މި ސީޒަނަށްފަހު ބާސެލޯނާ ދޫކޮށްލަން ނިންމާފައިވާ ޑިފެންޑަރު ޖޯޑީ އަލްބާ ހޯދުމުގެ ޝައުޤުވެރިކަން އިޓާލިއަން ލީގުގެ އިންޓަ މިލާން އާއި ޕޯޗުގަލްގެ ބެންފީކާ އިން ގެންގުޅޭ ކަމަށް މީޑިއާތަކުން ބުނެފި އެވެ.
ބާސެލޯނާ ދޫކޮށްލަން ނިންމާފައިވާ އަލްބާ މިހާރު އަންނަނީ އޭނާ މުސްތަޤުބަލުގައި ކުޅޭނެ ކުލަބެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ސްޕެނިޝް ލީގުގައި ބާސެލޯނާ އިން ސެލްޓަ ވިގޯއާ ދެކޮޅަށް ކުޅޭ މި ސީޒަންގެ ފަހު މެޗުގައި އަލްބާ ފެންނާނެ ކަމަށް ނުބެލެވެ އެވެ. ރިޕޯޓުތަކުގައިވާ ގޮތުން އިންޓަ އާއި ބެންފީކާ އިން ވެސް ބޭނުންވަނީ އަލްބާ އަށް އެއް އަހަރު ދުވަހުގެ އެއްބަސްވުމެއް ދިނުމަށެވެ. ނަމަވެސް އަލްބާ ބޭނުންވާނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކުލަބަކަށް ބަދަލުވާން ކަމަށް ވެސް ވަނީ ބުނެފަ އެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި އަލްބާ ކުރިމަގާ މެދު ގޮތެއް ނިންމާނެ އެވެ. އަނެއްކޮޅުން ސައުދީ ޕްރޯ ލީގުގެ ކުލަބުތަކުން ވެސް އަލްބާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަަމަށް ވަނީ ބުނެފަ އެވެ. ނަމަވެސް އެއީ ކޮން ކުލަބެއްކަން މިހާތަނަށް ހާމަވެފައެއް ނުވެ އެވެ.
ވެލެންސިއާ ދޫކޮށް އަލްބާ ބާސެލޯނާ އަށް ބަދަލުވީ 2012 ވަނަ އަހަރު އެވެ. އޭގެ ފަހުން އެ ކުލަބުގައި ހޭދަ ކުރި 11 ސީޒަނުގައި އޭނާ ވަނީ ބާސެލޯނާ އަށް 459 މެޗު ކުޅެދީ 27 ލަނޑު ޖަހައިފަ އެވެ. ބާސެލޯނާއާއެކު އޭނާ ވަނީ 17 ތައްޓެއް ވެސް ކާމިޔާބުކޮށްފަ އެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގު، ކޮޕަ ޑެލް ރޭ، ސްޕެނިޝް ސުޕަ ކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު އަދި ފީފާ ކުލަބު ވޯލްޑް ކަޕް ހިމެނެ އެވެ. އަލްބާ ބާސެލޯނާ ދޫކޮށްލަން ނިންމީ، އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިންނެވެ. އެހެންކަމުން އެއްބަސްވުމުގެ ބާކީ އޮތް އެއް އަހަރަށް ލިބެން އޮތް މުސާރަ ވެސް އަލްބާ ވަނީ ދޫކޮށްލައިފަ އެވެ.