ކ. މާލެ
|
8 ޖޫން 2023 | ބުރާސްފަތި 22:17
ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް
ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް
ކުޅިވަރާ ބެހޭ ވުޒާރާ
ޖަމިއްޔާތަކުގެ މަސައްކަތްތައް
އެންމެ ބޮޑު ހިތްހަމަޖެހުމަކީ މިނިސްޓްރީއާމެދު ޖަމިއްޔާއެއްގެ ޝަކުވާއެއް ނެތުން - މަހްލޫފް
މަހްލޫފް ވިދާޅުވީ އެއީ ޖަމިއްޔާތަކުގެ އިތުބާރު ގާއިމްކުރުމަށް ސަރުކާރުން ކުރާ މަސައްކަތް ކާމިޔާބުވާކަމުގެ ހެތްކެއް ކަމަށް
މަހްލޫފް ވަނީ އެންޖީއޯތަކުގެ މަސައްކަތްތަކުގެ މުހިންމުކަން ފާހަގަކުރައްވާފައި
ޖަމިއްޔާތަކާއެކު މަސައްކަތްކުރުމަކީ އެކިއެކި މަސައްކަތްތަކުގެ ހަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާ ކަމެއް

އެންމެ ބޮޑު ހިތްހަމަޖެހުމަކީ މިދިޔަ ދުވަސްތަކުގައި ޖަމިއްޔާއަކުން ޔޫތު މިނިސްޓްރީއާމެދު ޝަކުވާކޮށްފައި ނުވުންކަމަށް، ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފް މިފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހު ބޭއްވި ސިވިލް ސޮސައިޓީ އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މަހްލޫފް ވިދާޅުވީ އެއީ ޖަމިއްޔާތަކުގެ އިތުބާރު ގާއިމްކުރުމަށް ސަރުކާރުން ކުރާ މަސައްކަތް ކާމިޔާބުވާކަމުގެ ހެތްކެއްކަމަށެވެ. މަހްލޫފް ވިދާޅުވީ ފަހުގެ ތާރީހެއްގައި މީސްމީޑިއާއިންވެސް އަދި އެހެން ވަސީލަތަކުންވެސް ޖަމިއްޔާއެއްގެ ޝަކުވާއެއް ފެނިވަޑައިގެންފައި ނުވާކަމަށެވެ.

މި ރަސްމިއްޔާތުގައި މަހްލޫފް ވަނީ އެންޖީއޯތަކުގެ މަސައްކަތްތަކުގެ މުހިންމުކަން ފާހަގަކުރައްވައި ޖަމިއްޔާތަކަށް ތައުރީފްކުރައްވާފައެވެ. އެގޮތުން ޖަމިއްޔާތަކާއެކު މަސައްކަތްކުރުމަކީ އެކިއެކި މަސައްކަތްތަކުގެ ޚަރަދު ވަރަށް ބޮޑުތަން ކުޑަވެގެންދާ ކަމެއްކަން އެމަނިކުފާނުގެ ތަޖުރިބާއިން ފާހަގަކުރެއްވިފައިވާކަމަށް މަހްލޫފް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ޖަމިއްޔާތަކަކީ ގައުމު ބިނާކުރުމުގެ ތިންވަނަ ތަނބުކަމަށެވެ. މިހާތަނަށް އައިއިރު ޖަމިއްޔާތަކުގެ އަގު ވަޒަން ނުކުރެވި ވާކަން ފާހަގަކުރައްވައި މިނިސްޓަރު ވަނީ، އެއީ މިއަދު މާޒީ ކަމަށްވެސް ވިދާޅުވެފައެވެ. އެގޮތުން ޖަމިއްޔާތަކަށް އޮތް އިތުބާރު ބޮޑުވެ، ކުރިއަށް އޮތް ތަނުގައި ސިވިލް ސޮސައިޓީ އެވޯޑްފަދަ އެވޯޑްތަކަށް ކުރިމަތިލާ ފަރާތްތައް ގިނަވެގެންދިއުމަކީ އެމަނިކުފާނު ކުރައްވާ އުންމީދެއްކަމަށް މަހްލޫފް ވިދާޅުވިއެވެ.

ސިވިލް ސޮސައިޓީ އެވޯޑްގެ އަލީގައި, ޖަމިއްޔާތަކުގެ އަގު ވަޒަންކުރުމުގެ އިތުރުން އެފަދަ ފަރާތްތަކުގެ މަސައްކަތްތަކަށް ބާރުލިބި ހިތްވަރު ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަަމަށް މަހްލޫފް ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން ޖަމިއްޔާތަކުގެ ކުރިއެރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މަހްލޫފް ވިދާޅުވީ, އެންޖީއޯތަކަށް އެހީ ދިނުމުގެ ސަބަބުން ރާއްޖޭގެ އެކި ރަށްތަކުގައި، ގިނަ ޕްރޮޖެކްޓްތަކެއް ހިންގިފައިވާކަމަށެވެ. އޭގެތެރޭގައި ރާއްޖެއިން ބޭރުގެ އެހީއާއެކު ހިންގާފައިވާ މަޝްރޫއުތައް ހިމެނޭކަމަށް މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފްގެ ވާހަކަފުޅުގައި، ޖަމިއްޔާތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި ވަސީލަތުގެގޮތުން ފުރިހަމަ ބަޔަކަށް ހެދުމަށް އިސްކަންދެއްވާކަމަށް ވިދާޅުވިއެވެ. އެގޮތުން އެކްސްޕޯޒަރ ޓްރިޕްތައް އިންތިޒާމްކޮށްފައި ވާނެކަމަށް މަހްލޫފް ވިދާޅުވިއެވެ. މަހްލޫފް ވަނީ، ޔޫތު މިނިސްޓްރީން މަސައްކަތްކުރަނީ ޖަމިއްޔާތަކާ ވީހާވެސް ބޮޑަށް ގުޅިގެން ކަންކަން ރާވައި ހިންގޭނެ ގޮތަކަށްކަމަށް ވިދާޅުވެފައެވެ.

10 ދާއިރާއަކުން ސިވިލް ސޮސައިޓީ އެވޯޑް ދިނުމަށް ހުޅުވާލިނަމަވެސް ދެ ދާއިރާއަކަށް މީހުން ކުރިމަތިލާފައެއް ނުވެއެވެ. މި ކެޓަގަރީތަކުގެ އިތުރުން، ސްޕެޝަލް ރެކޮގްނިޝަންގެ ގޮތުގައި 4 ޖަމިއްޔާއަކަށް ވަނީ އެވޯޑް ދީފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް