ޖޫން މަހުގައި އެއްބަސްވުން ހަމަވާ ހަތް ކުޅުންތެރިއަކު ދޫކޮށްލަން ލެސްޓާ ސިޓީއިން ނިންމައިފިއެވެ.
ކަގްލާ ސޮޔުންކޫއާއި ޑެނިއެލް އަމާޓޭ ހިމެނޭހެން ހަތް ކުޅުންތެރިން ދޫކޮށްލަން އެ ޓީމުން ނިންމީ ލީގުގެ ފަހު މެޗަށްފަހު ރެލިގޭޓު ވުމުންނެވެ. ތުރުކީގެ ޑިފެންޑަރު ސޮޔުންކޫ އެ ޓީމާ ގުޅުނީ 2018 ވަނަ އަހަރުއެވެ. އޭނާ ވަނީ ލެސްޓާއަށް 100އަށްވުރެ ގިނަ މެޗު ކުޅެދީފައެވެ. އަމާޓޭ ލެސްޓާއާ ގުޅުނީ އެ ޓީމުން ލީގު ކާމިޔާބުކުރި 2016 ވަނަ އަހަރުއެވެ.
ޓީމުން ދޫކޮށްލާ މީހުންގެ ލިިސްޓުގައި ޔޫރީ ޓިލެމަންސްވެސް ހިމެނެއެވެ. 2019 ވަނަ އަހަރު ޓީމާ ގުޅުނު ޓިލެމަންސް ލެސްޓާ ދޫކޮށްލާކަން މީގެ ކުރިންވެސް ވަނީ އިއުލާނުކޮށްފައެވެ. އޭނާގެ އިތުރުން މި ލިސްޓުގައި ހިމެނެނީ މެންޑީ، ބާޓްރެންޑް، އަޔޯޒޯ ޕެރެޒް އަދި ޓެޓޭއެވެ.
ލެސްޓާއިން ދަނީ ޖޯނީ އިވަންސްގެ އެއްބަސްވުން އައު ކުރުމަށް މަސައްކަތް ކުރަމުންނެވެ. އޭގެއިތުރުން ހަމްޒާ ޗޯދަރީގެ އެއްބަސްވުން 2024 ވަނަ އަހަރާ ހަމައަށް އައުކުރުމަށް ވަނީ ނިންމާފައެވެ.
ރަނގަޅު ކުޅުމެއް ދައްކަމުން އައި ލެސްޓާ މި ސީޒަނުގައި ރެލިގޭޓުވުމުން އިތުރު ބައެއް ކުޅުންތެރިންވެސް ޓީމު ދޫކޮށްލާނެކަމަށް ބެލެވެއެވެ.