އިންގިރޭސި ކްލަބް އާސެނަލްއަށް ކުޅެމުން އަންނަ ޗިލީގެ ތަރި އެލެގްސިސް ސަންޗޭޒް ވިއްލާން އެކުލަބުން އުޅޭކަމަށް ބުނާ ވަހަކަތައް އެކުލަބުގެ ކޯޗް އާސެން ވެންގާ ދޮގުކޮށްފިއެވެ.
ސިޑްނީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ވެންގާ ވަނީ، 80 މިލިއަން ޕައުންޑަށް ސަންޗޭޒް ވިއްކާލަން އެކުލަބުން އޮތީ ތައްޔާރަށް ކަމަށް ބުނަމުން އަންނަ ވާހަކަތައް ދޮގު ކޮށްފައެވެ. އެގޮތުން އޭނާ ބުނެފައިވަނީ ސަންޗޭޒް ވިއްކާލުމުގެ އެއްވެސް މަޝްވަރާތަކެއްވެސް ކޮށްފައި ނުވާ ކަމަށާއި، ކުލަބާއި އެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓް އާކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.
އަންނަ އަހަރު ސަންޗޭޒް އާސެނަލް އާއި އެކު ހަދާފައިވާ ކޮންޓްރެކްޓަށް ނިމުމެއް އަންނައިރު، ވެންގާ ބުނެފައިބަނީ މި ފެށޭ ސީޒަނަކީ އޭނާ ކުލަބުގައި ހޭދަކުރާ ފަހު ސީޒަން ކަމުގައި ނުބުނެވޭނެ ކަމަށާއި، އޭނާ ކުލަބުގައި މަޑުކުރުވުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން އޭނާ ބުނެފައިވަނީ ގިނަ ކުޅުންތެރިން ކުރިމަގާއި މެދު ގޮތެއް ނިންމާނީ ކޮންޓްރެކްޓްގެ ފަހު އަހަރުގައި ކަމަށާއި، އޭގެ ކުރިން އެހެން ކުލަބަކަށް ބަދަލުވާނެ ކަމަށް ބުނާ ވާހަކަތަށް ވަރަށް ގިނައިން އިވޭކަމަށެވެ.
މީގެ ކުރިން ރިޕޯޓްތަށް ބުނެފައިވާ ގޮތުގައި އާސެނަލްއިން ވަނީ މެންޗެސްޓާ ސިޓީ އާއި އެކު ސަންޗޭޒް ވިއްކާލަން މަޝްވަރާ ކޮށްފައެވެ. އެގޮތުން އެކުލަބުން އޭނާ ހޯދުމަށް 50 މިލިއަން ޕައުންޑް ހުށައަޅާފައިވާ ކަމަށްވެސް ރިޕޯޓްތަށް ވަނީ ބުނެފައެވެ. ސިޓީގެ އިތުރުން ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިންވެސް ވަނީ މީގެ ކުރިން ސަންޗޭޒް އަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.
އާސެނަލްއިން އެކުލަބުގެ ޕްރީ ސީޒަން ފެށުމަށް ތައްޔާރުވަމުން އަންނައިރު، ސަންޗޭޒް ހުރީ ކޮންފަޑަރޭޝަން ކަޕަށްފަހު ޗުއްޓީގައެވެ. އެހެންކަމުން އާސެނަލްއިން ޕްރީ ސީޒަން ފައްޓާއިރު އޭނާ ފަރިތަކުރުންތަކުގައި ބައިވެރިވާނެކަމަކަށް ނުބެލެވެއެވެ.
ސަންޗޭޒް ކުލަބު ދޫކޮށްލާނެ ކަމަށް ރިޕޯޓަތައް ބުނަމުން އަންނައިރު ވެންގާ އަންނަނީ ތަކުރާރުކޮށް މިވާހަކަތަށް ދިގު ކުރަމުންނެވެ. އެގޮތުން ދާދި ފަހުންވެސް އޭނާ ވަނީ ސަންޗޭޒް ވަރަށް އަވަހަށް އާ ކޮންޓްރެކްޓްގައި ސޮއެކުރާނެ ކަމަށްވެސް ބުނެފައެވެ.
މީގެ ކުރިން ބާސާ އަށް ވެސް ކުޅެފައިވާ ސަންޗޭޒް އާސެނަލްގައި މޮޅު ކުޅުމެއް އޭނާ ބަދަލުވި ފުރަތަމަ ސީޒަންގައި ދެއްކި ނަމަވެސް އަނިޔާގައި ހުރުމާ އެކު އެ ކްލަބާ އެކު ހޭދަކުރި ދެވަނަ ސީޒަނުގައި އެދެވޭ ކުޅުމެއް ވަނީ ދެއްކޭ ގޮތް ނުވެފައެވެ. އެހެންނަމަވެސް އޭނާ ވަނީ މި ސީޒަނުގައި އާސެނަލްގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ކުޅުނު 54 މެޗުގައި އޭނާ ވަނީ 21 ލަނޑު ކާމިޔާބުކޮށްފައެވެ.
ބާސާގައި ހޭދަކުރި ތިން ސީޒަނުގައި އެ ކްލަބަށް ކުޅުނު 141 މެޗުގައި 47 ލަނޑު ކާމިޔާބުކޮށްފައިވާ ސަންޗޭޒް ވަނީ މިހާތަނަށް އާސެނަލް އަށް ކުޅުނު 145 މެޗުގައި 72 ލަނޑު ކާމިޔާބުކޮށްފަ އެވެ.