ގެވެށި އަނިޔާއާއި ދުރު މުޖުތަމަޢުއެއް ބިނާކުރުމަށް މަގުފަހިކުރުމަށް ކުރިއަށްގެންދާ ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް މ.އަތޮޅުގައި ކުރިއަށް ގެންގޮސްފި އެވެ.
އެގޮތުން މި ކެމްޕެއިންގެ ދަށުން ޢާއިލީ ގުޅުންތައް ހަރުދަނާ ކުރުމާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރު ކުރުމަށް މ ދިއްގަރު، މަޑުއްވަރީ އަދި ރަތްމަންދޫގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ކުރިއަށްގެންދާ ގެވެށި ގުޅުން ކެމްޕެއިންނަކީ މުޖުތަމައުގައި އިތުރުވަމުން އަންނަ ގެވެށި އަނިޔާގެ މައްސަލައާ ގުޅޭ ގޮތުން ރައްޔިތުން ހޭލުންތެރިކުރުމުގެ މަގްސަދުގައި ކުރިއަށްގެންދާ ކެމްޕެއިނެކެވެ. އެގޮތުން ފުޅާ ދާއިރާގައި މިކެމްޕެއިންގެ ހަރަކާތްތައް ރާއްޖޭގެ އެކި ކޮޅުތަކުގައި ކުރިއަށް ގެންދިއުމަށް 358 ފެސިލިޓޭޓަރުން މިހާތަނަށް ވަނީ ތަމްރީން ކޮށްފައެވެ.
މި ޓްރެއިނިންގ ޕްރޮގްރާމުގައި، ގެވެށި އަނިޔާ އަކީ ކޮބައިކަމާއި، އަނިޔާ ހިނގާގޮތާއި، އޭގެ ސަބަބުން ކުރާ ނޭދެވޭ އަސަރާއި، އަނިޔާ ލިބޭ މީހަކު ދެނެގަންނާނެ ގޮތްތަކާއި، އަނިޔާ ލިބޭ މީހަކަށް އެހީތެރިވުމުގެ ގޮތުން ކުރެވޭނެ ކަންކަމާއި، އަނިޔާ ލިބޭ މީހުންނަށް ރާއްޖޭގައި ފޯރުކޮށްދެވޭ ޚިދުމަތްތަކާ ގުޅޭގޮތުން ބައިވެރިންނަށް މައުޅޫމާތު ދެއެވެ. އަދި އާއިލާގެ ތެރޭގައި މައްސަލަތައް ކުރިމަތިވާން މެދުވެރިވާ ސަބަބުތަކާއި، އެފަދަ މައްސަލަތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުގެ އިތުރުން އާއިލީ ގުޅުން ބަދަހިކުރުމަށްޓަކައި ކުރެވޭނެ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މި ޓްރެއިނިންގ ޕްރޮގްރާމްގައި މައުލޫމާތު ފޯރުކޮށްދެއެވެ.
މ.އަތޮޅުގެ ތިން ރަށެއްގައި މީހުން ހޭލުންތެރިކުުރުމުގެ ގޮތުން ކުރިއަށްގެންދާ ސެޝަންތަކަށް ބައިވެރިންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބެމުން އަންނަ ކަމަށް މައުލޫމާތުލިބިފައިވެއެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައިވެސް ގެވެށި އަނިޔާއަށް ހޭލުންތެރިކުރުމުގެ ގޮތުން އެކި އުމުރުފުރާތަކަށް އަމާޒުކޮށްގެން ޕްރޮގްރާމްތައް ހިންގުމަށް ވަނީ ނިންމާފައެވެ.
ގެވެށި ގުޅުން ކެމްޕެއިނަކީ ގެވެށި އަނިޔާ އާ ދުރު މުޖުތަމަޢުއެއް ބިނާކުރުމަށް މަގުފަހިކުރުމުގެ ގޮތުން 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހު ޖެންޑަރ މިނިސްޓްރީގެ ފަރާތުން ފެށި ކެމްޕެއިނެކެވެ. މި ކެމްޕެއިންގެ ދަށުން މިހާތަނަށް ގިނަ ހަރަކާތްތަކެއް އެ މިނިސްޓްރީގެ ފަރާތުން ވަނީ ކުރިއަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ވީޑިއޯ ލަވަ، ޓީވީ ޕްރޮގްރާމް ސީރީސް، ރޭޑިއޯ ޑްރާމާ ސީރީސް، ކުޑަކުދިންގެ ވާހަކަ ފޮތް ސީރީސް، ބިލްބޯޑް، މަޖައްލާ، ބުކްލެޓް އަދި ލީފްލެޓް ފަދަ ތަކެތި ތައްޔާރުކުރުން ހިމެނެއެވެ.
މި ޕްރޮގްރާމަކީ ސަރުކާރުގެ ބަޖެޓުންނާއި، ގެވެށި ގުޅުން ކެމްޕެއިނަށް ޕާކިސްތާނު ސަރުކާރުން ފޯރުކޮށްދީފައިވާ ފަންޑުން ޚަރަދުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.