އައްޑޫ ސިޓީ
|
3 ޖޫން 2023 | ހޮނިހިރު 22:23
އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫއު އިފްތިތާހުކޮށްދެއްވައި ރައީސް ވާހަކަފުޅުދައްކަވަނީ
އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫއު އިފްތިތާހުކޮށްދެއްވައި ރައީސް ވާހަކަފުޅުދައްކަވަނީ
ރައީސް އޮފީސް
އައްޑޫ ސިޓީގެ ތަރައްގީގެ މަޝްރޫއުތައް
މި ފެށުނީ، ހުޅުވާލެވިފައިވާ ވަރުގަދަ ސިޓީއެއްގެ ގޮތުގައި އައްޑޫސިޓީ ތަރައްގީކުރުމުގެ އަމަލީ މަސައްކަތް - ރައީސް
 
އިތުރު މަޝްރޫއެއްގެ ދަށުން 42 ހެކްޓަރުގެ ބިން ހުޅުމީދޫއަށް އިތުރުކުރުމަށް، 179 މިލިއަން ރުފިޔާގެ މަޝްރޫއެއް ހިންގޭނެ

އައްޑޫ ސިޓީގެ ބިން އިތުރުކުރުމުގެ ބޮޑު މަޝްރޫއާއެކު އެ ސިޓީއަކީ ދުނިޔެއަށް ހުޅުވާލެވިފައިވާ ވަރުގަދަ ސިޓީއެއްގެ ގޮތުގައި ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުނީކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އައްޑޫ ސިޓީއަކީ ދުނިޔެއަށް ހުޅުވާލެވިފައިވާ ވަރުގަދަ ސިޓީއެއްގެގޮތުގައި ތަރައްގީކުރުމަކީ މީގެ ކުރިން ހަމައެކަނި ދެކެވޭ ވާހަކަތަކެއްގެ ގޮތުގައި އޮތް ކަމެއް ނަމަވެސް، މިހާރު ބިން އިތުރުކުރުމުގެ މި ބިޔަ މަޝްރޫއާއެކު ތަރައްގީގެ ހެޔޮ ބަދަލު އައްޑޫ ސިޓީގައި އަމަލީގޮތުން ފެށުނީ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ހަވީރު އައްޑޫސިޓީގެ މަރަދޫއާއި ހަންކެޑެ ގުޅޭ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި، އައްޑޫސިޓީއަށް ބިން އިތުރުކުރުމުގެ ބިޔަ މަޝްރޫއު ރަސްމީގޮތުން ފައްޓަވައިދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޖުމްލަ 1.5 ބިލިއަން ރުފިޔާ ޚަރަދުކުރާ، އައްޑޫސިޓީގެ ބިން އިތުރުކުރުމުގެ ބިޔަ މަޝްރޫއުގެ ދަށުން އައްޑޫ ސިޓީއަށް 190 ހެކްޓަރުގެ ބިން އިތުރުކުރެވިގެންދާނެއެވެ. ހަމަ އެއާއެކު އިތުރު މަޝްރޫއެއްގެ ދަށުން 42 ހެކްޓަރުގެ ބިން ހުޅުމީދޫއަށް އިތުރުކުރުމަށް، 179 މިލިއަން ރުފިޔާގެ މަޝްރޫއެއް ހިންގޭނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އައްޑޫ ސިޓީގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށްވެސް އަލިއަޅުއްވައިލެއްވިއެވެ. އެގޮތުން އައްޑޫސިޓީގެ ބިން އިތުރުކުރުމުގެ މަޝްރޫއާއި މަގުހެދުމުގެ މަޝްރޫއު ކުރިޔަށްދަނީ ހަންކެޑެ ތަރައްގީކޮށް ނިމޭއިރު އެތަނާގުޅޭ ޕްލޭނާވެސް އެއްގޮތަށްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެކި ފަންތީގެ، ފަތުރުވެރިކަމާގުޅޭ ވަސީލަތްތަކަށް ފަހިވާގޮތަށް ހަންކެޑެ ފަރުމާކޮށް ތަރައްގީކުރާނީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މި މަޝްރޫއަކީ އިންޓަރގްރޭޓެޑް ރިޒޯޓް، ހޮޓާ، ގެސްޓް ހައުސް ހިމެނޭ، ވަށައިޖެހޭ މަޝްރޫއެކެވެ.

މިހާރު މިއޮތީ މަޝްރޫއު ފެށުމުގެ މަރުހަލާގަ. ކުރިޔަށް އޮތް 2 އަހަރުގެ ތެރޭގަ މަޝްރޫއުގެ މަސައްކަތް ނިންމާލެވޭނެ. ހަންކެޑެ މަޝްރޫއާ އަދި މިހާރު ރޭވިފައިވާ ހުރިހާ މަޝްރޫއުތަކެއް ނިމޭއިރު އައްޑޫ ސިޓީގަ 7000 ޓުއަރިސްޓް އެނދު އޮޕަރޭޓްކުރެވިގެންދާނެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ކުރިޔަށްގެންދާއިރު، ރައްޔިތުން ބޭނުންވާގޮތަށް ކުރިޔަށްގެންދިއުމަށް އިސްކަންދެއްވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން އައްޑޫ ސިޓީގެ މަގުހެދުމުގެ މަޝްރޫއުގެ ދަށުން، ކުރިން ކޮންކްރީޓް އަޅައިގެން ހަދަން ހަމަޖެހިފައިވާ 67 ކިލޯމީޓަރުގެ މަގުތައް ރައްޔިތުން އެދުނު ގޮތަށް ތާރުއަޅައިގެން ހެދުމަށް މިހާރު ހަމަޖެހިފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އައްޑޫސިޓީއަށް ކުރައްވާ 3 ދުވަހުގެ ދަތުރުފުޅުގައި، އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
100%
ކޮމެންޓް