އިނގިރޭސި ޕްރިމިއާ ލީގުގެ ޓޮޓެންހަމްގެ ކެޕްޓަން ހޫގޯ ލޮރިސް މި ސީޒަނަށް ފަހު އެ ކުލަބު ދޫކޮށްލަން ބޭނުންވާ ކަމަށް ބުނެފި އެވެ.
އުމުރުން 36 އަހަރުގެ ތަޖުރިބާ ކާރު ގޯލް ކީޕަރު ޓޮޓެންހަމާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ އަންނަ އަހަރު އެވެ. ނަމަވެސް މި ސީޒަނަށް ފަހު ކުލަބު ދޫކޮށްލަން އޭނާ ވަނީ ނިންމައިފަ އެވެ. އެކަން ހާމަކޮށް ލޮރިސް ބުނީ، މިއީ ކާމިޔާބު ޒަމާންތަކެއްގެ ނިމުން ކަމަށެވެ. ލޮރިސް ބުނީ އޭނާގެ ހިތުގައި އެހެން ކަމަކަށް އެދުމެއް އޮތް ކަމަށާއި، ކުރިއަށް އޮތް ތަނުގައި ކުރެވެން ހުރި ކަންކަން ވަރަށް ފަރުވާތެރިކަމާއެކު ބަލައި، ދިރާސާ ކުރާނެ ކަމަށެވެ. އެކަން ފާހަގަކޮށް ލޮރިސް ބުނީ، ޓޮޓެންހަމްގެ އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮތްކަން އޭނާ ހަނދާން ނުނެތޭ ކަމަށެވެ. ބޭރުގެ ބައެއް މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން އެކަމަށްޓަކައި ލޮރިސް ޓޮޓެންހަމާއެކު މަޝްވަރާ ކުރާނެ އެވެ. އެއަށްފަހު އެކަމުގައި އެންމެ ރަނގަޅު ގޮތެއް އޭނާ ނިންމާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ފްރާންސް ލީގުގެ ލިއޯން ދޫކޮށް އޭނާ ޓޮޓެންހަމަށް ބަދަލުވީ 2012 ވަނަ އަހަރު އެވެ. އޭގެ ފަހުން މި ފާއިތުވި 11 އަހަރުގެ ތެރޭގައި އޭނާ ވަނީ 447 މެޗުގައި ޓޮޓެންހަމްގެ ގޯލު ބަލަހައްޓައިފަ އެވެ. އެ ޓީމާއެކު އޭނާ ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލެއްގައި އަދި ކަރަބޯ ކަޕްގެ ދެ ފައިނަލެއްގައި ކުޅެފަ އެވެ. ލޮރިސް އަންނަނީ 2015 ވަނަ އަހަރުގެ އޯގަސްޓު މަހުން ފެށިގެން ޓޮޓެންހަމްގެ ކެޕްޓަންގެ ޒިންމާ އަދާ ކުރަމުންނެވެ. ކުރީގެ ކެޕްޓަން ޓީމު ދޫކޮށްލުމާއެކު، ލޮރިސް އަށް އެ ޒިންމާ ހަވާލު ކުރީ ކުރީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އެވެ.
ޓޮޓެންހަމް ދޫކޮށްލުމަށް ފަހު ލޮރިސް ގުޅެން ބޭނުން ވަނީ އޭނާގެ ކުރީގެ ކުލަބު، ނީސް އަށް ކަމަށް މީޑިއާ ތަކުން ބުނެ އެވެ. ނީސް އަކީ ލޮރިސް އޭނާގެ ސީނިއާ ކެރިއަރު ފެށި ކުލަބު ވެސް މެއެވެ. 2004 އިން ފަށައިގެން އޭނާ ވަނީ 2008 ވަނަ އަހަރާ ހަމައަށް ނީސް އަށް ކުޅެފަ އެވެ. އެ ޓީމަށް 78 މެޗުގައި ގޯލު ބަލަހައްޓައި ދިނުމަށް ފަހު ދެން ބަދަލުވީ ލިއޯން އަށެވެ. ލޮރިސް އަކީ ފްރާންސް ޤައުމީ ޓީމުގެ ގޯލު ވެސް ބަލަަހައްޓާފައިވާ އިތުބާރު ބޮޑު ގޯލް ކީޕަރެކެވެ. ނަމަވެސް މިިދިޔަ އަހަރު ޤަތަރުގައި ނިމުނު ފީފާ ވޯލްޑް ކަޕަށް ފަހު އޭނާ ވަނީ ޤައުމީ ޓީމަށް ކުޅުން ހުއްޓާލައިފަ އެވެ.