އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓްގެ ސަބަބުން ރާއްޖެ އާއި ބައިނަލްއަޤުވާމީ ދުނިޔެއާއި ގުޅާލެވި ރާއްޖެ އަށް އިންވެސްޓަރުންގެ އިތުބާރު ބޮޑުވެގެން ދާނެ ކަމަށް އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެކްސްޓަރނަލް އެފެއާޒް ވީ.މުރަލީދަރަން ވިދާޅުވެއްޖެއެވެ.
އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓް އަޕްގްރޭޑް ކުރުމުގެ ގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޭނާ ވަނީ އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ފެށުމުން އެކަމަށްޓަކާ ރާއްޖޭގެ ރައްޔިތުންނަށް އިންޑިއާ ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަހުނިޔާ ވިދާޅުވެފައެވެ. ގަން އިންޓަރނޭޝަނަލް އެއާޕޯޓަކީ ރާއްޖެ އާއި އެހެން ޤައުމުތަކާއި ގުޅުވާލަދޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ރާއްޖޭގެ ދެކުނާއި ދުނިޔެ އާއި ގުޅުވާލާނެ ކަމެއް ކަމަށާއި އެކަމުގެ ސަބަބުން މަސްވެރިކަން ފަދަ ސިނާއަތުތަކަށް ވެސް ފައިދާ ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ރާއްޖެ އާއި އިންޑިއާ އާއި ދެ ޤައުމު ގުޅިފައި ވަނީ ހަމައެކަނި ގުދުރަތީ ގޮތުން ނޫން ކަމަށާއި އުޖާލާ މުސްތަޤުބަލެއް ބިނާކުރުމުގެ އުންމީދުގެ ސަބަބުން ވެސް ދެޤައުމު ގުޅިފައި ވާކަމަށެވެ. އަދި އޭނާ ވަނީ ރާއްޖޭގައި އިންޑިއާގެ އެހީ އާއި އެކު ކުރިއަށް ގެންދާ މަޝްރޫއުތަކަށް އަލިއަޅުވާލައްވާފައެވެ.
އިންޑިއާގެ އުންމީދަކީ ދުވަހަކަށް ވުރެ ދުވަހެއް ރާއްޖެ ކުރިއެރުން ކަމަށް އޭނާ ވިދާޅުވިއެވެ. އިތުރަށް އޭނާ ވިދާޅުވީ ރާއްޖެ އާއި އިންޑިއާއިން އެކުގައި މަސައްކަތްކުރަމުން ދަނީ ދެ ޤައުމުގެ ރައްޔިތުންގެ ލާބަ އާއި މަންފާ އަށްޓަކާ ކަމަށެވެ. އިންޑިއާ ކަނޑުގެ ސަރަހައްދުގައި ރާއްޖެ އަކީ އިންޑިއާ އަށް ވަރަށް މުހިންމު ބައިވެރިއެއް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންރަ މޯދީގެ އިރުޝާދާއި އެކު ދެ ޤައުމުން އެކުގައި މަސައްކަތް ކުރަމުން ދަނީ ސަރަހައްދީ ސުލްހަ އާއި ހަމަޖެހުން ދަމަހެއްޓުމަށް ކަމަށް މުރަލީދަރަން ވަނީ ވިދާޅުވެފައެވެ.
ރާއްޖެ އާއި އިންޑިއާ އަށް އަބަދުވެސް އެއް ޤައުމު އަނެއް ޤައުމާއި މެދު އޮތް ގުޅުމަށް އިސްކަން ދޭ ކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ދެ ޤައުމުން މަސައްކަތްކުރަމުން ދަނީ ދުވަހަކަށް ވުރެ ދުވަހެއް އެ ގުޅުން ހަރުދަނާކުރުމަށް ކަމަށެވެ. ދެ ޤައުމަށް ދިމާވަ ގޮންޖެހުންތަކުން އަރައިގަތުމަށް ވެސް އެކުގައި މަސައްކަތް ކުރާ ކަމަށާއި އޭގެ ތެރޭގައި ކޮވިޑްގެ ބަލިމަޑުކަމާއި، ބައިނަލްއަޤުވާމީ އެހެނިހެން ކަންކަން ހިމެނޭ ކަމަށް މުރަލީދަރަން ވަނީ ވިދާޅުވެފައެވެ.
އޭނާ އިތުރަށް ވިދާޅުވީ ފާއިތުވި އަހަރުތަކުގައި ރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިވެފައިވާ ކަމަށެވެ. މިހާރު އިންޑިއާ އަކީ ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރީގެ ބައިވެރިޔާ ކަމަށް އޭނާ ވިދާޅުވެފައެވެ. އިންޑިއާގެ ތަޖުރިބާގެ އަލީގައި ރާއްޖޭގެ ކުރިއެރުމަށް މަގުފަހިކޮށްދިނުމަށް މަސައްކަތްކުރުމުގެ އިތުރުން އިންޑިއާ އިން ރާއްޖެ އަށް އިންވެސްޓް ކުރާ މިންވަރުވެސް އިތުރުވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. މިއީ އެންމެން އެކުލެވޭހެން ތަރައްޤީ ގެނައުމަށް ކުރާ މަސައްކަތަށް ބާރު ލިބޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.