ކ. މާލެ
|
7 ޖޫން 2023 | ބުދަ 12:34
މީދޫ މިސްކިތުގެ އެއްބަސްވުމުގައި ސޮއިކުރުން
މީދޫ މިސްކިތުގެ އެއްބަސްވުމުގައި ސޮއިކުރުން
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
އައްޑޫސިޓީ މީދޫގައި 700 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ހަވާލުކޮށްފި
 
މި މިސްކިތަކީ އެއްފަހަރާ 700 މީހުނަށް ނަމާދު ކުރެވޭނެ ޖާގައިގެ މިސްކިތެއް
 
މިއީ 13.9 މިލިއަން ރުފިޔާގެ މަޝްރޫއެއް

އައްޑޫ ސިޓީ މީދޫގައި އައު މިސްކިތެއް ޢިމާރާތްކުރުމަށް ކުންފުންޏަކާ ހަވާލުކޮށްފިއެވެ. 

ބުދަ ދުވަހު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ ނުރައްދީން އިންވެސްޓްމަންޓާއެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ. އަދި ނޫރައްދީން އިންވެސްޓްމަންޓްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖަރ ޢަބްދުﷲ ސާލިހެވެ. މި ރަސްމިއްޔާތުގައި މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ނޫރައްދީން އިންވެސްޓްމަންޓާ ހަވާލުކޮށްގެން އިމާރާތް ކުރާ މި މިސްކިތަކީ އެއްފަހަރާ 700 މީހުނަށް ނަމާދު ކުރެވޭނެ ޖާގައިގެ މިސްކިތެކެވެ. އަންހެނުންނާއި ފިރިހެނުންނަށްވެސް ނަމާދުކުރެވޭ ގޮތަށް ބިނާކުރާ މި މިސްކިތުގެ މަސައްކަތް ނިންމަންޖެހެނީ 365 ދުވަހުގެ ތެރޭގައެވެ.

ސޮއިކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު އަލީ ވިދާޅުވީ އެއްބަސްވުމުގައިވާ ގޮތަށް ކަނޑައެޅިފައިވާ މުއްދަތުގެތެރޭގައި މި މަސައްކަތް ނިންމައިދިނުމަކީ މިނިސްޓްރީގެ ވަރަށް ބޮޑު އެދުމެއްކަމަށާއި މިނިސްޓްރީގެ ފަރާތުން ބޭނުންވާ އެހީތެރިކަން ލިބޭނެކަމަށެވެ.

މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ ސަރުކާރުގެ ފަރާތުން މީދޫގައި މިސްކިތެއް ޢިމާރާތްކުރާ މިއީ ފުރަތަމަ ފަހަރުކަމަށެވެ. މިއީ އެރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދަކަށްވާއިރު މި މިސްކިތުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

މި މަސައްކަތުގެ ކޮންޓްރެކްޓަރު ނޫރައްދީން އިންވެސްޓްމަންޓްގެ މެނޭޖަރ ޢަބްދުﷲ ސާލިހު ވަނީ އެއްބަސްވުމުގައިވާ މުއްދަތުގައި މަސައްކަތް ނިންމުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފައެވެ.

މީދޫގައި އިމާރާތްކުރަން އެއްބަސްވި މި މިސްކިތަކީ ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ. މި މަޝްރޫއަކީ 13,947,943.70 (ތޭރަ މިލިއަން ނުވަލައްކަ ސާޅީސް ހަތްހާސް ނުވަސަތޭކަ ސާޅީސް ތިން ރުފިޔާ ހަތްދިހަ ލާރި)ގެ މަޝްރޫއެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް