އާޖެންޓީނާ އަދި އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީގެ ކިބައިން ބަދަލު ހިފަން ބޭނުންވާ ކަމަށް އޮސްޓްރޭލިއާގެ ކޯޗު ގްރަހަމް އާނޯލްޑް ބުނެފި އެވެ.
އާނޯލްޑް މިހެން ބުނެފައިވާއިރު މި ދެ ޓީމު އަންނަ ހަފްތާގައި ރަހުމަތްތެރިކަމުގެ މެޗެއްގައި ބައްދަލު ކުރާނެ އެވެ. އެންމެ ފަހުން މި ދެ ޓީމު ވާދަކޮށްފައި ވަނީ މިދިޔަ އަހަރު ޤަތަރުގައި އޮތް ފޯފާ ވޯލްޑް ކަޕްގެ ގަދަ 16 ގައެވެ. އެ މެޗުގައި އާޖެންޓީނާ އިން ވަނީ އޮސްޓްރޭލިއާ ބަލިކޮށްފަ އެވެ. އާނޯލްޑް ބުނީ އެއީ ރަހުމަތްތެރިކަމުގެ މެޗަކަށްވީ ނަމަވެސް، އޮސްޓްރޭލިއާ އިން އެ މެޗު ވަރަށް ސީރިއަސްކޮށް ނަގާނެ ކަމަށެވެ. އޭނާ ބުނީ ދުނިޔޭގެ ޗެމްޕިއަނުންނާ ދެކޮޅަށް އަނެއްކާ ވެސް ކުޅުމުގެ ފުރުސަތު ލިބޭތީ ވަރަށް އުފާވާ ކަމަށެވެ. އެހެންކަމުން އެ މެޗުގައި ބޭނުންވަނީ ބަދަލު ހިފުމެއް ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.
އާނޯލްޑް ބުނީ އެ މެޗު ކުޅޭ މާހައުލަކީ ކުޅުންތެރިންނަށް އުނދަގޫ މާހައުލަކަށްވީ ނަމަވެސް، މެޗުން މޮޅުވުމަށް ކުރަން ޖެހޭ ކަންކަން ޒުވާން ކުޅުންތެރިން ކުރާނެ ކަމަށެވެ. އަނެއްކޮޅުން މިއީ އޮސްޓްރޭލިއާ އަށް އެ ޓީމުގެ ފެންވަރު ދައްކާލަން ލިބޭ އެންމެ ރަނގަޅު ފުރުސަތު ކަމަށް ވެސް އޭނާ ބުންޏެވެ. އޭނާ ބުނީ އޮސްޓްރޭލިއާގެ ކުޅުންތެރިން ޓެސްޓު ކޮށްލުމަށް މިއަށްވުރެ ވަކިން ރަނގަޅު ފުރުސަތެއް ވެސް ނުލިބޭނެ ކަމަށެވެ.
މިއީ ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރި ފަހުން އާޖެންޓީނާ އިން ކުޅޭ ތިން ވަނަ މެޗެވެ. ކުރިން ކުޅުނު ރަހުމަތްތެރިކަމުގެ ދެ މެޗު ވެސް އެ ޓީމުން ވަނި ކާމިޔާބުކޮށްފަ އެވެ.