ޔުއެފާގެ ތިންވަނަ ފަންތީގެ ކްލަބް މުބާރާތް, ކޮންފަރެންސް ލީގު ކާމިޔާބުކޮށް ވެސްޓް ހޭމް ޔުނައިޓެޑުން 43 އަހަރުގެ ދިގު އިންތިޒާރަކަށް ނިމުން ގެނެސްފިއެވެ.
ވެސްޓް ހޭމް ޔުނައިޓެޑުން ކޮންފަރެންސް ލީގު ކާމިޔާބުކުރީ ފައިނަލް މެޗުގެ ފަހު މިނެޓުގައި ފިއޮރެންޓީނާ ކޮޅަށް ޖެހި ލަނޑުން, 2-1 މެޗު ކާމިޔާބުކޮށްގެންނެވެ. 1-1 ން އެއްވަރުވެދާނެކަމަށް ބެލެވުނު މެޗުގައި މުޅި ވެސްޓް ހޭމްގެ ސަޕޯޓަރުން ހެއްވާލާ ސްޓޭޑިއަމްގައި ތިބި ސަޕޯޓަރުން ކައްކުވާލީ 90 ވަނަ މިނެޓުގައި ބޮވެން ޖެހި ލަނޑުންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ވެސްޓް ހޭމްއިން ކުރި ހޯދީ ދެވަނަ ހާފްގައި ލިބުނު ޕެނަލްޓީއަކުންނެވެ. 62 ވަނަ މިނެޓުގައި ޕެނަލްޓީ ކާމިޔާބުކުރީ ބެންރަހުމާއެވެ. އެކަމަކު އޭގެ ފަސް މިނިޓްފަހުން ފިއޮރެންޓީނާގެ ބޮނަވެންޓޫރާ ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަކުރިއެވެ. މިލަނޑާއެކު އިތުރު ވަގުތު ކުޅެން ޖެހިދާނެކަމަށް ބެލެވުނަސް ޕްރިމިއަރ ލީގު ތާވަލް 14 ވަނާގައި ނިންމާލި ވެސްޓް ހޭމްއިން ތާރީޚީ ކާމިޔާބު ހޯދިއެވެ. މިއީ ލީގުގެ މިހާ ފަހަތުގައި އޮތް ޓީމެއް ޔޫރަޕްގެ މުބާރާތެއް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.
އަނެއްކޮޅުން މިއީ ކޯޗު ޑޭވިޑް މޮއިސްގެވެސް ފުރަތަމަ ބޮޑު ކާމިޔާބީއެވެ. މިކާމިޔާބީގެ ކުރިން ވެސްޓް ހޭމްއިން ހޯދި ބޮޑު ކާމިޔާބީއަކީ 1965 ވަނަ އަހަރު ޔޫރަޕިއަން ކަޕްވިނާސްކަޕް ހޯދުމެވެ. ޔޫރޮޕާ ކޮންފަރެންސް ލީގުގެ ތަށްޓާއެކު ކުރިއަށް އޮތް ސީޒަންގެ ޔޫރޮޕާ ލީގުން ވެސްޓް ހޭމްއަށް ވަނީ ފުރުޞަތު ލިބިފައެވެ. މިއީ ކްލަބްގެ ތާރީޚުގައި ވެސް ވިދިވިދިގެން ތިން އަހަރު ޔޫރަޕިއަން މުބާރާތް ކުޅޭ ފުރަތަމަ ފަހަރެވެ.