ކ. މާލެ
|
12 ޖޫން 2023 | ހޯމަ 16:07
ސިޓީއަށް ކުޅެމުން އަންނަ ސިލްވާ
ސިޓީއަށް ކުޅެމުން އަންނަ ސިލްވާ
ރޮއިޓާސް
ޕީއެސްޖީ
ސިލްވާ ހޯދުމަށް ޕީއެސްޖީން ބޭނުންވޭ
 
ސިޓީއާއެކު ސިލްވާ ހަދާފައިވާ އައު އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރު

މެންޗެސްޓަރ ސިޓީއަށް ކުޅެމުން އަންނަ، ޕޯޗުގަލްގެ އެޓޭކިންގ މިޑްފީލްޑަރު ބެނާޑޯ ސިލްވާ ހޯދުމަށް ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ން ބޭނުންވާކަމަށް މީޑިއާތަކުން ބުނެފިއެވެ.

ސިލްވާ މިހާރު ކުޅެމުން އަންނަނީ އިނގިރޭސި ޕްރިމިއަރ ލީގުގެ މެންޗެސްޓަރ ސިޓީ އަށެވެ. މޮނާކޯ ދޫކޮށް އޭނާ ސިޓީއަށް ބަދަލުވީ 2017 ވަނަ އަހަރުއެވެ. އެ އަހަރު އޭނާ ސިޓީއާ ގުޅުނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އޭރު ސިލްވާ ހޯދުމަށްޓަކައި ސިޓީން ވަނީ މޮނާކޯއަށް 50 މިލިއަން ޔޫރޯ ދައްކާފައެވެ. އޭގެ ފަހުން ސިޓީން ސިލްވާ ދޫކޮށްލަން ނިންމި ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ. ނަމަވެސް ސިޓީގައި އޭނާ ދައްކަމުން އައި ކުޅުމާމެދު ކޯޗު ޕެޕް ގާޑިއޯލާ ހިތްހަމަޖެހޭތީ، ސިޓީން އޭނާ ދޫކޮށްލަން ބޭނުންނުވީ ކަމަށްވެސް ވަނީ ބުނެފައެވެ. ސިޓީއާއެކު ސިލްވާ ހަދާފައިވާ އައު އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުއެވެ.

ޕީއެސްޖީގެ މިހާރުގެ ސްޕޯޓިންގ ޑިރެކްޓަރު ލުއިސް ކަމްޕޯސް މީގެ ކުރިން މޮނާކޯގައި މަސައްކަތްކުރި ދުވަސްވަރު، ސިލްވާއާ ގާތް ގުޅުމެއް އުފެދިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެންކަމުން ސިލްވާ ހޯދުމަށް ކަމްޕޯސް އަންނަނީ ސީދާ އޭނާއާ ވާހަކަދައްކަމުން ކަމަށްވެސް ވަނީ ބުނެފައެވެ. ނަމަވެސް މިހާތަނަށް އެކަމުގައި ޕީއެސްޖީއަށް އެއްވެސް އަލި މަގެއް ފެނިފައި ނުވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި އެކަމަށް ކަމްޕޯސް ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށް ބެލެވެއެވެ.

ސިޓީއަށް ބަދަލުވިފަހުން ސިލްވާ ވަނީ މިހާތަނަށް އެ ޓީމަށް 306 މެޗު ކުޅެދީ 55 ލަނޑު ޖަހައިދީފައެވެ. އެ ކުލަބާއެކު އޭނާ ވަނީ 14 ތައްޓެއް ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް