މިހާރު ކުރިއަށްދާ ހޭންޑްބޯޅަ މޯލްޑިވްސް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލްގައި ވާދަކުރާ ހަތަރު ޓީމު ކަށަވަރުވެއްޖެ އެވެ.
ސެމީގައި ވާދަކުރާނެ ހަތަރު ޓީމު ކަށްވަރުވީ އަންގާރަ ދުވަހުގެ ރޭ ކުރިއަށް ދިޔަ ކުއާޓާ ފައިނަލް މެޗުތަކުންނެވެ. ކުއާޓާގެ ފުރަތަމަ މެޗުގައި ބައްދަލު ކުރީ އޮރިކްސް އާއި ޒެފްރޯލް އެވެ. އެ މެޗު އޮރިކްސް އިން ކާމިޔާބު ކުރީ 26-8 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އޮރިކްސްގެ ފާތިމަތު އަރޫޝާ އެވެ. ދެ ވަނަ މެޗުގައި ރެޑްހޯކްސް ނިކުތީ ސުޕަ ޖެެރޭޝަން ސްޕޯޓްސް (އެސްޖީސީ)އާ ދެކޮޅަށެވެ. އެސްޖީސީގެ މައްޗަށް 30-21 އިން ކުރި ހޯދީ ރެޑްހޯކްސް އެެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޔަޝްފާ އާދަމް އެވެ. ތިން ވަނަ މެޗުގައި ކީންސް ވަނީ 41-16 އިން ދިވެހި ސިފަައިންގެ ކުލަބުގެ މައްޗަށް ކުރި ހޯދައިފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކީންސްގެ ޙައްވާ ސުލައިމާން އެވެ. ކުއާޓާގެ ފަހު މެޗުގައި ތޫޅާދޫ ޔަންގް އީގަލްސް ވަނީ ޕްރޯ ސްޕޯޓްސް ކުލަބުގެ މައްޗަށް 24-15 އިން ކުރި ހޯދައިފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޝިޒްނާ ރަޝީދު އެވެ.
މުބާރާތުގެ ސެމީ ފައިނަލްގައި އޮރިކްސް ނިކުންނާނީ ރެޑްހޯކްސްއާ ދެކޮޅަށެވެ. ސެމީ ފައިނަލްގެ ފަހު މެޗުގައި ކީންސް ނިކުންނާނީ ތުޅާދޫއާ ދެކޮޅަށެވެ. ސެމީ ފައިނަލްގެ މެޗުތައް ކުރިއަށް ދާނީ ބުދަ ދުވަހުގެ ރޭ އެވެ.