ހޭންޑްބޯޅަ އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބޭއްވި، ހޭންޑްބޯޅަ މޯލްޑިވްސް ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ޒެފްރޯލް އިން ހޯދިއިރު، އަންހެން ޑިވިޝަން ރެޑްހޯކްސް އިން ކާމިޔާބުކޮށްފި އެވެ.
ދެ ޑިވިޝަންގެ ފައިނަލް ވެސް ކުޅެފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ ޤައުމީ ހޭންޑްބޯޅަ ކޯޓުގަ އެވެ. ފުރަތަމަ ކުޅުނީ ފިރިހެން ޑިވިޝަންގެ ފައިނަލް އެވެ. ފައިނަލްގައި ވާދަކުރީ ޒެފްރޯލް އާއި ދިވެހި ސިފައިންގެ ކުލަބް އެވެ. މި މެޗު ޒެފްރޯލް އިން ކާމިޔާބު ކުރީ 33-28 އިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޒެފްރޯލްގެ ޢަބްދުﷲ ޒިޔާއު އެވެ. އަންހެން ޑިވިޝަންގެ ފައިނަލްގައި ވާދަކޮށްފައި ވަނީ ރެޑްހޯކްސް އާއި ކީން ސްޕޯޓްސް ކުލަބް އެވެ. ރެޑްހޯކްސް އިން ކީންގެ މައްޗަށް ކުރި ހޯދީ 28-22 އިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ރެޑްހޯކްސްގެ ޔަޝްފާ އާދަމް އެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ، ޗެމްޕިއަން ޒެފްރޯލްގެ ޒިޔާއުގެ އިތުރުން، މުޙައްމަދު ފިރުނާޝް ޢަބްދުﷲ، މުޙައްމަދު ރަމީޒް، ޢަބްދުﷲ ޒަހުވާން އިމްތިޔާޒް، ސިފައިންގެ އަޙުމަދު ނަސީރު، މުޙައްމަދު ޝަމާލް، ވެލިދޫ ޔުނައިޓެޑުގެ މުޙައްމަދު ޔަޝްމު އަޙުމަދު އެވެ. އަންހެން ޑިވިޝަންގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަކީ ޗެމްޕިއަން ރެޑްހޯކްސްގެ ފާތިމަތު ޖުނާ، އައިޝަތު އާލާ އަލީ، ކީންސްގެ ފާތިމަތު ރިޝްމީ، ފާތިމަތު މާލް އިބްރާހީމް، އޮރިކްސްގެ ފާތިމަތު އަރޫޝާ، ރަފާހާ އިބްރާހީމް އަދި ތުޅާދޫ ސްޕޯޓްސްގެ މަރިޔަމް ހިމްނާ އެވެ.
މިއަހަރުގެ މުބާރާތުގައި ވަނީ ޖުމުލަ 27 ޓީމެއް ވާދަކޮށްފަ އެވެ.