ކ. މާލެ
|
10 ޖޫން 2023 | ހޮނިހިރު 08:37
މެންޗެސްޓަރ ސިޓީގެ ކޯޗު، ޕެޕް ގާޑިއޯލާ
މެންޗެސްޓަރ ސިޓީގެ ކޯޗު، ޕެޕް ގާޑިއޯލާ
ރޮއިޓާރސް
ޔުއެފާ ޗެމްޕިއަންސް ލީގު
އިންޓަ ކުޅޭނީ ޑިފެންސަށް އިސްކަންދީގެންނެއް ނޫން، އިޓަލީގެ ޓީމުތައް ވަރުގަދަވާނެ: ގާޑިއޯލާ
 
އިންޓައަށް ވަރަށް ރަނގަޅަށް ޑިފެންސް ކުރަންވެސް އެނގޭނެ، އެމީހުން ހާސްވެ ތެޅިފޮޅިއެއް ނުގަންނާނެ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި އިންޓަ މިލާން ކުޅޭނީ ޑިފެންސަށް އިސްކަން ދީގެން ނޫންކަމަށާއި، އިޓަލީގެ ޓީމުތަކާ ދެކޮޅަށް ކުޅެން އުނދަގޫވާނެ ކަމަށް، މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

އޭނާ މިހެން ބުނީ ހޮނިހިރު ދުވަހުގެ ރޭ ކުޅޭ ފައިނަލްގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަމުންނެވެ. ގާޑިއޯލާ ބުނީ، ފައިނަލް މެޗުގައި އެތައް ކަމެއް ސިޓީއަށް އުނދަގޫވާނެ ކަމަށެވެ. އޭނާ ބުނީ އިޓަލީގެ ޓީމުތަކުން ގެންގުޅޭ ތިއަރީއަކީ ޑިފެންސް ކުރުން ކަމަށް ވެދާނެ ކަމަށާއި، ނަމަވެސް އިންޓައިން ފައިނަލްގައި އެކަން ކުރާނެކަމަށް ނުބެލެވޭ ކަމަށެވެ. ނަމަވެސް އިންޓައަށް ވަރަށް ރަނގަޅަށް ޑިފެންސް ކުރަންވެސް އެނގޭނެކަމަށާއި، އެމީހުން ހާސްވެގެން ތެޅިފޮޅިނުގަންނާނެ ކަމަށް ގާޑިއޯލާ ވަނީ ބުނެފައެވެ. އޭގެ އިތުރުން ގާޑިއޯލާ ބުނީ، އިންޓަގެ ފޯވާޑް ލައިންގައި ތިބި ކުޅުންތެރިންނަކީވެސް ވަރަށް ނުރައްކާތެރި ކުޅުންތެރިން ކަމަށެވެ. ޚާއްސަކޮށް ރޮމެލޫ ލުކާކޫއާއި ލައުޓާރޯ މާޓިނޭޒްގެ ނަން އޭނާ ވަނީ ފާހަގަކޮށްފައެވެ. އިންޓަގެ އެޓޭކް ހުއްޓުވުމަކީވެސް އުނދަގޫ ކަމެއް ކަމަށާއި، ސިޓީން އެކަންކަމަށް ސަމާލުކަން ދޭނެކަމަށް އޭނާ ބުންޏެވެ.

އިތުރަށް ގާޑިއޯލާ ބުނީ، ސިޓީއާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަކީ އޭނާގެ ވަރަށް ބޮޑު ހުވަފެނެއް ކަމަށެވެ. މިދިޔަ ސީޒަންތަކުގައި އެ ކާމިޔާބީއާ ހަމައަށް ވާސިލްނުވެވުނު ކަމަށް އޭނާ ވަނީ ބުނެފައެވެ. ގާޑިއޯލާ ބުނީ ކޮންމެ މީހަކުވެސް ހާސިލްކުރަން ބޭނުންވާ ކަންކަން ހުރިނަމަވެސް، އެންމެ ބޭނުންވާ ވަގުތު އެކަން ކާމިޔާބު ނުވެދާނެ ކަމަށެވެ. ނަމަވެސް މި ސީޒަނުގައި ސިޓީ ފެންނަނީ ތަފާތު ރޫހެއްގައިކަން އެންމެންނަށްވެސް އެނގޭނެ ކަމަށާއި، އެކަމާ މިވަގުތު ފަޚުރުވެރިވާން ބޭނުންނުވާކަމަށް ގާޑިއޯލާ ބުންޏެވެ. އޭގެ ބަދަލުގައި ކުރިއަށް އޮތް ފައިނަލް މެޗަށް ފޯކަސް ކުރުން މުހިންމު ކަމަށާއި، ކުޅުންތެރިންނަށް ވެސް އެކަން ސާފުވާނެކަމަށް އޭނާ ވަނީ ބުނެފައެވެ.

ސިޓީއާއި އިންޓަ ބައްދަލުކުރާ ފައިނަލް މެޗު ފަށާނީ ހޮނިހިރު ދުވަހުގެ ރޭ ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާއިރުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް