ކ. މާލެ
|
11 ޖޫން 2023 | އާދީއްތަ 07:15
މެންޗެސްޓަރ ސިޓީން ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލަނީ
މެންޗެސްޓަރ ސިޓީން ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލަނީ
ރޮއިޓާސް
ޔުއެފާ ޗެމްޕިއަންސް ލީގު
ފުރަތަމަ ފަހަރަށް ސިޓީން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފި
 
މި ސީޒަނުގައި ސިޓީން ވަނީ ޗެމްޕިއަންސް ލީގުގެ އިތުރުން އިނގިރޭސި ޕްރިމިއާ ލީގު އަދި އެފްއޭ ކަޕް ކާމިޔާބުކޮށްފައި

މި ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި އިޓަލީގެ އިންޓަ މިލާން ބަލިކޮށް، މެންޗެސްޓަރ ސިޓީން ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފި އެވެ.

އިސްތަންބޫލް އަޓަޓާކް ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗު ސިޓީން ކާމިޔާބުކޮށްފައި ވަނީ 1-0 އިންނެވެ. މެޗުގެ ހަމައެކަނި ލަނޑު 68 ވަނަ މިނެޓުގައި ޖެހީ ސިޓީގެ ރޮޑްރީ އެވެ. އެއީ އިންޓަގެ އޭރިޔާ ތެރެއިން ލިބުނު ބޯޅައެއް ގޯލަށް ފޮނުވާލައިގެންނެވެ. މި މެޗުގައި ލިބުނު އަނިޔާއެއްގެ ސަބަބުން ސިޓީގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކެވިން ޑި ބްރޭނާ ވަނީ 36 ވަނަ މިނެޓުގައި ބަދަލުކޮށްފަ އެވެ. އޭނާގެ ބަދަލުގަައި ކުޅެން ނިކުމެފައި ވަނީ ފިލް ފޮޑެން އެވެ. މީގެ ކުރިން 2021 ވަނަ އަހަރު ސިޓީން ފައިނަލްގައި ވާދަކުރިއިރު ވެސް، ޑި ބްރޭނާ އަށް ވަނީ އަނިޔާވެފަ އެވެ. އިންޓަ އަށް ވަނީ މެޗުގެ ފަހު ވަގުތުގައި ނަތީޖާ ހަމަހަމަ ކުރުމަށް ތަނަވަސް ފުރުސަތެއް ލިބިފަ އެވެ. ބެލްޖިއަމްގެ ރޮމެލޫ ލުކާކޫ ފޮނުވާލި ބޯޅަ އަށް ހުރަސްއެޅީ ސިޓީގެ ގޯލް ކީޕަރު އެޑަސަން އެވެ.

ސިޓީގެ މި ކާމިޔާބާއެކު މި ސީޒަނުގައި އެ ޓީމު ވަނީ ޓްރެބަލް (ތިން ތަށި) ކާމިޔާބުކޮށްފަ އެވެ. މިއީ އިނގިރޭސި ޓީމަކުން މިކަން ހާސިލްކުރި ދެ ވަނަ ޓީމެވެ. މީގެ ކުރިން ޓްރެބަލް ހާސިލް ކުރި އިނގިރޭސި ޓީމަކީ، މެންޗެސްޓަރ ޔުނައިޓެޑު އެވެ. މި ސީޒަނުގައި ސިޓީން ވަނީ ޗެމްޕިއަންސް ލީގުގެ އިތުރުން އިނގިރޭސި ޕްރިމިއާ ލީގު އަދި އެފްއޭ ކަޕް ކާމިޔާބުކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
50%
50%
0%
0%
ކޮމެންޓް