އަސޭލާ ތައާރަފް ކޮށްދެއްވީ ރައީސް މައުމޫނުގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނު ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އަންގާރަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ޕީޕީއެމް އާއި ގުޅިވަޑައިގަތުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"އަސޭލާ ކިޔާ މީހަކާ ބައްދަލުވި. އެންމެ ފުރަތަމަ ވެސް ބައްދަލުވީ ޕީޕީއެމްގެ އޮފީސް ތެރެއިން. އެއީ ފާރިސްއާ ބައްދަލުކުރަން އައިސް އިންދާ. ޕީޕީއެމްގެ ކައުންސިލްގެ ބައްދަލުވުމަކަށް އައިސް އިންދާ ފާރިސް އަޅުގަނޑަށް، އަސޭލާ ތައާރަފް ކޮށްދެއްވީ. ދެން އޭނަވީ އަޅުގަނޑުގެ ޅިޔަނު މަނިކުގެ ވަރަށް ގާތް މީހަކަށް، އެކަމަކު އަޅުގަނޑަކީ ފަންޑިތައާއި ސިހުރު ޤަބޫލުކުރާ މީހެއް ނޫން" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް އަބްދުﷲ ޔާމީން އިތުރަށް ވިދާޅުވީ އަސޭލާ ލައްވާ އެމަނިކުފާނު ސިހުރު ހައްދަވަން މަސައްކަތްޕުޅުކުރައްވަންވީ ކީއްވެގެން ތޯ ކަމަށާއި އަސޭލާ އަކީ ސިންގަޅަ މީހެއްކަމަށެވެ. އަދި ފަންޑިތައާއި ސިހުރާއި ހައްދަވަންޏާމުން ހައްދަވަންވީ އަރަބި، އިސްލާމް ދަންނަ މީހުން ލައްވައި ކަމަށާއި ފަންޑިތައާއި ސިހުރަކީ މީހުން ޤަބޫލުކުރައްވާ އެއްޗެއް ނޫން އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑާއި އަސޭލާއާ އެވަރު ގުޅުމެއް ބެހެއްޓި މީހެއް ނޫން. އަޅުގަނޑަކީ ސިހުރު ބިލީވްކުރާ މީހެއް ނޫން. ރާއްޖެޓީވީ ނިސްބަތްވާ މީހުންގެ ފަލްސަފާ ތެރޭގައި ސިހުރަކީ ވަރަށް ބޮޑު އެއްޗަކަށް ވެދާނެކަން ނޭނގެ" ރައީސް ޔާމީން ވިދާޅުވިއެވެ.
އަސޭލާ ދިވެހިންގެ ތެރޭގައި މަޝްހޫރު ވެފައިވަނީ، އެންމެ ފަހުން ބޭއްވުނު ރިޔާސީ އިންތިޚާބުގައި ވަކި ފަރާތެއް މޮޅު ކުރުމަށް ސިހުރު ހަދައިދިނުމަށް ރާއްޖެ އައިސް އުޅުނު މީހެއް ކަމަށް ބުނެ ދެއްކި ވާހަކަތަކާ ގުޅިގެންނެވެ. އޭނާ ދައްކާފައިވާ ވާހަކަތަކުގެ ހަގީގަތް ބެލުމަށް ދައުލަތުގެ އެއްވެސް ފަރާތަކުން އެއްވެސް މަސައްކަތެއް މިއަދާ ހަމައަށް ކޮށްފައި ނުވާކަން ފާހަގަ ކުރެވެއެވެ.