ކޮންމެ އަހަރަކުވެސް ޖޫންމަހުގެ 14 ވަނަ ދުވަހަކީ ދުނިޔޭގެ ފެންފަރުގައި ފާހަގަ ކުރާ ލޭ ހަދިޔާ ކުރުމުގެ ދުވަހެވެ.
މިފަދަ ދުވަހެއް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރުމުގެ ބޭނުމަކީ ރައްކާތެރިކަމާއެކު ލޭ ހަދިޔާ ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލި އަޅުވާލައި، އަދި ލޭ ހަދިޔާކުރާ ފަރާތްތަކަށް ޝުކުރުވެރިވުމެވެ. އެހެނީ އެކި ފަރާތްތަކަށް ދިމާވާ ސިއްހީ އިމަޖެންސީތަކުގައި ބޭނުންވާ ވަގުތު ބޭނުންވާ ގްރޫޕްގެ ލޭ ލިބުމަކީ ވަރަށް ގިނަ ފަހަރަށް ފުރާނަ ސަލާމަތް ކުރެވޭ ކަމަކަށް ވާތީއެވެ.
މީގެ އިތުރުން މުޖްތަމައުގެ އަފްރާދުންގެ ކިބައިގައި ގަވާއިދުން ލޭ ހަދިޔާކުރުމުގެ އާދަ އަށަގަނެފި ނަމަ މުހިންމު ވަގުތުތަކުގައި ބޭނުންވާ ލޭ އަބަދުވެސް ލިބެން ހުންނާނެތީ އެކަމަށް ބާރުއެޅުން ވެސް އެއީ މިފަދަ ދުވަހެއް ފާހަގަކުރުމުގެ އެއް މަގުސަދެވެ.
އިންޑިޔާގައި ދާދިފަހުން މިފަދަ އެއް ހާދިސާ ވަނީ ހިނގާފައެވެ. އެއީ އޮޑިޝާގައި ހިނގި ރޭލު އެކްސިޑެންޓެވެ. އެދުވަހު އެތައް ސަތޭކަ ބަޔަކު އެ ހާދިސާގައި އަނިޔާވި މީހުންނަށް ލޭ ހަދިޔާ ކުރުމަށް ނުކުތް ކަމަށް ވެއެވެ. އަދި މިކަމުގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކު ސަލާމަތް ކުރެވިފައިވެއެވެ.
ލޭ ހަދިޔާ ކުރުމަކީ އިމަރޖެންސީތަކުގައި ފުރާނަ ސަލާމަތް ކުރެވޭ ކަމެއްގެ އިތުރުން ތަފާތު ބަލިތަކުން މީހުން ސަލާމަތް ކޮށްދިނުމަށް ވެސް އެހީތެރިވާ ކަމެކެވެ.
މިދުވަހުގެ ތީމް
ދުނިޔޭގެ ލޭ ހަދިޔާކުރުމުގެ ދުވަސް 2023 ގެ "ތީމް" އެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ގިވް ބްލްޑް، ގިވް ޕްލަސްމާ، ޝެއާ ލައިފް، ،ޝެއާ އޯފްން" މިއެވެ. ތީމްގެ ތަރުޖަމާއަކަށް ބަލާއިރު މާނަކުރެވެނީ ލެއަކީ ފުރާނަޔަށް ދިރުންދޭ އެއްޗަކަށް ވާހިނދު، ލޭ އަވަސް އަވަހަށް ހަދިޔާކޮށް ލޭ ހިއްސާކުރުމުގެ ތެރެއިން މިދިރުން ވެސް ހިއްސާ ކުރުމަށް ގޮވާލުމެވެ.
ދުނިޔޭގެ ލޭ ހަދިޔާކުރުމުގެ ދުވަސް ފާހަގަ ކުރަން ފެށުނު ގޮތް
ދުނިޔޭގެ ފެންވަރުގައި ލޭ ހަދިޔާކުރުމުގެ ދުވަހެއް ފާހަގަ ކުރަން ކަނޑައަޅާފައިވަނީ 2004 ވަނަ އަހަރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިންނެވެ. އަދި 2005 ވަނަ އަހަރު ވަރލްޑް ހެލްތު އެސެމްބްލީގެ 58 ވަނަ ސެޝަންގައިވަނީ މިދުވަސް ކޮންމެއަހަރަކު ވެސް ގަވާއިދުން ފާހަގަކުރުމަށް ގޮވާލާފައެވެ. އެއީ ލޭ ހަދިޔާ ކުރުމުގެ މުހިންމުކަމާމެދު ހޭލުންތެރިކަން އިތުރު ކުރުމަށެވެ.
ލޭ ހަދިޔާކުރުމުގެ ދުވަހެއް ފާހަގަކުރުމަށް ޑަބްލިއުއެޗްއޯ އިން ކަޑައަޅާފައިވަނީ ލެޔާ ބެހޭ ތަހުލީލު ތައްކުރުމާއި އަދި ލޭ އެޅުމުގެ ޒަމާނީ ގޮތްތައް ތައާރަފް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި، އެރޮގުން 1930 ވަނަ އަހަރު ނޯބެލް ޕީސް ޕްރައިޒް ދެވިފައިވާ އޮސްޓްރިޔާގެ ޕެތޮލޮޖިސްޓް ކާލް ލޭންޑްސްޓައިނަރގެ އުފަން ތާރީޚުގައެވެ.
ލޭ ހަދިޔާ ކުރެވޭނީ ކޮންބަޔަކަށް؟
ލޭ ހަދިޔާކުރުމަށް ގަސްތު ކުރާ މީހުން ބަލަންޖެހޭ ގައިޑްލައިންތަކެއް ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައި ވެއެވެ. އެއީ
- އެމީހެއްގެ ބަރުދަން 50 ކިލޯ އަށް ވުރެ ލުއި ނުވުން
- އުމުރުން 18 އަހަރާ 65 އަހަރާ ދެމެދުގެ މީހަކު ކަމުގައި ވުން
- ރޯގާޖެހިފައި ނުވަތަ އެހެންވެސް އެފަދަ އިންފެކްޝަނެއް ޖެހިފައި ނެތުން
- ހެމޮގްލޮބިން ލެވެލް 12.5 އަށް ވުރެ ދަށް ނުވުން
ލޭ ހަދިޔާ ނުކުރެވޭނީ ކޮންބަޔަކަށް؟
ލޭ ހަދިޔާ ކުރަން ބޭނުންވިޔަސް އެކަން ނުކުރެވޭނެ ބަޔަކު ވެސް ކަނޑައަޅާފައި ވެއެވެ. އެގޮތުން :
- ބަލިވެ އިން އަންހެނާ ނުވަތަ ގާތުން ކިރު ދޭ މައެއް ނަމަވެސް ލޭ ހަދިޔާ ނުކުރެވޭނެ އެވެ.
- ގައިގެ ތަނެއްގައި ޓެޓޫ ޖަހާ ނުވަތަ ގައިގެ ތަނެއް ތޮރުފި ނަމަވެސް އެ ތާރީޚުން ފެށިގެން ހަމަސް ވަންދެން ލޭ ހަދިޔާ ނުކުރެވޭނެއެވެ.
- އެޗްއައިވީ ޕޮޒިޓިވް މީހުންނަށް ވެސް ލޭހަދިޔާ ނުކުރެވޭނެއެވެ.
- އިންޖެކްޝަންގެ ޒަރިއާއިން ހަށިގަނޑަށް ޑްރަގްސް ޖަހާފައިވާނަމަ އެފަދަ މީހުން ލޭ ހަދިޔާކުރުން ހުއްދައެއް ނޫނެވެ.
- އަދި އެލްކޮހޯލް ބޭނުން ކުރި މީހަކު ވެސް 48 ގަޑިއިރު ނުވަނީސް ލޭ ހަދިޔާ ނުކުރެވޭނެ ކަމަށް ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ މިންގަނޑުގައި ވެއެވެ.