ހިންދީ އެކްޓްރެސް އަލްކާ ކައުޝަލް އަށް ދެ އަހަރުގެ ޖަލުހުކުމެއް އިއްވައިފިއެވެ.
އަލްކާ ޖަލަށް ލާފައިވަނީ ޗެކް ބައުންސްގެ މައްސަލާގައި ކަމަށް އިންޑިއާގެ ހިންދުސްތާން ޓައިމްސްގައި ބުނެފައި ވެއެވެ.
އުމުރުން 47 އަހަރުގެ އަލްކާ އެންމެ ފަހުން ފެނިގެން ދިޔައީ ސަލްމާން ޚާންގެ "ބަޖްރަންގީ ބައިޖާން" އިން ކަރީނާ ކަޕޫރުގެ މަންމައެއްގެ ރޯލުންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އަލްކާ ދެ އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ 25 ލައްކަ ރުޕީސްގެ ޗެކް ބެލެންސް މައްސަލައެއް ސާބިތުވުމުންނެވެ. ދަނޑުވެރިއެއް ކަމަށްވާ އަވްތާރު ސިންގް އަތުން 50 ލައްކަ ރުޕީސްގެ ލޯނެއް ނަގުމަށްފަހު ލޯނުގެ ފައިސާ އަނބުރާ ދެއްކިއިރު އެ މީހުން ދިން ދެ ޗެކް ވެސް ބައުންސްވެ ދެ މައިންނަށް މައްސަލަތަކާ ކުރިމަތިވިއެވެ. އަދި އެ މައްސަލަ ވަނީ ކޯޓަށް ހުށަހަޅާފައެވެ.
ޕަންޖާބު ކޯޓުން ފުރަތަމަ މި ހުކުމް ކޮށްފައިވަނީ 2015 ވަނަ އަހަރު ކަމަށް ވިޔަސް އަލްކާ އާއި އެނޭގެ މަންމަ ވަނީ މިމައްސަލަ އިސްތިއުނާފް ކޮށްފައެވެ. އެހެން ނަމަވެސް އަލުން އިސްތިއުނާފު ކުރި ކޯޓުން ވަނީ އެމައްސަލައަށް ތާއިދުކޮށް ދެ އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ.
އަލްކާ ކައިވެނި ކޮށްގެން އުޅެނީ ޓީވީ ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ ރަވީ ޖީ ކައުޝަލްއާ އެވެ. އަލްކާ ވަނީ ޓީވީ ސީރީޒްތަކުން ވެސް ފެނިގެން ގޮސްފައެވެ. އޭގެ ތެރޭގައި ހިންދީ ޑްރާމާ "ގަބޫލް ހޭ"، "ކުމްކުމް" އަދި "ސްވަރާގިނީ" ހިމެނެއެވެ. އޭނާ ވަނީ ހިންދީ ފިލްމު "ކުއީން" ގައި ކަންގަނާ ރަނާވަތުގެ މަންމަގެ ރޯލު ވެސް އަދާކޮށްދީފައެވެ.