އަޟްހާ އީދާ ގުޅިގެން ޖޫން މަހުގެ 25ން 29ށް ބަންދުކަމަށް ކަނޑައަޅާފައިވާތީ މިމަހުގެ މުސާރަ ފިނޭންސް މިނިސްޓްރީން ޕްރޮސެސްކުރާނެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 22 ކަމުގައި އެމިނިސްޓްރީން ބުނެފިއެވެ.
މިކަމާއި ގުޅިގެން މިނިސްޓްރީން ނެރުނު ސަރކިޔުލަރގައި ބުނެފައިވަނީ ޖޫން މަހުގެ މުސާރައިގެ އިތުރުންދޭ ދުވަހުގެ އަދަދުން ހިސާބު ކުރާ އިނާޔަތްތަކާއި، އިތުރު ގަޑީގެ ފައިސާ އަދި ގަޑީލާރި ހިސާބުކުރުމުގެ މުއްދަތަކަށް ބަލާނީ 16 މޭ އިން 10 ޖޫންގެ ނިޔަލަށްކަމަށެވެ.
އަދި ދައުލަތުގެ އެކައުންޓިންގ ސޮފްޓްވެއަރ ގެ "އެކައުންޓްސް ޕޭޔަބަލް މޮޑިޔުލް" ބޭނުންކުރާ އޮފީސްތަކުން މުސާރަ ވައުޗަރު 19 ޖޫން ވަނަ ދުވަހުގެ މެންދުރު 2ގެ ކުރިން ސިސްޓަމްގައި ޕޯސްޓްކޮށް ނިންމުމަށް ވަނީ އެދިފައެވެ.
ދައުލަތުގެ އެކައުންޓިންގ ސޮފްޓްވެއަރ ގެ "އެޗް.އާރު މޮޑިއުލް" ބޭނުންކުރާ އޮފީސްތަކަށް މުސާރަ ޕޯސްޓްކުރުމަށްޓަކައި 18 ޖޫން ވަނަ ދުވަހުގެ އިރުއޮއްސި 6:00 އަކީ ފިނޭންސް މިނިސްޓްރީގެ ސިސްޓަމް "އެގްޒިޓް"ކުރަން ހަމަޖެހިފައިވާ ވަގުތަށްވާތީ އެކަމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ދައުލަތުގެ އެކައުންޓިންގ ސޮފްޓްވެއަރ ގެ "އެޗް.އާރު މޮޑިއުލް" ބޭނުންކުރާ އޮފީސްތަކުން 19 ޖޫން ވަނަ ދުވަހުގެ މެންދުރު 2ގެ ކުރިން މުސާރަ ޕޯސްޓްކުރުމަށް ވަނީ އެދިފައެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ހައްޖު ދުވަހަކީ މި މަހުގެ 27 ވަނަ ދުވަހެވެ. އީދު ދުވަހުގެ މުނާސަބަތާ ގުޅިގެން ތިން ދުވަސް ބަންދު ކަމަށް ކަލަންޑަރުގައި ވަނީ ކަނޑައަޅައިފައެވެ. ނަމަވެސް ހައްޖު ދުވަހުގެ ކުރިން އަންނަ 25 އަދި 26 ވަނަ ދުވަސް ވެސް ބަންދުކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ނިންމަވާފައިވާތީ ހައްޖު ދުވަހާއި އީދު ދުވަހާ ގުޅިގެން ހަފުތާ ބަންދު ދުވަސްތަކާ އެކު ބޮޑު ބަންދެއް ލިބެއެވެ.