތް ކުރުމަކީ ގާނޫނީ ގޮތުން މަނާކަމެއް
 
ވެލާ ކަހަނބުގެ ބާވަތްތައް ހިފާ ގެންގުޅުމަކީ މަނާކަމެއް

ވެލާކަހަނބާއި މަޑީގެ ބާވަތްތަކަކީ ''ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއިބެހޭ ގާނޫނު'' ގައި އަދިވެސް ހިމާޔަތް ކޮށްފައިވާ ބާވަތްތަކެއް ކަމަށާއި، ނުރަނގަޅު މައުލޫމާތު ނުފެތުރުމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.

ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ވެލާކަހަނބުގެ ބާވަތްތަކާއި ގުޅޭގޮތުން ނުރަނގަޅު މައުލޫމާތު ދައުރުވަމުންދާ ކަމަށް ބުނެ އީޕީއޭއިން އާއްމުކޮށްފައިވާ ބަޔާނެއްގައި ބުނީ މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ފަރާތުން ތަންފީޒު ކުރަމުންދާ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާއްމު ގަވާއިދުގައި މަސްވެރިކަމުގެ ތެރޭގައި ނެގުމާއި ހިފުން މަނާ ބާވަތްތަކުގެ ތެރެއިން ވެލާކަހަނބާއި މަޑީގެ ބާވަތްތައް އުނިކުރުމާއި ގުޅޭގޮތުން ބައެއް ނޫސްތަކުގައި އާއްމު ރައްޔިތުންނަށް އޮޅޭގޮތަށް މައުލޫމާތު ފަތުރަމުންދާ ކަމަށެވެ.

މަސްވެރިކަމާއި ބެހޭ ގާނޫނުގެ ދަށުން ވެލާކަހަނބާއި މަޑީގެ ބާވަތްތައް އުނިކޮށްފައިވީ ނަމަވެސް މިދިރުންތަކަކީ ''ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއިބެހޭ ގާނޫނު ގައި އަދިވެސް ހިމާޔަތް ކޮށްފައިވާ ބާވަތްތަކެއް ކަމަށް އީޕީއޭއިން ބުނެއެވެ.

އެގޮތުން ދިވެހިރާއްޖޭގެ ކަނޑުތަކުގެ ދިރިއުޅޭ ހުރިހާ ބާވަތެއްގެ ވެލާ ކަހަނބެއްވަނީ ''ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު'' (ނަންބަރު 4/93)ގެ 4 ވަނަ މާއްދާގެ ހ ގެ ދަށުން 4 އޭޕްރީލް 2016 ގައި ހިމާޔަތްކޮށް އިއުލާނުން އާއްމުކޮށް އަންގާފައިވާ ކަމަށެވެ. އަދި މިއާ ގުޅިގެން ވެލާ ކަހަނބުގެ ބާވަތްތައް ހިފާ ގެންގުޅުމާއި އޭގެ ބިސްނެގުމާއި ބިސްވަޅުތަކަށް ގޯނާކުރުމާއި އޭގެ ބައިތަކުގެ ވިޔަފާރި ކުރުމާއި، އެތަކެއްޗާއި އެތަކެތީގެ ބިހާއި އޭގެ ބައިތައް ބޭނުންކޮށްގެން އުފައްދާ ތަކެތި އިމްޕޯޓުކޮށް އެކްސްޕޯޓު ކުރުމާއި، އެތަކެއްޗާއި ގުޅޭގޮތުން އެ އެޖެންސީގެ ހުއްދަނެތި ދިރާސާކުރުމާއި، އެ ތަކެތި އާލާކުރުމުގެ މަސައްކަތް ކުރުމަކީ ގާނޫނީ ގޮތުން މަނާކަމެއް ކަމަށް އީޕީއޭއިން ބުނެއެވެ.

އީޕީއޭއިން ބުނީ މިއާހިލާފަށް އަމަލުކުރާ ފަރާތްތަކާއި މެދު ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރަށްކައުތެރިކުރާ ދިރޭ ތަކެއްޗާއިބެހޭ ގަވާއިދުގެ ދަށުން ފިޔަވަޅު އެޅޭނެ ކަމަށެވެ.

ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ގާނޫނާއި މިގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި ހިމާޔަތް ކޮށްފައިވާ ދިރުންތަކާއި ގުޅޭގޮތުން އަންގާ އެންގުންތަކާއި ގާނޫނާއި ގަވާއިދުތައް ތަންފީޒު ކުރުމަށް ހުރިހާ ފަރާތްތަކުގެ އެއްބާރުލުން ބޭނުންވާ ކަމަށް އީޕީއޭއިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް