ކ. މާލެ
|
13 ޖޫން 2023 | އަންގާރަ 10:39
ޙައްޤުތަކަށް އެންމެ ބާރަށް ވަކާލާތު ކުރާ ޤައުމުގައި، ކުޑަ ކުދިން ލައްވާ އެކަށީގެން ނުވާ މަސައްކަތް ކުރުވުން މެކުހަށް
އެމެރިކާގައި ކުޑަ ކުދިން ލައްވާ މަސައްކަތް ކުރުވުނ
ޙައްޤުތަކަށް އެންމެ ބާރަށް ވަކާލާތު ކުރާ ޤައުމުގައި، ކުޑަ ކުދިން ލައްވާ އެކަށީގެން ނުވާ މަސައްކަތް ކުރުވުން މެކުހަށް
 
އުސޫލުތަކާ ޚިލާފަށް، ކުދިން ލައްވާ މަސައްކަތް ކުރުވުމުގެ ނުރައްކާ، އެމެރިކާގައި ވަނީ އިންތިހާއަށް ބޮޑުވެފައި

ކުޑަ ކުދިން ލައްވާ، ޢުމުރާ އެކަށީގެން ނުވާ މަސައްކަތްތައް، އެކަށީގެން ނުވާ މިންވަރަކަށް ކުރުވުމުގެ މައްސަލައަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަދިވެސް ފެތުރިފައި ވާ ޖަރީމާއެކެވެ. އެހެން މީހުންގެ ހިމާޔަތާއި ރައްކާތެރިކަމުގައި ތިބެ، މުސްތަޤުބަލު ބިނާ ކުރަން ވީ ދުވަހު، އަމިއްލަ ނަފުސާ ފުރާނަ، ނުރައްކަލުގެ ތެރެއަށް ހުށަހަޅަން ޖެހިފައި ވާ ކުޑަ ކުދިންގެ ޢަދަދު މަދެއް ނުވެއެވެ. އިންސާނީ ޙައްޤުތަކާއި ކުޑަކުދިންގެ ޙައްޤުތަކަށް އެންމެ ހަރު އަޑުން ވަކާލާތު ކޮށް، އެފަދަ ޙައްޤުތަކަށް އަރައިގަންނަ ކަމަށް ބުނެ، އެހެން ޤައުމުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ އެންމެ ކުރީގައި އޮތް އެމެރިކާގައިވެސް މިކަން އޮތީ މިހެންނެވެ. ކުޑަ ކުދިން ލައްވާ، އެކަށީގެން ނުވާ މަސައްކަތްތައް ކުރުވުމުގެ ޖަރީމާ ހައްތަހާ ދަނީ އިތުރު ވަމުންނެވެ.

ކުޑަ ކުދިންނަށް މަސައްކަތް ކުރެވޭނެ ވަކި ޙާލަތްތަކެއް ހުރި އިރު، އެ އުސޫލުތަކާ ޚިލާފަށް، ކުދިން ލައްވާ މަސައްކަތް ކުރުވުމުގެ ނުރައްކާ، އެމެރިކާގައި އިންތިހާއަށް ބޮޑުވެފައި ވާ ކަމަށާ، އެކަމުގެ ސަބަބުން ދެން ނުކުންނަ ނަތީޖާތައް ގޯހުން ގޯހަށް ހިނގައި ދާނެ ކަމަށް، ދާއިރާގެ ތަޖުރިބާ ކާރުން ގެންދަވަނީ އިންޒާރު ކުރައްވަމުންނެވެ.

މަސައްކަތްތެރިންނާ ބެހޭ އެމެރިކާގެ އިދާރާގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 2018 ވަނަ އަހަރުން ފެށިގެން ބެލި ކަމުގައި ވީ ނަމަވެސް، ކުޑަ ކުދިން ލައްވާ މަސައްކަތް ކުރުވުމުގެ އުސޫލުތަކާ ޚިލާފުވުމުގެ މައްސަލަތައް، މިދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ބޮޑު ތަނުން ވަނީ އިތުރު ވެފައެވެ. މިކަމުގެ ޝިކާރައަކަށް ވެފައި ވާ ކުޑަކުދިންގެ ތެރެއިންވެސް، ޤަވައިދާ ޚިލާފަށް އެމެރިކާގައި ދިރިއުޅެން މަޖުބޫރުވެފައި ވާ ހާލުގައި ތިބި ކުދިންގެ ހާލަތު އިންތިހާއަށް ނާޒުކު ކަން ފާހަގަ ކުރަން ޖެހެއެވެ.

އެމެރިކާގެ ޤާނޫނީ ނިޒާމުގެ ކަންކަން ހުރި ގޮތަށް ބަލާއިރު، މިދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި އެކަނިވެސް، 10 ސްޓޭޓޭއް ތަމްސީލު ކުރައްވާ މަޖިލީސް މެންބަރުން ވަނީ މަސައްކަތުގެ ވެށީގައި ކުޑަ ކުދިންގެ ޙައްޤުތަކަށް އޮތް ރައްކާތެރިކަމަށް އުނިކަން ލިބޭ ފަދަ ބިލްތައް ހުށަހަޅުއްވާ، ޤާނޫނުތައް ފާސް ކުރައްވާފައެވެ. އޭގެ ތެރޭގައި ކުޑަ ކުދިން ލައްވާ އެންމެ ގިނަ ވެގެން މަސައްކަތް ކުރެވޭނެ ވަޤުތު އިތުރު ކުރުމާއި، އެއްގަމު މަސް ބަންދު ކުރުމާއި ކޮންސްޓްރަކްޝަން ދާއިރާ ފަދަ ނުރައްކާތެރި ސިނާޢަތްތަކުގައި ކުޑަ ކުދިން ލައްވާ މަސައްކަތް ކުރުވުމަށް ހޯދަން ޖެހޭ ހުއްދަތައް ހޯދަން އޮތް އޮތުން ބާޠިލު ކުރުން ފަދަ ކަންކަން ހިމެނެއެވެ.

މި ބަދަލުތަކަށް ތާޢީދު ކުރާ މީހުންގެ ތެރެއިން ބައެއް މީހުން ބުނާ ގޮތުގައި، މިފަދަ ބަދަލުތައް ގެނައި ކަމުގައި ވީ ނަމަވެސް، ނުރައްކާތަކާއި، ނާޖާއިޒު ފައިދާ ނެގުން ފަދަ ކަންކަމުން ކުޑަކުދިން ސަލާމަތްކޮށް، ޙިމާޔަތް ކުރާނެ ގިނަ ޤާނޫނުތަކެއް އަދިވެސް އެބަހުއްޓެވެ.

ކުޑަ ކުދިން ލައްވާ އެކަށީގެން ނުވާ މަސައްކަތް ކުރުވުމާ ދެކޮޅަށް ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަ ކުރާ ދުވަހާ ދިމާކޮށް، އެމެރިކާގައި ހިންގާ ޗައިލްޑް ލޭބަރ ކޯލިޝަންގެ ޑައިރެކްޓަރ ރީޑް މާކީ ވިދާޅުވީ، މަސައްކަތުގެ ވެށީގައި ކުޑަ ކުދިން ގެންގުޅުމުގެ އުސޫލުތަކަށް ދޫ ދިނުމަކީ ބައެއް ކުދިންގެ ފުރާނައަށްވެސް އެކަމުގެ ސަބަބުން ނުރައްކާ ކުރިމަތި ކުރުވުމުގެ ބިރު އޮތް ކަމެއް ކަމަށެވެ. ޤަވައިދާ ޚިލާފަށް އެމެރިކާއަށް އެތެރެވެފައިވާ ކުޑަކުދިންނަކީ، ޤަވައިދާ ޚިޅާފަށް ހަރަކާތްތެރިވާ އޭޖެންޓުންނަށް ބޮޑެތި ޢަދަދުތަކުން ދަރާފައިވާ ކުދިންކަން މާކީ ވަނީ ފާހަގަ ކުރައްވާފައެވެ.

ވަޒީފާގެ ބާޒާރުގައި މިހާރު އޮތް ދަތިތަކަކީވެސް ހާލަތު، ގޯހުން ގޯހަށް ވައްޓާލާ ކަމެއް ކަމަށް މާކީ ވިދާޅުވިއެވެ.

ވޭންޑީ ބޯސްޓްވިކްއަކީ، މަސައްކަތުގެ މައިދާނުގައި އޭނާގެ ދަރިފުޅު ގެއްލިދިއުމުގެ ހިތާމަ ކުރަމުންދާ މައެކެވެ. އޭނާގެ 18 އަހަރުގެ ދަރިފުޅު ބީވެ ދިޔައީ، ބޮޑެތި ގަސްކަނޑައިގެން އުފުލުމުގެ މަސައްކަތުގައި އުޅެނިކޮށެވެ. ކަން މިހެން އޮތް އިރު، ކުޑަ ކުދިން ލައްވާ މަސައްކަތް ކުރުވުމުގައި ރައްކާތެރިކަމުގެ ގޮތުން ބަލަން ޖެހޭ ކަންކަމަށް ދޫ ދިނުމަކީ، ޢާއިލާތައް، ނުރައްކަލަށް ހުށަހަޅާ ކަމެއް ކަމަށް ވޭންޑީ ފާހަގަ ކުރިއެވެ.

އެމެރިކާގެ ޤާނޫނުތައް ހަމަޖެހިފައި އޮންނަ ގޮތުން، މަސައްކަތުގެ މައިދާނަށް ނެރެވޭނެ އެންމެ ހަގު ޢުމުރަކީ 14 އަހަރެވެ. އެއީވެސް ހަރުކަށި އުސޫލުތަކެއްގެ ތެރެއިންނެވެ. ނަމަވެސް، މިފަހަކަށް އައިސް އެ އުސޫލުތަކަށް ލުއި ދެމުން ދިއުމުގެ ސަބަބުން، ގިނަ ބައެއްގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
50%
0%
0%
50%
0%
0%
ކޮމެންޓް