Advertisement
ކ. މާލެ
|
8 ޖޫން 2023 | ބުރާސްފަތި 12:27
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ހިސާން ހުސައިން
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ހިސާން ހުސައިން
ރާއްޖެއެމްވީ
ޝަރުއީ ނިޒާމު
އެ އިރަކު ހުރި ވަސީލަތެއް ބޭނުންކޮށްގެން ވެސް ޝަރީއަތްތައް އަވަސްކުރަން ޖެހޭ: ހިސާން
ޝަރުއީ ދާއިރާގެ ބަޖެޓު ފާއިތުވި 4 އަހަރުގެ ތެރޭގައި 51 އިންސައްތައަށް އިތުރު ކުރެވިފައިވޭ
ބޭރުގެ އެހީވެސް މިއިން ދުވަހަކު ލިބިފައިނުވާ ވަރަށް ހޯދިފައިވޭ
ހިސާން ވަނީ ކޯޓުތަކުގެ މަސައްކަތްތައް މިހާރަށްވުރެވެސް އަވަސް ކުރުމަށް ފަނޑިޔާރުންނަށް އިލްތިމާސް ކުރައްވާފައި

އެ އިރަކު ހުރި ވަސީލަތެއް ބޭނުންކޮށްގެން ވެސް ޝަރީއަތްތައް އަވަސްކުރަން ޖެހޭކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.

އަލަށް އައްޔަނު ކުރެއްވި ފަނޑިޔާރުން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހިސާން ވިދާޅުވީ، ޝަރުއީ ނިޒާމު އިސްލާޙު ކުރުމަށް ފާއިތުވި އަހަރުތަކުގައި ޖޭއެސްސީން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ކާމިޔާބީތަކެއްވެސް ޙާސިލު ކުރެވިފައިވާކަން ހިސާން ފާހަގަ ކުރެއްވިއެވެ.

އެގޮތުން ބަލާއިރު، ޝަރުއީ ދާއިރާގެ ބަޖެޓު ފާއިތުވި 4 އަހަރުގެ ތެރޭގައި 51 އިންސައްތައަށް އިތުރު ކުރެވިފައިވާކަމަށް ހިސާން ވިދާޅުވިއެވެ. އުމްރާނީ ގޮތުންވެސް ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި ހޯދިފައިނުވާ ތަރައްޤީ މި ހަތަރު އަހަރުގެ ތެރޭގައި ހޯދިފައިވާކަމަށް ހިސާން ވިދާޅުވިއެވެ.

Advertisement

އޭގެ އިތުރުން، ބޭރުގެ އެހީވެސް މިއިން ދުވަހަކު ލިބިފައިނުވާ ވަރަށް ހޯދިފައިވާކަމަށް ހިސާން ވިދާޅުވިއެވެ.

ހިސާން އިތުރަށް ވިދާޅުވީ، އަދުލު އިންސާފަކީ އެންމެންނަށްވެސް ހަމަހަމައަށް ހޯދޭ އެއްޗަކަށް ހަދައި، ރައްޔިތުންގެ ޙައްޤުތައް ކަށަވަރު ކުރުމުގެ ގޮތުން ކޯޓުތަކުން ނިންމާ މައްސަލަތައް އަވަސްކަމާއެކު ނިންމުމަށް މަގުފަހިކޮށްދިނުމަކީ ކޮމިޝަނުގެ އަމާޒު ކަމަށެވެ.

ރާއްޖެއިން ބޭރުން ފަނޑިޔާރުންނަށް ދެވޭ ތަމްރީނުގެ ފުރުސަތުތައް އެތައް ގުނައެއް އިތުރު ކުރެވިއްޖެ
ހިސާން ހުސެއިން / ޖޭއެސްސީގެ ރައީސް

ހިސާން ވިދާޅުވީ، މި ބަދަލުތަކާއެކުވެސް އެންމެ އެކަށީގެންވާ މިންވަރަށް ކޯޓުތަކުގެ ދުވެލި އަވަސް ކުރެވިފައިނުވާ ކަމަށެވެ. އެކަމުގެ ޝަކުވާތައްވެސް ކޮމިޝަނަށް ލިބެމުންދާކަން ހިސާން ފާހަގަ ކުރެއްވިއެވެ.

ކޮމިޝަނަށް މިހާތަނަށް ހުށައެޅިފައިވާ ޝަކުވާތަކާ ގުޅޭ 55 އިންސައްތަ މައްސަލައަކީ ކޯޓުތަކުގެ ޝަރީއަތްތައް ލަސްވާކަމުގެ ޝަކުވާއާއެކު ހުށައެޅޭ މައްސަލަތައްކަމަށް ހިސާން ވިދާޅުވިއެވެ. އެކަންކަން ކޯޓުތަކުގެ ސަމާލުކަމަށްވެސް ގެނެސްފައިވާނެކަމަށް ހިސާން ވިދާޅުވިއެވެ.

ހިސާން އިތުރަށް ވިދާޅުވީ، ޝަރީއަތްތައް އަވަސް ކުރުމަށް ގެންނަންޖެހޭ ހުރިހާ ބަދަލެއް ގެނައުމުގެ މަސައްކަތް ކޮމިޝަނުން ގެންނަމުންދާ ކަމަށެވެ.

ހިސާން ވަނީ ކޯޓުތަކުގެ މަސައްކަތްތައް މިހާރަށްވުރެވެސް އަވަސް ކުރުމަށް ފަނޑިޔާރުންނަށް އިލްތިމާސް ކުރައްވާފައެވެ. އަދި ކޯޓުތަކަށް ބޭނުންވާ ގިނަ ކަންކަންވެސް ފުރިހަމަނުވެ ހުރިކަން ހިސާންގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.

އެހެންނަމަވެސް، މިހާރުވެސް ހުރި ވަސީލަތްތައް ބޭނުންކޮށްގެން އަދުލު އިންސާފު ޤާއިމުކުރުން އަވަސް ކުރުމަށް ސަމާލުކަން ދޭންޖެހޭކަމަށް ހިސާން ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް