ދިވެހި ރައްޔިތުން ތިބީ ގުނބޯ ހެއްދޭ ވަރަށްވުރެ މާ ބޮޑަށް ހޭލުންތެރިވެފައިކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ އާދީއްތަ ދުވަހު ހަވީރު ބޭއްވުނު ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުއްދައްކަވަމުންނެވެ.
މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ ސަރުކާރުން މިހާތަނަށް ކުރިއަށްގެންގޮސްފައިވާ މަޝްރޫއުތަކާ ގުޅިގެން ފިތުނަ އުފެއްދުމަށް ބަޔަކު މަސައްކަތްކުރަމުންދާކަން ފާހަގަކުރައްވާފައެވެ. މިގޮތުން ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމެންޓްގެ މަސައްކަތް ކުރިއަށްދިޔައިރު، އެކި ގޮތްގޮތަށް މި ސަރުކާރަށް ފާޑުކިޔަމުންދިޔަކަން ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މިއަދު މި އެމަރުކަޒުވެސް ގާއިމްކޮށް އެ މަރުކަޒުން ދިވެހިންނަށް ތަމްރީނުދެމުންދާކަމާއި، އެ މަރުކަޒުން ތަމްރީނުދެނީވެސް ދިވެހިން ކަން ޝާހިދު ފާހަގަކުރެއްވިއެވެ.
ހެދިހާ ދޮގެއް ސާފުކޮށް ފެންނަން އޮތީމަ ދެނެއް އެ މަގަކަށް ނުގެންދެވޭނެ. ވިއްކާނެ އެއްޗެއް ނެތިގެން ބޮލަށް ދޮލަނގު ލައިގެން ދޮލަނގަށް ނަފުރަތު ލައިގެން ވިއްކަން ނުކުމެ އެތިބީ. ދިވެހި ރައްޔިތުންނެއް ދެނެއް އެ ދޮލަނގަކުން އެއްޗެއް ނުގަންނާނެ.ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
އައްޑޫގައި ބިން ހިއްކުމުގެ މަސައްކަތާއި، ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މިއަދު ވަނީ ފައްޓަވައިދެއްވާފައެވެ. މި މަސައްކަތްތަކުން ވެސް އެނގެނީ އައްޑޫއަށް ތަރައްގީ ގެނެސްދެއްވުމަށާއި، ދެކުނުގެ އިގްތިޞާދު ކުރިއަރުވަން ސަރުކާރުން ދެއްވާ ޚާއްސަ އަހައްމިއްޔަތުކަން ޝާހިދު ފާހަގަކުރެއްވިއެވެ.
މި މަޝްރޫއުތަކުގެ ސަބަބުން ވިޔަފާރިއާއި ވަޒީފާގެ ފުރުސަތުތައްވެސް އުފެދިގެންދާނެކަން ޝާހިދު ފާހަަގަކުރެއްވިއެވެ.
މިފަދަ އެތައް މަޝްރޫއުތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ މިކަން މިހެން ހިނގަނީ ބޭރުގެ ހިލޭ އެހީއާއި ލޯނު އެހީތަކަށް މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުން މަރުހަބާ ކިޔާތީ ކަމަށެވެ. މިއަދު މިފެންނަނީ ދުނިޔޭގެ ގައުމުތަކާ ގުޅުން ބަދަހިކުރައްވަން ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މަސައްކަތްޕުޅުގެ ހެޔޮ ނަތީޖާ ކަމަށް ޝާހިދު ވިދާޅުވިއެވެ.