ކ. މާލެ
|
11 ޖުލައި 2017 | އަންގާރަ 19:31
ވިމްބަލްޑަން މުބާރާތުގެ ތެރެއިން، ސްޕެއިންގެ ރަފައެލް ނަޑާލް
ވިމްބަލްޑަން މުބާރާތުގެ ތެރެއިން، ސްޕެއިންގެ ރަފައެލް ނަޑާލް
ގޫގުލް
ވިމްބަލްޑަން
ވިމްބަލްޑަން އިން ކުއާޓާއަށް ނުގޮސް މިފަހަރުވެސް ނަޑާލް ކަޓައިފި
މިއީ މި މުބާރާތުގައި ކުއާޓާއަށް ނުގޮސް ނަޑާލް ކެޓި ވިދިވިދެން 4 ވަނަ ފަހަރު
ނަޑާލް ވަނީ މި މުބާރާތް 2 ފަހަރު ކާމިޔާބު ކޮށްފައި

ކުއާޓާ ފައިނަލަށް ނުގޮސް މިފަހަރުވެސް ދުނިޔޭގެ 2 ވަނަ އަށް އެންމެ މޮޅު ޓެނިސް ކުޅުންތެރިޔާ ރަފައެލް ނަޑާލް، ވިމްބަލްޑަމް ޓެނިސް މުބާރާތުން އަލްވަދާއު ކިޔަން ޖެހިއްޖެއެވެ.

ސްޕެއިންގެ ރަފައެލް ނަޑާލް މުބާރާތުން ކަޓާފައިވަނީ، މުބާރާތުގެ 4 ވަނަ ބުރުގައި ލަގްޒެމްބާގް ގެ ގައިލްސް މުލާއަތުން ބަލިވެގެންނެވެ. މިއީ ނަޑާލް މި މުބާރާތުގެ ކުއާޓާއިން ޖާގަ ނުލިބި ވިދިވިދިގެން ކެޓި 4 ވަނަ ފަހަރެވެ.

މުލާ އާއި ނަޑަލް ބައްދަލުކުރި މެޗުގައި ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މިއީ މިހާތަނަށް މިފަހަރުގެ މުބާރާތުގައި އެންމެ ގިނަ ވަގުތު ނެގި މެޗެވެ. މި މެޗުގެ ކުޅުން ނިމުނީ 4 ގަޑިއިރާއި 47 މިނެޓުންނެވެ. މެޗުގެ ސެޓުތަށް ދިޔައީ 6-3 6-4 3-6 4-6 އަދި 15-13 އިންނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން މުލާ ބުނެފައިވަނީ، މިއީ އޭނާގެ ޓެނިސް ކެރިއަރުގައިވެސް ކުޅުން އެންމެ އުދަގޫ މެޗުކަމަށެވެ. މިއީ 2008 ވަނަ އަހަރުގެ ޔޫއެސް އޯޕަން ޓެނިސް މުބާރާތަށްފަހު މުލާއަށް ގްރޭންޑް ސްލޭމް މުބާރާތެއްގެ ކުއާޓާއިން ޖާގަ ލިބުނު ފުރަތަމަ ފަހަރުކަންވެސް ފާހަގަ ކޮށްލެވެއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ނަޑާލް ބުނެފައިވަނީ، މިއީ އެއްގޮތަކަށްވެސް އުންމީދުކުރި ގޮތް ނޫން ކަމަށާއި، މިއަށްވުރެ މާ ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށް އޭނާ ގަބޫލުކުރާ ކަމަށެވެ.

އަނިޔާގެ ސަބަބުން ފާއިތުވި ދެ އަހަރުގެ ތެރޭގައި ނަޑާލްއަށް މާ އެދެވޭ ކުޅުމެއް ދެއްކިފައި ނުވި ނަމަވެސް، ނަޑާލް ވަނީ މިއަހަރު އަލުން އޭނާގެ އަސްލި ފެންވަރު ދެއްކުމަށް މަސައްކަތް ކޮށްފައެވެ. އެގޮތުން އޭނާ ވަނީ މިއަހަރު ފްރެންޗް އޯޕަން ޓެނިސް މުބާރާތް ކާމިޔާބުކޮށް، އެ މުބާރާތުގެ އެންމެ ކާމިޔާބު ކުޅުންތެރިޔާގެޝަރަފު ހޯދާފައެވެ. އަދި އެ ކާމިޔާބީ އާއި އެކު އޭނާ ވަނީ ޓެނިސް ވޯލްޑް ރެންކިންގެ 2 ވަނައަށް ޖެހިލާފައެވެ.

ވިދިވިދިގެން 4 ވަނަ ފަހަރު ވިމްބަލްޑަންގެ ކުއާޓާއަށް ނުގޮސް ނަޑާލް ކެޓި ނަމަވެސް އޭނާ ވަނީ މިހާތަނަށް މި މުބާރާތް 2 ފަހަރު ކާމިޔާބުކޮށްފައެވެ.

- ކޮމެންޓް