ކ. މާލެ
|
8 ޖޫން 2023 | ބުރާސްފަތި 03:19
ނާއިބު ރައީސް ފައިސަލް ނަސީމް
ނާއިބު ރައީސް ފައިސަލް ނަސީމް
ރައީސް އޮފީސް
ޢިލްމުވެރިންނާ ނާއިބު ރައީސް ބައްދަލުކުރެއްވުން
ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި މުޖުތަމަޢުގެ ހަމަޖެހުން ޤާއިމުކުރުމަކީ އެންމެ އިސްކަންދޭނެ ކަންތައްތައް: ނާއިބު ރައީސް
މީހުން ބިނާކުރުމަށާއި ރަނގަޅު ތަރުބިއްޔަތެއް ލިބިފައިވާ ދަރިންތަކެއް އުފެއްދުމަށް ޚާއްޞަ ސަމާލުކަމެއް ދެމުންދޭ
ހެދިބޮޑުވެގެން އަންނަ ޖީލުތަކަކީ ދީނަށް ލޯބިކުރާ، ޢިލްމީ އަދި ތަހުޒީބުބަޔަކަށް ހެދުމަށް ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންނެވި

ކުރިޔަށް އޮތްތަނުގައި ވެސް ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި މުޖުތަމަޢުގެ ހަމަޖެހުން ޤާއިމުކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭނެ ކަންތައްތައްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު މިހެން ވިދާޅުވީ 1444 ވަނަ އަހަރުގެ ރަމަޟާން މަހުގެ ޕްރޮގްރާމްތަކުގައި ބައިވެރިވެވަޑައިގެންނެވި ޢިލްމުވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތު އޮތީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ ހޯލްގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަނީ 1444 ވަނަ އަހަރުގެ ރަމަޟާން މަހުގެ ޕްރޮގްރާމްތަކުގައި ޝާމިލުވެވަޑައިގެންނެވި ޢިލްމުވެރިންނާއި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

Advertisement

އެމަނިކުފާނުގެ ވާހަކަފުޅުގައި ސަރުކާރުން ކުރިޔަށްގެންދާ ތަރައްޤީގެ މަސައްކަތްތަކާއެކު މުޖުތަމަޢުގެ ހަމަޖެހުން ޤާއިމުކުރުމަށް ވަރަށްބޮޑު އިސްކަމެއް ދެއްވާކަމަށް ވިދާޅުވިއެވެ. ޙާއްޞަކޮށް މީހުން ބިނާކުރުމަށާއި ރަނގަޅު ތަރުބިއްޔަތެއް ލިބިފައިވާ ދަރިންތަކެއް އުފެއްދުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވަމުން ގެންދަވާކަމުގައި ވިދާޅުވިއެވެ. އެގޮތުން އައު ދިރާސީ އަހަރާއެކު ސްކޫލްތަކާއި މުޖުތަމަޢަށް އަމާޒުކޮށް ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ދީނީ ކަންކަމަށް ލޯބިޖެއްސުމަށް އަމާޒުކޮށް އިތުރަށް މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް ރޭވިފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެހެންމެ، ޤުރުއާން މުބާރާތްތަކާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރިޔަށްގެންދެވޭ ހަރަކާތްތައް ކުރިޔަށްއޮތްތަނުގައި ވެސް މެދުކެނޑުމެއްނެތި ކުރިޔަށްދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ ހެދިބޮޑުވެގެން އަންނަ ޖީލުތަކަކީ ދީނަށް ލޯބިކުރާ، ޢިލްމީ އަދި ތަހުޒީބުބަޔަކަށް ހެދުމަށާއި މުޅި މުޖުތަމަޢުގެ ހެވާ ލާބައަށް ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.

1444 ވަނަ އަހަރުގެ ރަމަޟާން މަހު، މީގެ ކުރީގެ އަހަރުތަކުގައި ކުރިޔަށް ނުގެންދާހާ ގިނަ ޢަދަދަކަށް ދީނީ ޕްރޮގްރާމުތައް ކުރިޔަށް ގެންގޮސްފައިވެއެވެ. އޭގެ ތެރޭގައި މާލޭސިޓީގައި ކުރިޔަށް ގެންދިޔަ އިޙްޔާ ޖަލްސާތަކާއި އަތޮޅުތަކުގައި ކުރިޔަށްގެންދިޔަ އިޙްޔާ ޖަލްސާތަކާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ފޯރަމްތަކާއި ސްކޫލުކުދިންނާއި ޢާންމުންނަށް ކުރިޔަށްގެންދިޔަ ސެޝަންތަކާއި ފޯރަމްތައް ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް